ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެ ދިގު ރަންވޭއާއި އެކު މާފަރު ވާނީ އިގްތިސާދީ ހަބަކަށް: ރައީސް

ނ މާފަރު އެއާޕޯޓުގެ ރަންވޭ އަކީ ރާއްޖޭގެ އެންމެ ދިގު ރަންވޭއަށް ހަދައިދޭނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މާފަރުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ އެ ރަށުގެ އެއާޕޯޓް އިތުރަށް ތަރައްގީކުރުމަށްޓަކައި ބިން ހިއްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި މަސައްކަތް ނިމުމުން އެ ރަށު އެއާޕޯޓުގެ ރަންވޭ ވެގެން ދާނީ ރާއްޖޭގެ އެންމެ ދިގު ރަންވޭއަށް ކަމަށެވެ.

"އޭރުން ޔޫރަޕުން އަންނަ ފަތުރުވެރިން ސީދާ މިރަށަށް ފްލައިޓްގައި ޖައްސާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ޔޫއޭއީގައި ވެރިކަން ކުރާ އާއިލާއާއި ގުޅިފައިވާ ބަޔަކު ހަދައިދީފައިވާ އެއާޕޯޓެކެވެ.

ރައީސް މިއަދު ވިދާޅުވީ ޔޫއޭއީގެ މިއާއިލާއާ ގުޅިގެން މާފަރު ސަރަހައްދުގައި ޓޫރިޒަމްގެ މަޝަރޫއުއެއް ފެށުމުގެ ތައްޔާރުވަމުންދާ ކަމަށެވެ. މި ޕްރޮޖެކްޓާ އެކު ރާއްޖެއާއި ޔޫއޭއީއާ ދެމެދު އާ އެއާލައިނެއްގެ ދަތުރުތައް ފެށުމަށް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"މިކަމުގެ ތަފްސީލަށް އަޅުގަނޑު މިއަދު ނުދިޔަ ނަމަވެސް ކަން ނިމިގެންދާއިރުގައި މިތަން ވާނީ އެބޭފުޅުން އެ ވިދާޅުވާ ގޮތުގައި އެމީހުންގެ ހަބަކަށް،" ރައީސް ވިދާޅުވި އެވެ.

މާފަރު ސަރަހައްދުގައި ވަރަށް އަވަހަށް އައިލެންޑް އޭވިއެޝަންގެ ސީޕްލޭންގެ ދަތުރުތައް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގެ ރިޔާސީ އިންތިހާބުތަކުގައި ރައްޔިތުން ނިކުންނަނީ ގުޅިގެން ވެރިކަން ބަދަލުކުރުމަށް ކަމަށެވެ. ނަމަވެސް މިފަހަރު ދިވެހި ރައްޔިތުން ނިކުންނަނީ އެމްޑީޕީއަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައިދިނުމަށް ކަމުގައި ވިދާޅުވި އެވެ.

"ސަބަބަކީ އެމްޑީޕީން މި ސަރުކާރުން މިދިޔަ ފަސް އަހަރު ގައުމަށް ގެނެސްދިން ބަދަލުތައް ދެނެގަނެވި، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިދެމުންގެންދާތީ،" ރައީސް ވިދާޅުވި އެވެ.

މާފަރާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެރަށުގެ ސިއްހީ ހިދުމަތް ފުޅާކުރުމަށްޓަކައި ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ދެތިން ހަފްތާ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި ރަށަށް 25 ހެކްޓަރުގެ ބިން އިތުރަށް ހިއްކައިދޭނެ ކަމަށާއި މާފަރުގެ ބޮޑެތި މަގުތަކުގައި ތާރު އެޅިގެންދާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ރަށު ސްކޫލަށް ބޭނުންވާ ސައިންސް ލެބު ގާއިމުކޮށް މާފަރުގައި ޒަމާނީ ފެންވަރަށް ކުޑަކުދިންގެ ޕާކެއް އަދި މަސަް މާރުކޭޓެއް ހަދައިދޭނެ ކަމަށެވެ.