ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ދެއްވި ޔަގީންކަން: ވަޒީފާ ނުގެއްލޭނެ

ފުލުހުންނާއި ސިފައިން ސިޔާސީ ނުފޫޒުން އެއް ފަރާތްކޮށް ސިޔާސީ ގޮތުން ވަޒީފާ ދީފައި ތިބި މީހުންނަށްވެސް ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. ދިއްދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވައި އެ ދެ މުއައްސަސާގެ އަގުވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ވެރިކަމެއްގައި އެ މުއައްސަސާތަކާ ގުޅޭ ގާނޫނުތައް އިސްލާހުކޮށްގެން ނަމަވެސް އެތަންތަނަށް އޮތް ސިޔާސީ ނުފޫޒު ނައްތާލާނެ ކަމަށެވެ.

"އެ މުއައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީން އަޅުގަނޑު އަރުވަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސިޔާސީ ބޭނުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ބޭނުން ނޫން ވަރަށް ގިނަ ވަޒީފާ އުފައްދާ އެކި މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ. އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެންނަށްވެސް ވަޒީފާގެ ރައްކާތެރިކަން އޮންނާނެ ކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ކުންފުނިތަކުގެ އޮނިގަނޑަށް ނުވަތަ ހިންގުމަށް އަންނަ ބަދަލަކާއި ގުޅިގެން އެ ކުންފުންޏަކުން މީހެއްގެ ވަޒީފާ ގެއްލުނު ނަމަވެސް އެހެން ކުންފުންޏަކުން އެމީހަކަށް ވަޒީފާ ދޭނެ ކަމަށެވެ. އެހެންވެ އޭނާ އެދިވަޑައިގަތީ ސިޔާސީ ނުފޫޒާއި ވަޒީފާގައި ބިރުވެރިކަމުގައި އެއްވެސް މުވައްޒަފަކު ނުހުރުމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ދެކެ ލޯބިވާ ސަރުކާރެއް ނަމަ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވުމަށް އެދޭނެ ކަމަށެވެ. އެހެންކަމަށްވާނަމަ ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގައިދީ ރައްޔިތުން އެދޭ ކަންކަމުގައި ހަގީގީ ކުލަ ޖައްސައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އުތުރުގައި ދިއްދޫ އަކީ މުހިއްމު ރަށަކަށްވާއިރު ދިއްދޫގެ ތަރައްގީއަށް ވެސް ގިނަކަންތައްތަކެއް ކުރަންްޖެހޭ ކަމަށެވެ. އެގޮތުން ދިއްދޫގެ ބިން ހިއްކައިދިނުމަށްފަހު ދިއްދޫ ރައްޔިތުން އެންމެ އެދޭ އެއާޕޯޓް އެރަށުގައި އަޅައިދީ ސިޓީ ހޮޓަލެއްވެސް އަޅައިދީ ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

"މި ރަށް ތަރައްގީ ކުރުމަަށްޓަކައި ރައްޔިތުން ކުރަމުންދާ އުންމީދުތަކުގައި ކުލަޖައްސައިދިނުމަކީ އަޅުގަނޑު ހިތުގެ އަޑިން އުފަލާއެކުގައި ތިޔަބޭފުޅުންނަށް ކޮށްދޭނެކަމުގެ ޔަގީންކަން ދެން،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒުވާނުންނަށް ދީފައިވާ ބޮޑު އިސްކަން އޭނާގެ ވެރިކަމެއްގައިވެސް ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައ ޒުވާނުންނަށް ހަދައިދިން ކުޅިވަރު ވަސީލަތްތަކަށް އަޅާލުން ކުޑަވުމާ ގުޅިގެން ގިނަ ތަންތަން ހުރީ ވީރާނާވެފަ އެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ.