ވެރިކަން ކުރާނީ ޒާތީ ކަމެއް ނެތި އަދި ވަކި ޕާޓީއަކަށް ވެސް ބެލުމެއްނެތި މުޅި ގައުމަށް ފައިދާވާ ގޮތަށް ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. ކެލާގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ވެރިކަންކުރާނީ ވަކި ޕާޓީއެއްގެ ބަޔަކަށް ނޫން ކަމަށެވެ. މުޅި ގައުމުގެ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ކަމާއި އެކީގައި ވެރިކަން ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
"ހުރިހާ ރައްޔިތުންނަކީވެސް ހަމަހަމަ ބައެއް. އެ ރައްޔިތުން ނިސްބަތްވާ ޕާޓީ އެއްގެ ސަބަބުން އަޅުގަނޑުމެންގެ ވެރިކަމެއްގައި ތަފާތެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ގައުމަށް ހަމަޖެހުން އަންނަން އެބަ ޖެހޭ ކަމަށާއި ގައުމުގައި ހަމަޖެހުން ގާއިމު ވާނީ ވިސްނުން ތަރައްގީވެގެން ކަމަށެވެ. އަދި ބަދަލުހިފުމުގެ ރޫހު ދޫކޮށްލައި އަދުލުވެރިކަމާއި އިންސާފާއި އެކީގައި ކަންކަން ކުރަންޖެހޭނެ ކަމަށެވެ.
ގައުމުގެ މުސްތަގުބަލް އުޖާލާ ކުރުމަށްޓަކައި މަސައްކަތްކޮށް ގައުމުގެ އަނިޔާވެރިކަން ނައްތާލައި އިގްތިސޯދު ކޮޅަށް ޖެހުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއްވެ އުޅުމަކީ އަސާސީ ހައްގެއް ކަމަށާއި ރައްޔިތުން ފާޅުކުރަން ބޭނުންވާ ހިޔާލުތައް ފާޅުކުރަން ފުރުސަތު އޮންނަން ވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޭނާގެ ވެރިކަމެއްގައި އޮންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ކޮށް ތަރައްގީގެ މަޝްރޫތައް ހިންގަންޖެހޭ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއު ހިންގަންވާނީ އެކަމުން ރާއްޖެއަށް ހެވާ ލާބަ ލިބޭނެ ގޮތަށް ކަމުގައި ވިދާޅުވި އެވެ.
"ހަމައެކަނި ތަރައްގީގެ މަޝްރޫއެއް ހިންގުމަކުން ތަރައްގީ ނުވާނެ. މަޝްރޫއުތައް ހިންގަން ވާނީ ތަރައްގީ ލިބޭނެ ގޮތަށް. އެ މަޝްރޫތައްވެސް ވާން ވާނީ ރައްޔިތުންނަށް އެ މަޝްރޫތަކުން ފައިދާ ކުރާނެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް އެންމެ މުހިއްމު ކަންތައްތަކުގެ ތެރޭގައި ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ހައްގެއް ކަމަށާއި ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތް ފަހިކޮށްދިނުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ އެއްކަންތައް ކަމަށެވެ.
"ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ އަސާސީ ހައްގެއް. އެއީ ވަކި ރަށެއްގައި އޮންނަ ކަމެއް ނޫން. ވަކި ސިޓީއަކަށް ހާއްސަ ކަމެއް ނޫން. އެއީ ހުރިހާ ރައްޔިތުންނަށް ހާއްސަ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް ޕީއެންސީ ވެރިކަމުގައި ކެލާގެ ރައްޔިތުންނަށް އެ ރަށުން އިގުތިސާދީ ގޮތުން އެކި ކަހަލަ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށާއި އެ ރަށުގެ ފަޅު ތެރޭގައި ޓޫރިޒަމަށް ފުރުސަތުތައް ހުޅުވާލައި އެ ރަށުގެ ބިމުގައިވެސް އެކި ގޮތްގޮތުން ޓޫރިޒަމްގެ ގޮތުން ކުރިއަށް ދެވޭނެ މަގުތައް ފަހިކޮށްދެވިގެން ދާނެ ކަމަށެވެ.
"މިހާރުވެސް އެބައޮތް ކަމަށް ވަނީ ޓޫރިޒަމަށް ބިމެއް ދީފަ. އެހެންނަމަވެސް އެބިމަކުން ރަށަކަށް ފައިދާއެއް ނުކުރޭ. އެއީ އެއްވެސް ހާލެއްގައި ގާނޫނީ ގޮތުން ބެލިކަމުގައިވިޔަސް އެކަން އޮންނަން ޖެހޭނެގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަނޑުވެރިކަން ކުރާ ސަރަހައްދުތައް ކެލާގައި އިތުރަށް އާލާކޮށް، ތަރައްގީ ކުރުމަށް ކަރަންޓުގެ ވަސީލަތް ފޯރުކޮށްދިނުމާއި އަދިވެސް ދަނޑުވެރިން ބޭނުންވާ އެކިއެކި ކަންތައްތައް ފަހިކޮށްދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ވަރަށް އިސްކަން ދީގެން ހާސިލްކޮށްދޭނެ ކަމަށެވެ. ބަނދަރާއި ގުޅިގެން ބިން ހިއްކައި މަސްވެރިކަމުގެ ސިނާއަތް ތައާރަފު ކުރުމަށްޓަކައި ވިސްނާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.