ޕީޕީއެމް

ވިޔަފާރިވެރިޔާ އާއްޓޭ ޕީޕީއެމްއަށް ސޮއި ކުރައްވައިފި

ރާއްޖޭގައި މަޝްހޫރު އެޕޯލޯ ކުންފުނީގެ ވިޔަފާރިވެރިޔާ އަހްމަދު އާރިފް (އާއްޓޭ) ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.

އާއްޓޭ ޕީޕީއެމް އަށް ސޮއި ކުރެއްވީ މިރޭ ދ. ކުޑަހުވަދޫގައި ބޭއްވި ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޖަލްސާ ގައެވެ.

އާއްޓޭގެ މެންބަޝިޕް ފޯމާ ހަވާލުވެވަޑައިގަތީވެސް މުއިއްޒު އެވެ.

ތަފާތު ވިޔަފާރިތައް ކުރައްވާ ބޭފުޅެއް ކަމަށްވާ އާއްޓޭ ޕީޕީއެމްއަށް ސޮއިކުރައްވާފައި މިވަނީ އެމްޑީޕީގައި ހުންނެވުމަށްފަހު އެވެ.

އެމްޑީޕީގެ ތެރޭގައި ކޯޅުން ބޮޑުވެ ރައީސް މުހައްމަދު ނަޝީދު "ފިކުރެއްގެ ދިރުން" ހަރަކާތް ކުރިއަށް ގެންދިޔައިރު އާއްޓޭ ފެނުނީ އެ ހަރަކާތަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އާއްޓޭ ވަނީ އެމްޑީޕީގެ ޓިކެޓްގައި އޭދަފުށި ދާއިރާއަށް ވާދަވެސް ކުރައްވާފަ އެވެ.

މިރޭގެ ޖަލްސާގައި އާއްޓޭ ވަނީ ކުރިން ހީކުރި ގޮތާ ހިލާފަށް ރައީސް ނަޝީދަށް ފާޑުވެސް ވިދާޅުވެފަ އެވެ. އެގޮތުން އާއްޓޭ ވިދާޅުވީ އެމްޑީޕީ ރޫޅާލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ދިމާކުރައްވަނީ މުއިއްޒުއާ ކަމަށެވެ. އެހެންވެ އާއްޓެ އެދިވަޑައިގެންނެވީ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ހޮވުމުގެ މަސައްކަތަށް އަމާޒު ހިފުމަށެވެ.