ވެރިކަން ލިބިވަޑައިގެންފިނަމަ ޕްރައިވެޓައިޒްކުރަން ޖެހޭ ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒްކޮށް ރައްޔިތުންނަށް ފައިދާވާ ގޮތަށް ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ބަދަލުކުރާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
މ. މުލަކުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުން އޮތް ކަމަށް ނާޒިމު ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ނާޒިމު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އިގްތިސާދަށް ހެޔޮ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެގޮތުން ގެސްޓްހައުސް ސަރުކާރުން އަޅައިދިނުމަށްފަހު އެ ވިޔަފާރި ހިންގަން ބޭނުންވާ މީހުންނަށް ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ.
"ދިގު މުއްދަތަކަށް ބަހައިލައިގެން އެ ފައިސާ އަނބުރާ ދައްކަންޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ސްޕޯޓްސް ފިޝިންއަށް ޝައުގުވެރިވާ ގިނަ ޒުވާނުންތަކެއް އުޅޭއިރު އެފަދަ މީހުންނަށްވެސް ލުއި ގޮތަކަށް އުޅަނދު ލިބޭނެ ގޮތް ހަދައިދީ އާމްދަނީ ލިބޭނެ މަގެއް ހަމަޖައްސައިދިނުމަކީ ނާޒިމުގެ ވައުދެކެވެ. އަދި ސަރުކާރުން މަސް ދޯނި ބަނދެދީ ޒަމާނީ ވަސީލަތްތައް ގާއިމުކޮށް ދިގުމުއްދަތަކުން ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް މަސް ދޯނި ވެސް ދައުލަތުން ދޫކުރާނެ ކަމުގައި ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ އޭނާގެ ވެރިކަމެއް އަމިއްލަ ގޯތި ނުހެދި އެއްވެސް މީހަކު ހުންނަން ނުޖެހޭނެ ކަމަށެވެ. އެގޮތުން ސަރުކާރުން ބޭންކަށް ސޮވެރިން ގެރެންޓީ ދީގެން އާންމުންނަށް އެންމެ ލުއި ގޮތަކަށް ބޭންކް ތެރެއިން ގެ ހަދަން އިސްލާމިކް ފައިނޭންސް ހަމަޖައްސައިދޭނެ ކަމުގައި ވިދާޅުވި އެވެ.
މ. އަތޮޅާ ގުޅޭގޮތުން ނާޒިމު ވިދާޅުވީ މިއަތޮޅަކީ ތަރައްގީކުރެވެން އޮތް އެކަމަކު ސަރުކާރުތަކުން ވަރަށް ބޮޑަށް އިހްމާލުވެފައިވާ އަތޮޅެއް ކަމަށެވެ.
"ސަރުކާރުން ވަނީ މިއަތޮޅަށް ވަރަށް ބޮޑަށް އިހްމާލުވެފައި. މިއަތޮޅު ކުރިއަރާފައި ނުވަނީ ސަރުކާރުން އެކަން ބޭނުން ނުވާތީ،" ނާޒިމު ވިދާޅުވި އެވެ.
ނާޒިމު އިތުރަށް ވިދާޅުވީ މިހާރުގެ ސަރުކާރަށް ވޯޓް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގެ އިގްތިސާދު އަނބުރާ ކޮޅަށްޖަހާނެ ކަމަށެވެ. ދެ ކުލައެއްގެ ދެ ސަރުކާރަކަށް ފުރުސަތު ދިންއިރު ގައުމާއި ރައްޔިތުންނަށްވީ އެއްވެސް ކަމެއް ނެތް ކަމަށްވެސް ނާޒިމު ވިދާޅުވި އެވެ.