މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގޯތި ގުރުނެގުމުގައި މަކަރު ނުހެދޭނެ: ސަރުކާރު

މާލެ ރައްޔިތުންނަށް ދޫކުރާ ގޯތީގެ ގުރުނެގުމުގައި މަކަރު ނުހެދޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައި މިވަނީ މާލެ ރައްޔިތުންނަށް ލިބުނު ގޯތީގެ ގުރުނަގާއިރު ހުޅުމާލެ އިން ވަކި ބަޔަކަށް ގޯތި ލިބޭ ގޮތަށް ގުރުނެގުމުގައި މަކަރު ހަދަމުންދާ ކަމަށް ބުނެ ނޫހަކުން މިއަދު ލިޔުމެއް ޝާއިއުކުރުމާ ގުޅިގެންނެވެ.

ނޫސްވެރިންނަށް މިރޭ މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވޯޓު ނަގާ ކަރުދާސް ހުޅުވާ އަދި ބަންދުކުރަނީ އެވަގުތު ގުރުނަގަން ތިބޭ ބައެއްގެ ހާޒިރުގައި ކަމަށެވެ.

ގުރުނަގާ ކަރުދާސްތައް ބަހައްޓާފައި ހުންނަ ތަނުގައި ފުލުހުން 24 ގަޑިއިރު ފޯރިމަރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

"ގުރުނެގުން ކުރިއަށްދަނީ ދެފުށް ފެންނަ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ގުރުނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ގޮތުން ވަކި މީހަކަށް ވަކި ތަނަކުން ލިބުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

މާލޭ މީހުންނަށް ގޯތި ދިނުމަށް ނިންމާފައިވަނީ ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު ގައެވެ.

މާލެ ރައްޔިތުންގެ ތެރެއިން 18،955 މީހުންނަށް 9001 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުރު ނިމުމުގެ ކުރިން ގޯތި ކަނޑާ ހަވާލުކުރުމަކީ އެމަނިކުފާނުގެ ވައުދެކެވެ.