ވިޔަފާރި

ނޭދެވޭ ވާހަކަތަކާ ހުރެ ބޭންކަކުން ރާއްޖެއާ މުއާމަލާތް ކުރުން ހުއްޓާލި

އިދިކޮޅު ފަރާތްތަކުން ބޭރުގެ އެކި ގައުމުތަކުގައި ދައްކާ ވާހަކަ ތަކުގެ ސަބަބުން ބޭރުގެ ބައެއް ބޭންކުތަކުން ރާއްޖެ އާއި މުއާމަލާތް ކުރުން އެބަ ހުއްޓާލާ ކަމަށް ރައީސް އަބުދުﷲ ޔާމިން މިއަދު ވިދާޅުވެއްޖެ އެވެ.

ގދ. ގައްދޫ ފެނުގެ ނިޒާމު އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ ދިވެހިންގެ ތެރެއިން ބަޔަކު ސީރިޔާއަށް ޖިހާދަށްދާ ވާހަކަ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވާތީ ބައިނަލް އަގުވާމީ މުއާމަލާތްތައް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއާ ގުޅިފައި އޮތް، ކަރެސްޕޮންޑެންޓް ބޭންކެއް މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު ބޭންކުން ވެސް ރާއްޖެއާ އެކު މުއާމަލާތް ކުރުން ހުއްޓާލުމުގެ ވާހަކަތަކެއް ދެކެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދަޅުވީ ކަރެސްޕޮންޑިން ބޭންކުތަކެއް ބޭރުގައި ހުންނަން ޖެހޭ ކަމަށާއި ނޫނީ ބައިނަލް އަގްވާމީ މުއާމަލާތްތަކުގެ ތެރޭގައި ބީއެމްއެލް އިން ފައިސާ ފޮނުވުމުގެ ކަންކަން ހާސިލް ނުކުރެވޭ ކަމަށެވެ.

"މީހުން ޖިހާދަށް ދިއުމަކީ ހުރިހާ ގައުމެއްގައި ވެސް ހިނގަމުން އަންނަ ކަމެއް. އެކަން ރާއްޖޭގައި ވެސް އެބަ އޮތް. އަޅުގަނޑު އެކަހަލަ ކަންތައްތަކަށް ހިތްވަރު ދެނީކީ ނޫން. އަދި ނުވެސް ދޭނަން. ސަބަބަީ އެހެން ދާ ދިއުމުގައި އެތައް ބަޔަކު އެބަ ދުނިޔެ ދޫކުރޭ. އާއިލާ ތަކެއް ނިކަމެތި ކުޑަކުދިންތަކެއް އެބަ ޔަތީމުވޭ." ރައީސް ވިދާޅުވި އެވެ. "މިވާހަކަ މިހާ ވަރުގަދަ އަށް ދެއްކީމަ ވަރަށް ބޮޑެތި ގެއްލުންތަކެއް އެބަވޭ. ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް އެބަވޭ. މިވާ ގެއްލުންތަކުގެ ތެރޭގައި ބޭރު ފައިސާ ރާއްޖެއަށް އަންނައިރު އެހެން އެއްވެސް ގައުމެއްގައި ނުބަލާ މިންވަރަށް ރާއްޖޭގައި މިލިބޭ ބޭރު ފައިސާ ބޭނުންކުރަނީ ޖާއިޒް ރަނގަޅު ކަންތައްތައް ކުރަންތޯ އެބަބަލާ. ނޫނީ މިފައިސާ ބޭނުންކުރެވެނީ މިދެންނެވި ބައިނަލް އަގްވާމީ ބޮޑެތި މުއާހަދާތަކުން ނުވަތަ ބައިނަލް އަގްވާމީ ބޮޑެތި ގައުމުތަކުން ގަބޫލުނުކުރާ ކަންތަކަށްތޯ އެބަ ވަރަށް ގަދަޔަށް ފާރަލާ ބަލާ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭން ބޭރުން ރާއްޖެއަށް 50،000 ޑޮލަރު ފޮނުވަން ޔަސް ބޭރުކުރަންވިޔަސް އެތަކެއް ދުވަސް ބޭންކުތަކުގެ ތެރޭގައި ހިނގާ ކަމަށެވެ. އަދި މިފައިސާ ބޭނުންކުރަނީ ކޮންމެސް ނާޖާއިޒް ކަމެއް ކޮށްފަ ނުވަތަ ނާޖާއިޒް ކޮށް ލިބިފައި ހުރި ފައިސާ ދިވެހި ރާއްޖެއަށް ގެނެއްސަ ރަނގަޅު ކުރަންތޯ ވެސް ބަލާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެފަދަ ކަންކަމުގެ ސަބަބުން ގެއްލުންވާނީ ރައީސްއަށް ނޫނީ ވެރިކަން ކުރާ ބަޔަކަށް ނޫން ކަމަށެވެ. އޭގެ ގެއްލުން ކުރާނީ ހަމަ ސީދާ ރައްޔިތުންނަށް ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ސަބަބުން ބޭރު އެހީތަކަށް ބުރޫއަރާ މަޝްރޫއުތަކަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ކުރެވޭ ކަމަކީ ކިހާވަރެއްގެ ކަމެއްކަން ނޭންގި ކުރާކަންތައް އިހުސާސަށް ނައިސް ކުރާކަންތަކުން ގެއްލުންވަނީ އާއްމު ރައްޔިތުންނަށް. ގެއްލިގެންދަނީ މަޝްރޫޢޫތަކަށް ލިބެން ހުންނަ ފައިސާ،" ރައީސް ވިދާޅުވި އެވެ.