މުހައްމަދު ނާޒިމް

ނާޒިމުގެ މާލޭގެ ތަރައްގީގެ ސިޔާސަތު ލޯންޗުކޮށްފި

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ވެރިކަމެއްގައި މާލެ ތަރައްގީކުރުމަށް ގެންގުޅުއްވާ "މާލޭގެ ތަރައްގީގެ ސިޔާސަތު" މިރޭ ލޯންޗުކޮށްފި އެވެ.

މިސިޔާސަތު ލޯންޗްކުރީ ނާޒިމަށް ތާއީދުކުރާ ގިނަ ބަޔަކާ އެކު މިރޭ ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ޖަލްސާއެއް ގައެވެ.

މިޖަލްސާގައި ނާޒިމް ވިދާޅުވީ މާލެއަށް ތަރައްގީގެ ސިޔާސަތެއް މުހިއްމު ވަނީ ހަމައެކަނި ރާއްޖޭގެ ވެރިރަށަށް ވުމުން ނޫން ކަމަށައި މާލެއަށް ހާއްސަ ސިޔާސަތެއް އޮންނަންޖެހެނީ ރާއްޖޭގައި އެންމެ އާބާދީ ބޮޑު ރަށަށްވެސް ވުމުން ކަމަށެވެ. ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް ފެށިފައިވަނީ މާލެއިން ކަމަށް ފާހަގަކުރައްވާ ނާޒިމު ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލު ގެންނަން ބޭނުންވާނަމަ މާލެއަށް ބޮޑަ ހައްލެއް ގެންނަންޖެހޭ ކަމަށެވެ.

"ދަންނަވަންތޯ ހުވަފެނެއް ފެނުނީމާ އެ ހުވަފެން ތަދުބީރު ވެގެން ނޫނީ މިދަންނަވާ އެއްޗެއް ހާސިލެއް ނުވާނެ،" މާލޭގެ ސިޔާސަތަށް ރިއާޔަތްކުރައްވާ ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަޅާ ބްރިޖަކުން، ދޫކުރާ ގޯއްޗަކުން އަދި ދަމާލެވޭ ހޮޅިތަކަކުން މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުނުކުރެވޭނެ ކަމަށެވެ. އެހެންވެ ރާއްޖޭގައި ހުރި މައްސަލަތަކަށް ވަށާޖެހޭ ހައްލެއް ގެނައުމަށް މަގުފަހިކޮށްދޭ ސިޔާސަތެއް އެމްއެންޕީން މިހާރު މިވަނީ ލޯންޗްކޮށްފައި ކަމަށްވެސް ވިދާޅުވި އެވެ.

"މާލޭގެ ތަރައްގީގެ ޕްލޭން އަޅުގަނޑު ތައްޔާރުކުރީ މާލޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ވިސްނުމުގައި،" ނާޒިމު ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމު ވިދާޅުވީ މާލެއަށް ހާއްސަކޮށްފައިވާ ސިޔާސަތުގައި މާލެ އަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން މާލޭގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން ކައުންސިލެއް ގާއިމުކުރާނެ ކަމަށާއި އަލިފާނާއި މެޑިކަލް އެމާޖެންސީއަށް ހާއްސަ ނަންބަރެއްގެ ގޮތުގައި 911 ހޮޓްލައިން ތައާރަފް ކުރުމަށް ހިމަނާފައިވެ އެވެ.

ނާޒިމު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މާލޭގެ ރައްޔިތުން ގެދޮރުވެރިކުރުވުމަށް ހަދާ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ބައިވެރިވެވޭ ސިޔާސަތަކަށް ހަދާނެ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެއްވެސް ރައްޔިތެއް ވަކި ފެންވަރަކަށް ނުވަތަ ވަކި ފަންތިއަކަށް ބެހިގެން ނުދާނެ ކަމުގައިވެސް ވިދާޅުވި އެވެ.



މާލޭގެ ރައްޔިތުންނަށް މިސަރުކާރުން މިހާރު ދޫކުރަމުންދާ ގޯތިތައް ލިބޭ ރައްޔިތުންގެ އަތުން އެ ގޯތިތައް އަތުނުލާނެ ކަމުގެ ޔަގީންކަންވެސް ނާޒިމު ދެއްވި އެވެ. އަދި އޭނާގެ ވެރިކަމެއްގައި އެއީ ކޮންމެ ތަނަކުން ލިބިފައިވާ ގޯއްޗެއް ނަމަވެސް އެ ގޯއްޗެއް ހެދޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ކޮށްޓަކަށް ލާފައި ބަނޑުހައިވީމާ ކާއެތިކޮޅެއް ދޭ އުސޫލުން ރައްޔިތުން އަޅުވެތި ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ސިޔާސަތެއް ނޫން،" ނާޒިމު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އަޅާ ދެވަނަ ބްރިޖު -- ސިނަމާލެ ބްރިޖުގެ މަސައްކަތް ނުނިމި ދިގުލާތީ އެކަމުގައިވެސް ނާޒިމު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ނާޒިމު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ އުތުރާއި ދެކުނުގައި އާބަން ސެންޓަރުތަކެއް އަޅައި އެތަންތަނުގައި ތައުލީމު އުނގެނެން ފަސޭހަ ނިޒާމެއް ގާއިމުކޮށް މީހުން އަމިއްލަ އިހްތިޔާރުގައި އެ ތަންތަނަށް ބަދަލުވާނެ ގޮތްގޮތް ހަމަޖައްސާނެ ކަމަށެވެ. އަދި އެފަދަ އާބަން ސެންޓަރުތަކުން ގޯތި ބޭނުންވާ ރާއްޖޭގެ ކޮންމެ ހިސާބެއްގެ މީހަކަށްވެސް ގޯތި ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.