އިންޑިއާ

ރާއްޖޭގައި އޮތް ބޯޓެއްގައި އިންޑިއާގެ ފަޅުވެރިންތަކެއް ތާށިވެފައި

މާލެ ކައިރީގައި އޮތް މުދާ އުފުލާ ބޯޓެއްގައި އިންޑިއާގެ ބަޔަކު ތާށިވެފައި ތިބި ކަމަށް އެ ގައުމުގެ ނޫހެއްގައި ރިޕޯޓްކޮށްފި އެވެ.

މި ބޯޓުގައި ތާށިވެފައި ތިބި ދެ މީހަކު ކަމަށް "ޓައިމްސް އޮފް އިންޑިއާ" އިން ބުނެ އެވެ. އެއީ ތަމިލްނާޑޫގެ މީހަކާއި ކެރެލާގެ މީހެކެވެ.

ނޫހުގައިވާ ގޮތުގައި މި ދެ މީހުން ތާށިވެފައި ތިބޭތާ މިހާރު 13 މަސް ވެއްޖެ އެވެ. މި މުއްދަތުގެ ތެރޭގައި އެއްވެސް މުސާރައެއްވެސް އެމީހުންނަށް ދީފައި ނުވާ ކަމަށް ބުނެ އެވެ

ދެ މީހުން ބޯޓުގައި ތާށިވެފައި ތިބީ އެ މީހުން މަސައްކަތް ކުރާ ބޯޓުގެ ދަތުރުތައް މިވަގުތަށް ހުއްޓާލާފައިވާތީއާއި ބޯޓުން ފައިބައިގެން އެމީހުން ފުރުމުގެ ހުއްދަ ދިނުމަށް ބޯޓް އޮޕަރޭޓް ކުރާ ކުންފުނީގައި ތަކުރާރުކޮށް އެދުމުންވެސް އެކަމަށް އިޖާބަ ދީފައި ނުވާތީ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.

"އަހަރެން ކައިރީ ބުނީ އިތުރު ފަޅުވެރިން އައުމުން އިންޑިއާއަށް ދަތުރު ފަށާނެ ކަމަށް. އެކަމަކު ދެމަސް ދުވަސް ވީއިރު ވެސް އެހެން ފަޅުވެރިއަކު ނާދޭ. އަހަރެން އެދުނީ ބޯޓުން ފައިބަން، އެކަމަކު މެނޭޖުމަންޓުން އެކަމުގެ ހުއްދަ އެއް ނުދިން،" އެތަނުން އެކަކު ބުނެފައިވެ އެވެ.

ބޯޓު ރާއްޖޭގައި ތާށިވެފައި އޮތީ ރާއްޖޭގެ ސިވިލް ކޯޓުގެ އަމުރަކަށް ކަމަށް މި ބޯޓު އޮޕަރޭޓް ކުރާ ކުންފުނީގެ އޮފިޝަލަކު އިންޑިއާގެ ނޫހަށް ބުނެފައިވެ އެވެ.

އޮފިޝަލް ބުނި ގޮތުގައި ބޯޓުގައި ކާބޯތަކެއްޗާއި ތެޔޮ ނެތް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިބޯޓު އިންޑިއާއަށް ދިއުމަށް ވަރަށް އަވަހަށް ދަތުރު ފަށާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ނޫހުގައިވާ ގޮތުގައި އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ވަރަށް ގިނަ ފަހަރު މަތިން މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އަދި އެކަމަށް ހައްލެއް ނުލިބި ހުރެ އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހު އެ ކުންފުންޏާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށްވެސް ވެއެވެ.

މިހާރު އެ ކުންފުނިން ވަނީ ބޯޓުގައި ތިބި ކޮންމެ ފަޅުވެރިޔަކަށް 1000 ޑޮލަރު ދޭން ބުނެފައި ކަމަށްވެސް އިންޑިއާގެ ނޫހުގައި ބުނެފައިވެ އެވެ.