ދިވެހި ސަރުކާރުން ނަގާ ލޯނުތަކަށް ފައިސާ ދެއްކުމަށްޓަކައި ފައިސާ ރައްކާ ކުރުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު [އެސްޑީއެފް] މިއަހަރުގެ މިހާތަނަށް ޖަމާކުރި ފައިސާ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 11.8 ޕަސަންޓް އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެސްޑީއެފަށް މިއަހަރުގެ މިހާތަނަށް ވަނީ 552.3 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ.
ސޮވެރިން ފަންޑަށް މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކުރީ 493.8 މިލިއަން ރުފިޔާ އެވެ.
ފަންޑަށް މިއަހަރު 871.4 މިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށް ދައުލަތުގެ ބަޖެޓުގައި ވަނީ އަންދާޒާކޮށްފަ އެވެ.
އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.
ސޮވްރިން ފަންޑަށް ފައިސާ ޖަމާ ކުރަނީ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.
ފަންޑަށް މިދިޔަ އަހަރު 769.2 މިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށް އަންދާޒާކުރިއިރު އެ އަހަރު ފަންޑަށް 820 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނަށް މިއަހަރު ގެނައި އިސްލާހާއެކު އެސްޑީއެފަށް ފައިސާ ޖަމާކުރުމާއި އެ ފަންޑުން ހަރަދުކުރާނެ ގޮތް ރައީސުލްޖުމްހޫރިއްޔާ ނިންމަވާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އަދި އެ ފަންޑު ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީންނެވެ.
އޭގެ ކުރިން އެސްޑީއެފް ބަލަހައްޓަމުން ގެންދިޔައީ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.