ހަބަރު

އުމްރާނީ މަޝްރޫއުތައް އަވަސް ކުރަން އެމްއާރުޑީސީއަށް 50 މިލިއަން ރުފިޔާ

އިންފްރާސްޓްރަކްޗާ ތަރައްގީގެ ދުވެލި ހަލުވި ކުރުމަށްޓަކައި، އިންފްރާސްޓްރަކްޗާ މަސައްކަތް ކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް 50 މިލިއަން ރުފިޔާގެ ވަސީލަތް އަންނަ މަހުގެ ނިޔަލަށް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި ހިންގި އިންފްރާސްޓްރަކްޗާގެ ތިން މަސައްކަތެއް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ އިންފްރާސްޓްރަކްޗާ މަސައްކަތްތަކެއް ކޮށް ރާއްޖެ އުމްރާނީ ގޮތުން އާ އުސްމިންތަކަށް ގެންގޮސްދިނުން ކަމަށެވެ. އެ ބާރު މިނުގައި އެކަންކަން ކުރުމަށް މިހާރު ދިމާވާ ދައްޗަކީ ވަސީލަތް މަދުވުން ކަމަށާއި އެ ވަސީލަތް އެމްއާރުޑީސީ އަށް ހޯއްދަވައިދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިސްރާބު ހިފާފައި މި ވަނީ އިންފްރާސްޓްރަކްޗާގެ ގޮތުން ތަރައްގީ ރަށްތަކަކަށް ރާއްޖޭގެ ހުރިހާ ރަށެއް ހެދުމަށް. އަޅުގަނޑުމެން ބޭނުންވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކެއް ކުރުމަށް،" ރައީސް ވިދާޅުވި އެވެ.

އުމްރާނީ ގޮތުން ތިނަދުއަށް އައިސްފައިވާ ގިނަ ކުރިއެރުންތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، ތިނަދޫގެ ރައްޔިތުންގެ މާޒީގައި ވެދިޔަ ކަންކަމާ ހުރެ މުސްތަގުބަލުގެ ކުރިއެރުމާއި ތަރައްގީ އަށް ފުރަގަސްދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ރަށްރަށާއި ރައްޔިތުންގެ ތަރައްގީއަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ވަނީ ތިނަދޫގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ.