އާންމުކޮށް އަޑު އިވެނީ ސައޫދީ އަރަބިއްޔާގެ އަންހެނުންގެ ހައްގުތަކަށް އެގައުމުގެ ވެރިން އަރައިގެންފައިވާ ވާހަކަ އެވެ. އަންހެނުންނަށް ވޯޓުގައި ބައިވެރިނުވެވޭ ވާހަކަ އާއި ކާރު ދުއްވުމުގެ ހުއްދަ ވެސް އަންހެން ބޭކަނބަލުންނަށް ނުލިބޭ ވާހަކަ އެވެ. މޫނު ބުރުގާ ނާޅާއި އާންމުންގެ ތެރެއަށް ނުކުންނަ އަންހެނުންނަށް ސައޫދީގެ "ދީނީ ފުލުހުން" ގެ ފަރާތުން ކުރިމަތިވާ އިންޒާރާއި ބިރުދެއްކުމަކީ ވެސް، އަބަދުވެސް ފަލަ ސުރުހީ އެވެ.
އެހެންވީމަ މިފަދަ ސުރުހީތަކާ ގުޅިގެން ސައޫދީގެ ވެރިންގެ އެހެން ސިފަތަކަށް ދުނިޔޭގެ އެއް ބައެއްގެ ސަމާލުކަމެއް ހަގީގަތުގައި ނުލިބެ އެވެ. ސައޫދީގެ ޝާހީ އާއިލާ އަކީ ހަގީގަތުގައި ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ބާރުވެރި ކިއްލާއެކެވެ.
މިހެން ކިޔާފައި އެމީހުންގެ މޮޅު ވާހަކަ އާއި ދީލަތިކަމުގެ ވާހަކަ އަދި ދޫކޮށްލާކަށް ނުވާނެ އެވެ. އެހެންވީމަ، ތަހުތުގައި ހުންނަވަނިކޮށް އަވަހާރަވި އަބްދުﷲ ރަސްގެފާނު ސައޫދީ އަށް ގެންސް ދެއްވި އިލްމީ އިންގިލާބުގެ އަޑު އެއްސެވިންތޯ އެވެ؟
އަބްދުﷲ އަކީ އެ ބޭފުޅާގެ ރަސްކަމުގައި ސައުދީގެ އިލްމީ ޚަޒާނާގެ މުއްސަނދިކަން އިތުރުކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ނިކަން ފުޅާ ދާއިރާއެއްގައި ކުރެއްވި ބޭފުޅެކެވެ.
އެގޮތުން މި ކެމްޕޭނުގެ ދަށުން ހިންގާ، ކިންގް އަބްދުﷲ ސްކޯލާޝިޕް ޕްރޮގްރާމަކީ އޭގެ އެންމެ ސާފު އެއް ހެއްކެވެ. އޭގެ އެންމެ ސާފު އެއް ހެއްކެވެ.
މި ހާއްސަ ޕެކޭޖުގެ ދަށުން ސައޫދީން ބޭރުގައި ތަފާތު އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރަމުންދާ ސައޫދީ ދަރިވަރުންގެ އަދަދު 200،000 އަށް އަރަ އެވެ. މިއީ ސްކޯލާޝިޕާއި ހެލުކެއާގެ ދީލަތި ޕެކޭޖުތަކެއްގެ ދަށުން ގައުމުން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ފަރާތްތަކެވެ.
ސައުތު އެފްރިކާ އިން ފެށިގެން ދެކުނު ކޮރެއާ އަށް ބެލިޔަސް ސައޫދީގެ އެތައް ހާސް ދަރިވަރުންނެއް އެބަތިއްބެވެ. އަޔަލޭންޑުން ފެށިގެން އިޓަލީއާ ހަމަ އަށް ވެސް އަދި އެމެރިކާ އިން ފެށިގެން އިނގިރޭސި ވިލާތާ ހަމަ އަށް ސައުދީގެ އެތައް ދަރިވަރުންނެއް ދަނީ ރަސްގެފާނުގެ އިލްމީ ކެމްޕޭނުގެ ދަށުން އުނގެނުމުގެ ދަތުރުކުރަމުންނެވެ. މި ހާއްސަ ޕެކޭޖުގެ ދަށުން ދުނިޔޭގެ 23 ގައުމެއްގައި ސައޫދީގެ ދަރިވަރުން ދަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ.
މިއީ މުޅި ދުނިޔެ އަށް ބެލިކަމުގައިވިޔަސް ރިކޯޑެކެވެ. ތައުލީމަށް ހާއްސަކޮށްގެން މި ފެންވަރުގެ ދެ ވަނަ ކެމްޕޭނެއް ހިންގާ އެހެން ގައުމެއް ނެތެވެ.
އަބްދުﷲ ރަސްގެފާނުގެ މި ހާއްސަ ސްކޯލާޝިޕްގެ އެންމެ ބޮޑު ބޭނުމަކީ ގައުމަށް ބޭނުންވާ ޒުވާން ޖީލު އެންމެ ފުރިހަމަ އަށް ފައްކާކުރުމެވެ. އެގޮތުން މި ހާއްސަ ޕްރޮގްރާމް ފައްޓަވާފައި ވަނީ 2005 ވަނަ އަހަރު އެވެ.
އަބްދުﷲގެ މި އިންގިލާބީ ބަދަލާ އެކު އޭނާ ވެވަޑައިގެންފައި ވަނީ ބައްޕާފުޅު އަދި ކުރީގެ ރަސްގެފާނު، އަބްދުލްއަޒީޒަށް ފަހު ތަހުތަށް ވަޑައިގެންނެވި އެންމެ މަގްބޫލު ރަސްގެފާނަށްކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އަބްދުﷲ ފާހަގަކޮށްލެވެނީ ހަމައެކަނި ޒުވާނުންނަށް ފަހިކޮށްދެއްވި ތައުލީމީ ދޮރުތަކަކަށް އެކަންޏެއް ވެސް ނޫނެވެ.
ސައޫދީގެ އަންހެން ބޭކަނބަލުންނަށް ސިޔާސީ މައިދާނުން މަރުހަބާ ދަންނަވައި، ފުރަތަމަ ފަހަރަށް ވޯޓުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލަ ދެއްވީ ރަސްގެފާނު އަބްދުﷲ އެވެ. އަދި ޒަމާނީ ތައުލީމު އުނގެނުމުގެ ފުރުސަތު ގައުމުގެ ޒުވާނުންނަށް ހޯދައި ދެއްވުމަށް އެ ކުދިން އެމެރިކާ އާއި ޔޫރަޕަށް ފޮނުއްވީ ވެސް ސީދާ އަބްދުﷲގެ ބެއްލެވުމުގެ ދަށުންނެވެ.
އެހެންވީމަ، މުސްކުޅި ހިޔާލުތަކުގެ ކިއްލާއެއްގެ ގޮތުގައި ބަޔަކު މީހުން ސައޫދީގެ ތަހުތު ސިފަކުރެއްވިޔަސް އަބްދުﷲގެ ސިކުނޑި އޮތީ ވަރަށް ބޮޑަށް ދުނިޔެ އަށް ހުޅުވިފަ އެވެ.
ސްކޯލާޝިޕް ޕްރޮގްރާމަށް ސައޫދީ ސަރުކާރުން ކޮންމެ އަހަރު ވެސް ގާތްގަނޑަކަށް 2.4 ބިލިއަން ޑޮލަރު ހޭދަ ކުރެ އެވެ. އަބްދުﷲ ތަހުތަށް ވަޑައިގެން ތައާރަފްކުރެއްވި މި ޕްރޮގްރާމް ފެށުމުގެ ކުރިން ސައޫދީ އަކީ މި ފެންވަރުގައި ގައުމުގެ ދަރިންނަށް ތައުލީމު އުނގަންނައި ދިނުމަށް މަސައްކަތްކުރި ގައުމެއް ނޫނެވެ.
އަބްދުﷲ ރަސްގެފާނުގެ މި ސްކޯލާޝިޕް ޕްރޮގްރާމް ތައާރަފްކުރުމުގެ ކުރިން ބޭރު ގައުމުތަކުގައި ކިޔަވަން ތިބި ސައޫދީގެ ދަރިވަރުންގެ އަދަދަކީ ގާތްގަނޑަކަށް 5،000 އެވެ. މިއަދު އެ އަދަދު އެ އަރަނީ 300،000 އަށެވެ. މި ޕްރޮގްރާމްގެ އެންމެ ހާއްސަ ސިފައަކީ މުޅި ގައުމުން ނެގޭ އެންމެ މޮޅު ދަރިވަރުންނަށް ބޭރު ގައުމުތަކުގެ ޔުނިވާސިޓީތަކުން ފުރުސަރު ހޯދައިދޭތީ އެވެ.