ދިރާގު

ދިރާގު ރޯޑް ރޭސް: ބޮޑެތި އިނާމުތަކަކާ އެކު ހުޅުވާލައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަކީ ރާއްޖޭގައި ބާއްވާ މިފަދަ ރޭސްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވާ އެންމެ ފޯރިގަދަ ރޭހެވެ. ދިރާގުގެ މި ފޯރިގަދަ ރޭހަށް އާންމުން ޝައުގުވެރިވާ ބައެއް ބަދަލުތައް ގެނެސް އަދި އިނާމު ފައިސާ ވެސް ބޮޑުކޮށް، ވަރަށް ފުރިހަމަ ރޭހެއް ބޭއްވުމަށް ދިރާގުން މިހާރު ވަނީ ތައްޔާރުވާން ފަށާފަ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ 14 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު 27 ވާ ހުކުރު ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކް ގައެވެ.

ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަނެއްކާވެސް ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި އިވެންޓަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބޭ އަދި ގިނަ މީހުން މިކަމަށް އިންތިޒާރު ކުރާ އިވެންޓެއް. 2007 ވަނަ އަހަރު ޑީއެމްއާރްއާރް ވަނީ ދިވެހިރާއްޖޭގައި މާސް ޕާޓިސިޕޭޝަން ރޭސްތައް ފަށައި، ރާއްޖޭގައި ދުވުމުގެ ސަގާފަތް ގާއިމުކޮށްފައި،" މިރުޝާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއަހަރު ފުރަތަމަ ފަހަރަށް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ. ކުރިއަށް ވުރެ ބޮޑެތި ފައިސާގެ އިނާމުތަކާއި ތަފާތު ކުލަގަދަ ހަރަކާތްތަކަކާއި އެކު މިއަހަރުގެ ރޭސް ވަރަށް ފޯރިގަދަ ވާނެ ކަމުގެ ޔަގީންކަންވެސް މިރުޝާން ދެއްވާފައިވެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމައުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މީގެ އިތުރުން މިއީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުގެ ރޭހަކީވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ.

މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން ދިރާގުން އެންޑޯސްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް އެ ފަރާތްތަކުން ރާވާފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން އެއްމިންވަރެއްގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެ އެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ދިރާގުން ވަނީ ނިންމާފަ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސްގައި ދުވަން ބޭނުންވާ މީހުން ރަޖިސްޓާ ވުމަށް ފުރުސަތު ހުޅުވާލާފައިވަނީ 4،000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ 11:59 އަކާ ހަމައަށެވެ.