ދިރާގު

ދިރާގު ރޯޑް ރޭހުގައި ކޯޗިން ޕާޓްނަރުންނަށް ވުމަށް ހުޅުވާލައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ އޮފިޝަލް ކޯޗިން ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން މިހާރަށް ވުރެ ފަސޭހަކޮށް، އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން ރޯޑް ރޭހުގެ އޮފިޝަލް ކޯޗިން ޕާޓްނަރުން ހޮވަމުންނެވެ.

ދިރާގުގެ މެނޭޖަ ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވީ މިއީ ތަޖުރިބާކާރު އަދި އާ ދުވުންތެރިންނަށްވެސް ސެޓިފައިޑް ޓްރެއިނަރުންގެ ކައިރިން ހިލޭ ކޯޗިން ހޯދައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ދުރާލާ ތައްޔާރުވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

"މީގެ އިތުރުން މިއީ ކޯޗުންނަށްވެސް އެފަރާތްތަކުގެ އޮފަތައް ރޯޑް ރޭހުގެ ޕްލެޓްފޯމް މެދުވެރިކޮށް ޕްރޮމޯޓްކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" ނާޔާ ވިދާޅުވި އެވެ.

ކޯޗިން ޕާޓްނަރުންނަށް ވުމަށް ޝައުގުވެރިވާ ޓްރެއިނަރުންނަށް މިހާރު އެފަރާތްތަކުގެ ކޯޗިން އޮފާތަކުގެ ތަފްސީލް ހިމެނޭ އީމެއިލްއެއް [email protected] ފޮނުވައިގެން ހުށަހެޅޭނެ އެވެ. ފޯމު ހުށަހެޅޭނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ 11:59ގެ ނިޔަލަށެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމައުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މީގެ އިތުރުން މިއީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސްގައި ދުވަން ބޭނުންވާ މީހުން ރަޖިސްޓާ ވުމަށް ފުރުސަތު ހުޅުވާލާފައިވަނީ 4،000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ 11:59 އަކާ ހަމައަށެވެ.