ޑރ. މުހައްމަދު މުއިއްޒު

ހުރިހާ ރަށަކަށް ނުދެވޭނެ، އެއީ ތަފާތުކުރުން ކަމަށް ނުދެކޭތި: މުއިއްޒު

ރިޔާސީ އިންތިހާބުގައި ކެމްޕޭންގައި ހުރިހާ ރަށަށް ވަޑައިނުގެންނެވޭނެ ކަމަށާއި އެކަމާ އެއްވެސް ރައްޔިތަކު މާޔޫސް ނުވުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މުއިއްޒު މިކަމަށް އެދިވަޑައިގަތީ ނ. ކެނދިކުޅުދޫގައި މިއަދު ސަޕޯޓަރުންނާ އެކު ބޭއްވި ކެމްޕޭން ޖަލްސާއެއް ގައެވެ.

މުއިއްޒަކީ އެންމެ ފަހުން ކެމްޕޭން ފެއްޓެވި ރިޔާސީ ކެންޑިޑޭޓެވެ. އެހެންވެ ކެމްޕޭން ކުރަން އޮތް ވަގުތުކޮޅު މަދުވުމުން އޭނާ އަތޮޅުތަކަށް ކުރައްވާ ކެމްޕޭން ދަތުރުތަކުގައި ވަޑައިގަންނަވަނީ ކޮންމެ އަތޮޅަކުންވެސް މަދު ރަށަކަށެވެ. ޖަލްސާ އޮންނަ ރަށާ އެންމެ ގާތުގައިވާ ރަށްތަކުގެ ރައްޔިތުން އެ ޖަލްސާއެއް އޮންނަ ރަށަކަށް ގެނެސްގެން ޖަލްސާތައް ބޭއްވުމަކީ މި ކެމްޕޭންގައި މުއިއްޒުގެ ޓީމުން ކެމްޕޭން އިންތިޒާމުކޮށްފައިވާ ގޮތެވެ.

އެގޮތުން މިއަދު ކެނދިކުޅުދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ކެމްޕޭން އޭނާ ބައެއް ރަށްރަށަށް ވަޑައިގެންނެވި ނަމަވެސް އެއްވެސް ރަށެއްގެ އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމަަށެވެ.

މުއިއްޒު ވިދާޅުވީ އޭނާ ބޭނުންވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގަންނަވަން ކަމަށެވެ. ނަމަވެސް އެކަމަށް ވަގުތު ނެތުމުން ސީދާ އޭނާއަށް ހުރިހާ ރަށަކަށް ވަޑައިނުގެންނެވޭނެ ކަމަށާއި އެކަމަކު ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފާއި ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގައި ހިމެނޭ ބޭފުޅުން ޝާމިލްވާ ގޮތަށް ކެމްޕޭން ޓީމުން މުޅި ރާއްޖެ ކަވަރުކުރާނެ ކަމަށް ވިދާޅުވި އެވެ.

"މި ކެމްޕޭގައި އަޅުގަނޑަށް ނުދެވުނަސް އެއީ އެއްގޮތަކަށް ވެސް ތަފާތު ކުރުމެއް ނޫން، އެއީ ބާކީ ކުރަނީކީވެސް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ އެއްވެސް ރައްޔިތެއް އެއްވެސް ރަށެއް ތަފާތު ނުކޮށް ރައްޔިތުންނަށް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ.

މުއިއްޒުގެ ކެމްޕޭންގައި މިހާތަނަށް ވަނީ ހއ. ހދ. ށ. ނ. ވ. މ. ފ. ދ އަތޮޅުގެ އިތުރުން އައްޑޫ ސިޓީއަށް ވަޑައިގެންފަ އެވެ. އަދި ހުޅުމާލޭގައި ދޮރުންދޮރަށް ހިންގަވާފައިވެ އެެވެ.