ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ފަސް އަހަރުގެ ދައުރުގައި މައިގަނޑު ގޮތެއްގައި ކުރަންޖެހުނު ކަމަކީ ކުރީ ސަރުކާރުތަކުން ހާވައިފައިވާ ހަޑި ސާފުކުރުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ސޯސަލް ސެންޓަރުގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ފަހު ސިޔާސަތު އިއުލާންކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައި ހުންނާނީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް ބޮޑު ބަދަލެއް ގެނުވާނެ ސިޔާސަތުތަކެއް ކަމަށެވެ.
"އެއީ އަޅުގަނޑުމެން ރިސޯޓެއްގެ މޭޒު ދަށުގައި ތިބެގެން ހެދި މެނިފެސްޓޯއެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެނިފެސްޓޯ އެކުލަވާލީ ސަރުކާރަށް މިދިޔަ ދަސް އަހަރު ކުރެވުނު ތަޖުރިބާއާއި އެމްޑީޕީގެ މެންބަރުން ފާއިތުވި 20 އަހަރު މަގުމަތީގައި ރައްޔިތުންނާ އެކު އުޅެ ރައްޔިތުންގެ އިހްސާސްތަކާއި ބޭނުންތައް ދެނެގަނެގެން ކަމަށެވެ.
ފައްޔާޒު ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވެ ދައުލަތް ދަރުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ދައްކަމުން ދަނީ އެއްވެސް އޮއްޓަރެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ. ނިމިގެންދިޔަ ކޮވިޑްގެ އެންމެ ދަތި ދުވަސްވަރުވެސް ސަރުކާރު ނުދަރާ ކަމަށާ ކޮވިޑުގެ ފަހުން ސަރުކާރުން ހޯދި ކާމިޔާބީއާއި ގެނައި ބަދަލުތައް ވެގެން ދިޔައީ ކުރިން އެއްވެސް ސަރުކާރަކުން ގައުމަށް ނުގެންނަވަރުގެ ހެޔޮ ބަދަލުތަކަކަށް ކަމުގައި ވިދާޅުވި އެވެ.
"މިބަދަލުތަކާއެކު އިތުރަށް [އިގްތިސާދު] ވަރުގަދަ ވެގެން މިދިޔައީ،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ހާވާފައިވާ ހަޑިތައް ސާފުކުރުމަށްޓަކައި ތައުލީމީ ދާއިރާއަށް ސިއްހީ ދާއިރާއަށް ބަދަލުތަކެއް ގެނެސް ރައްޔިތުން ފަސޭހަވާނެ އެތައް ކަމެއް ކޮށްދެވިފައިވާ ކަމަށެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯ ތަންފީޒު ކުރަން ފެށުމާ އެކު ގައުމަށް އިންގިލާވީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
މިސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ހެޔޮ ބަދަލުތަކާއި ގެންނަ ތަރައްގީ ފަހަތަށް ޖައްސަން ބޭނުން ނުވާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ވޯޓު ދިނުމަށްވެސް ފައްޔާޒު އެދިވަޑައިގެންނެވި އެވެ.