ދުނިޔެ

ސަލްމާން ރަސްގެފާނުގެ ހަޔާތްޕުޅުގެ ވާހަކަތައް

ސައޫދީ އަރަބިއްޔާގެ ތަހުތުން ފަހުގެ ތާރީޚެއްގައި ފެނިގެން ދިޔަ އެންމެ މަގްބޫލު ރަސްގެފާނު، އަބްދުﷲ ބިން އަބްދުލްއަޒީޒް ހުކުރު ދުވަހު އަވަހާރަވުމާ ގުޅިގެން ތަހުތަށް އާ ބޭފުޅަކު ވަޑައިގަތީ އެވެ. ތަހުތުގައި މިހާރު ހުންނެވީ ސަލްމާން އެވެ.

އޭނާ ވެވަޑައިގެންފައި ވަނީ ސައުދީގައި މިހާރު އޮތް ރަސްކަމުގެ ބައްޕަ ކަމުގައިވާ އަބްދުލްއަޒީޒް އަލް ސައުދަށް ފަހު ތަހުތާ ހަވާލުވެ ވަޑައިގެންނެވި ހަތް ވަނަ ރަސްކަލަށެވެ. ސަލްމާން އަކީ އަބްދުލްއަޒީޒްގެ ދަރިކަލުންގެ ތެރެއިން 25 ވަނަ ބޭފުޅާ އެވެ.

ސަލްމާން އުފަންވެ ވަޑައިގަތީ ޑިސެމްބަރު 31، 1935ގަ އެވެ. އެހެންވީމަ މި ބޭފުޅާ ދެން ފާހަގަކުރައްވާނީ 80 ވަނަ އުފަން ދުވަހެވެ.

ދީނީ އިލްމާއި ޒަމާނީ ސައިންސްގެ ދާއިރާ އިން އެންމެ ފުރަތަމަ ތައުލީމު ހާސިލުކުރެއްވީ ވެރިރަށް ރިޔާޒުގެ ޕްރިންސަސް ސްކޫލުންނެވެ. އުމުރުން އެންމެ 10 އަހަރުފުޅުގައި ގުރުއާން ހިތު ދަސްކުރައްވައިފި އެވެ.

ސަލްމާނަކީ އެންމެ ކުޑައިރުއްސުރެން ފެށިގެން ވެސް ސައިންސްގެ ދާއިރާ އަށް ޝައުގުވެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. މަތީ ތައުލީމު ވެސް މި ދާއިރާ އިން ހާސިލުކުރެއްވި ސަބަބަކީ އެއީ އެވެ.

ތަހުތަށް ވަޑައިގަތުމުގެ ކުރިން ސަލްމާން ފުރުއްވި އެންމެ ފުރަތަމަ ސިޔާސީ މަގާމަށް ވަޑައިގެންނެވީ އުމުރުން އެންމެ 19 އަހަރުގަ އެވެ. އެއީ 1954 ވަނަ އަހަރު ރިޔާޒު ޕްރޮވިންސްގެ އަމީރުކަމާއި ހާއްސަ މަންދޫބުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

އޭގެ އެއް އަހަރު ފަހުން ރިޔާޒު ޕްރޮވިންސްގެ ގަވަރުނަރުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވީ އެވެ. އޭރު ވަނީ ވަޒީރެއްގެ ފެންވަރަށް ވެސް ޕްރޮމޯޓްވެ ވަޑައިގެންފަ އެވެ.

ސިޔާސީ ލީޑަރެއްގެ ގޮތުން ސަލްމާންގެ ކެރިއަރުން އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ވެރިރަށް ރިޔާޒަށް ގެނެސްދެއްވި ތަރައްގީ އެވެ. އޭނާގެ ހާއްސަ ބެއްލެވުގެ ދަށުން ކުރިއަށް ގެންދެވި ތަފާތު ޕްލޭންތަކާ އެކު ރިޔާޒުވެގެން ގޮސްފައި ވަނީ އެންމެ ހަލުވިކަމާ އެކު ތަރައްގީވަމުން އަންނަ އަރަބިކަރައިގެ ސިޓީއަށެވެ.

އެ ބޭފުޅާގެ މި ކެމްޕޭން ފެއްޓެވިއިރު ރިޔާޒަކީ 200،000 އެއްހާ މީހުންގެ އާބާދީއެއް އޮތްތަނެކެވެ. މިއަދު އެތަނުގެ އާބާދީ 5 މިލިއަނަށް ވުރެ މައްޗަށް އަރަ އެވެ.

ސައުދީގެ ދިފާއީ ވަޒީރުކަމުގެ މަގާމަށް ސަލްމާން ވަޑައިގެންނެވީ 2011 ވަނަ އަހަރު އަބްދުﷲ ރަސްގެފާނު ފާސްކުރެއްވި ހާއްސަ ގަރާރެއްގެ ދަށުންނެވެ. އެހިސާބުން އޭނާ ހަވާލުވެ ވަޑައިގެންނެވީ ސައޫދީގެ އަސްކަރިއްޔާގެ ހުރިހާ ގޮއްޕަކާއި ސައޫދީގެ ބިމާ އެވެ.

ވަލީ އަހުދުގެ މަގާމަށް އަދި ބޮޑުވަޒީރުގެ ދެ ވަނަ ނާއިބުގެ މަގާމަށް ސަލްމާން އައްޔަންކުރެއްވީ 2012 ވަނަ އަހަރު އެވެ. ވަލީ އަހުދުގެ މަގާމަށް ވަޑައިގަތީ އޭރު އެ މަގާމުގައި ހުންނެވި ނާއިފް ބިން އަބްދުލްއަޒީޒް އަވަހާރަވުމާ ގުޅިގެންނެވެ.

ސަލްމާނަކީ ސައޫދީ ސަރުކާރުން ބޭރު ގައުމުތަކަށް ފޯރުކޮށްދޭ ހާއްސަ އެހީއާ ބެހޭ ކަންތައްތައް 1956 ވަނަ އަހަރުން ފެށިގެން އެންމެ އިސްކޮށް ބަލަހައްޓަވަމުން ގެންދެވި ފަރާތެވެ. އެގޮތުން ހަނގުރާމަ އާއި ގުދުރަތީ މުސީބާތްތަކުގައި ގެއްލުން ލިބޭ ގައުމުތަކަށް އެހީ ފޯރުކޮށް ދިނުމުގެ ގައުމީ ބައްދަލުވުންތަކުގެ ރިއާސަތު އަބަދުވެސް ބަލަހައްޓަވާފައި ވަނީ ސަލްމާނެވެ.

މީގެ އިތުރުން ނުކުޅެދޭ މީހުންނަށް އެހީ ފޯރުކޮށް ދިނުމަށް ޕްރިންސް ސަލްމާން ސެންޓާގެ ނަމުގައި ހިންގާ ރިސާޗް ސެންޓަރަކީ ވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅެކެވެ.

ކޮށްދެއްވާފައިވާ އިންސާނީ ހިދުމަތްތަކުގެ އަގު ވަޒަންކުރުމަށް ފްރާންސާއި ބަހުރެއިން އަދި މޮރޮކޯ އާއި ފަލަސްތީނާއި ބޮސްނިއާ އާއި ފިލިޕީންސް އަދި ޔަމަނާއި ސެނެގާލް ފަދަ ގައުމުތަކުން ރަސްގެފާނަށް ޝަރަފާއި މެޑަލް ވެސް އަރުއްވާފައިވެ އެވެ.