ފިނިޕޭޖް

"ސައުންޑް އޮފް ފްރީޑަމް"ގެ ކާމިޔާބުވީ ކީއްވެ

ބޮކްސް އޮފީހުގައި ފިލްމެއްގެ ކާމިޔާބީ ބަލަނީ އެ ފިލްމެއްގެ ބަޖެޓް އަދި މާކެޓިން ހަރަދުތައް ކަނޑާފައި ލިބޭ ފައިދާއިންނެވެ. ބޮކްސް އޮފީހުގައި އާންމުކޮށް ބޮޑަށް ހިނގަނީ ބޮޑު ބަޖެޓްތަކުން މަޝްހޫރު ތަރިން ހިމަނައިގެން މަޝްހޫރު ޑައިރެކްޓަރުން ހަދާ ފިލްމެވެ.

މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ޒާތުގެ ފިލްމްތަކަކީ އެކްޝަން ފިލްމްތަކާއި ކޮމްޕިއުޓާ ގްރެފިކްސް އެކުލެވޭ ފިލްމުތަކެވެ. އެހެންނަމަވެސް ނަން މަޝްހޫރު ތަރިން ހިމަނައިގެން ބޮޑު ބަޖެޓަކުން ހެދި ބައެއް ފިލްމުތައް މިއަހަރު ހިނގާފައެއް ނުވެ އެވެ. އަދި އެފަދަ ބައެއް ފިލްމުތައް ފްލޮޕްވެފައިވެސް އެބަހުއްޓެވެ. ކުޑަ ބަޖެޓަކުން އަދި އެހާ މަޝްހޫރު ނޫން ތަރިން ހިމަނައިގެން ހަދާފައިވާ ބައެއް ފިލްމުތަކަށް ކުރިން ހީކުރިވަރަށް ބޮޑު ކާމިޔާބެއްވެސް މިއަހަރު ލިބިފައިވެ އެވެ.

މިއަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސުޕަމާރިއޯ"، "ބާބީ" އަދި "އޮޕަންހައިމާ"އާ ވާދަކޮށްލެވޭ ވަރު ފިލްމެއްގެ ގޮތުގައި ފެނިގެންދިޔަ "ސައުންޑް އޮފް ފްރީޑަމް" އަކީ ކުޑަ ބަޖެޓަކުން ހެދި ފިލްމެކެވެ.

އެލެހާންޑްރޯ ގޮމެޒް މޮންޓެވަރްދެ ޑައިރެކްޓް ކޮށްފައިވާ "ސައުންޑް އޮފް ފްރީޑަމް" އަކީ ކުޑަކުދިން ކިޑްނެޕްކޮށް ވިއްކުމާ ބެހޭ ހަގީގީ ވާހަކައަކަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ މިނިވަން ސްޓޫޑިއޯއެއް ކަމުގައިވާ އޭންޖަލް ސްޓޫޑިއޯޒް އިން ރިލީޒްކުރި ފިލްމެކެވެ. ޖިމް ކެވިޒެލްގެ ލީޑް ރޯލް އަދާކުރާ މި ފިލްމު ހަދާފައިވަނީ 14.5 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

މަދު ސިނަމާތަކެއްގައި އަޅުވާފައިވާ މި ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި ޖުމްލަކޮށް 180 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މި ފިލްމް ކުރިއަށް އޮތް މަސްތަކުގައި އިތުރު ސިނަމާތަކުގައި އެޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފިލްމު އެމެރިކާގައި ރިލީޒްކުރީ ކޯވިޑް-19 އާއި އެހެންވެސް ގިނަ ދަތިތަކަކާ ކުރިމަތިލުމަށްފަހު އެވެ.

މި ފިލްމުގެ ކާމިޔާބީގެ ފަހަތުގައި ވަނީ ކޮން ސިއްރެއްތޯ އަހާ މީހުން އެބައުޅެ އެވެ. މި ފިލްމުގެ ކާމިޔާބީގެ ފަހަތުގައި އެންމެންގެ ހިތްތަކާ ކުޅެލާ އަސަރުގަދަ ވާހަކަ އާއި މޮޅު އެކްޓިންގެ އިތުރުން ގެންގުޅުނު މޮޅު މާކެޓިން ކެމްޕޭން ވެސް މުހިއްމު ދައުރެއް އަދާކުރެ އެވެ. އެއީ "ބާބީ"ގެ ކާމިޔާބީއަށްވެސް ބޮޑު ދައުރެއް އަދާކުރި ކަންކަމެވެ.

އޭންޖަލް ސްޓޫޑިއޯއިން ވަނީ އެލެހާންޑްރޯ ގޮމެޒްގެ ހިޔާލާ ހިލާފަށް މި ފިލްމު ޕްރޮމޯޓް ކުރުމަށް މޮޅު އުކުޅެއް ބޭނުންކޮށްފަ އެވެ. އެއީ ފިލްމުގެ ކްރެޑިޓްތައް ނިމުމުން، ޖިމް ކެވިޒަލް ލައްވާ ހަދާފައިވާ ވީޑިއޯއެއް ހިމެނުމެވެ.

މި ވީޑިއޯގައި ފިލްމު ބަލަން އައިސްފައި ތިބި މީހުން ގާތު ޖިމް އެދެނީ "ޕޭ-އިޓް-ފޯވަޑް" (ހެޔޮކަމެއް ލިބޭ މީހަކު، އެހެން މީހަކަށް ހެޔޮކަމެއް ކޮށްދިނުން)ގެ ގޮތުގައި މި ފިލްމަށް އިތުރު ޓިކެޓެއް ގަނެދިނުމަށެވެ.