ހަބަރު

ރައީސްގެ އެކައުންޓުގެ ތަފްސީލު ދިނުމަށް އެމްއައިބީއިން ނިންމައިފި

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓު ތަފްސީލު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދިނުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ނިންމައިފި އެވެ. ރައީސް ވަނީ އެކައުންޓުގެ ތަފްސީލު އޭސީސީއަށް ދެއްވުމަށް އެދިލައްވާފަ އެވެ.

ރައީސްގެ އެދިލެއްވުމަށް އިޖާބަ ދިނުމުގެ ގޮތުން އެމްއައިބީއިން ވަނީ އޭސީސީން ހޯދަން ބޭނުންވާ މައުލޫމާތު ހިއްސާކުރުމަށް ނިންމާފަ އެވެ. އެކަމާ ބެހޭ މަަޝްވަރާތައް މިހާރު ކުރިޔަށްދާ ކަމަށާއި އެ މައުލޫމާތު ހިއްސާކުރާނެ ގޮތްތަކާ ބެހޭ ގޮތުން ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފަ އެވެ.

ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، ރައީސް ޔާމީންގެ އެކައުންޓުގެ ތަފްސީލު ނުދޭން ސިވިލް ކޯޓަށް އެއްވެސް މައްސަލައެއް ވައްދާފައިނުވާނެ ކަމަށެވެ. ބައެއް މީޑިއާތަކުން ވަނީ އެ ޚަބަރު ފަތުރާފަ އެވެ.

އެމްއައިބީގެ ބޯޑުން މައްސަލައެއް ކޯޓަށް ވައްދަން ނިންމާފައިވާ ކަމަށް އޭސީސީއަށް ހިއްސާކުރި ކަމަށާއި ކޯޓަށް ހުށަހެޅީ ތަހުގީގީ އިދާރާތަކަށް ކަސްޓަމަރުންގެ މައުލޫމާތު ހިއްސާ ކުރަންވީ ގޮތެއް ކަނޑައަޅައިދިނުމަށް އެދި ކަމަށެވެ. އެމްއައިބީއިން ސިވިލް ކޯޓަށް ހުށަހެޅީ ބޭންކިން ގާނޫނުގައި ކަސްޓަމަރުންގެ މައުލޫމާތު ހިމާޔަތްކުރަން ޖެހޭނެ ކަމަށް ބުނެ ވަރަށް ވަރުގަދަ އުސޫލްތަކެއް ކަނޑައަޅާފައިވާތީ ކަމަށް އެ ބަޔާނުގައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރައީސްގެ އެމްއައިބީގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ޑޮލަރުގެ މިދިޔަ އަހަރުގެ ފަހުކޮޅު ދެ ފަހަރެއްގެ މަތިން ވަނީ ޖަމާކޮށްފަ އެވެ. އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި އެމްއައިބީގައި އޮންނަ ރައީސްގެ އެކައުންޓަކީ އެއްވެސް ގޮތަކަށް ރައީސް ބޭނުން ކުރައްވާ އެކައުންޓެއް ނޫނެވެ.

ރައީސް ވިދާޅުވެފައިވަނީ، ރައްޔިތުންގެ ފައިސާއެއްގައި ޖެހިފައި ނޯންނާނެ ކަމަށާއި ހުންނެވީ ސާބިތު ކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ. ރައްޔިތުންގެ ފައިސާގައި ޖެހުނު ކަމަށް ބުނެ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރެއްވުމުން އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.