ގައުމަށް ވާރޭ ވެހޭ މިންވަރާ މެދު ހިތްހަމަނުޖެހިގެން، ސައިންސްގެ އަލީގައި ބޯކޮށް ވާރޭ ވެހޭނެ ގޮތް ހެދުމަށް ފަސް މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް އެގައުމުން މި ހަފުތާގައި އިއުލާނުކޮށްފި އެވެ.
ޔޫއޭއީގެ ނެޝެނަލް ސެންޓަ ފޯ މީޓްރޮލޮޖީން ބުނަނީ މިއީ ޔޫއޭއީ އާއި ސަރަހައްދުގެ އެހެން ގައުމުތަކަށް ކުރިމަތިވާ ވާރޭގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫއާ އެކު ޔޫއޭއީ ވެގެންދާނީ ކްލައުޑް-ސީޑިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ވާރޭ ވެއްސާ ގަލްފުގެ ފުރަތަމަ ގައުމަށެވެ. ކްލައުޑް_ސީޑިން އަކީ ސިލްވާ އަޔޮޑައިޑް އާއި ޕޮޓޭސިއަމް އަޔޮޑައިޑް ނުވަތަ ކާބަންޑައި އޮކްސައިޑް ފަދަ ކެމިކަލް މާއްދާތައް ޖައްވުގެ ތެރެއަށް ދޫކޮށްގެން ހިންގާ ޕްރޮސެސްއެކެވެ.
ތަޖުރިބާކާރުން ބުނަނީ މިފަދަ މަޝްރޫއެއް ޔޫއޭއީ ފަދަ ގައުމަކަށް ވަރަށް ވެސް މުހިންމު ކަމަށެވެ.
އެ ގައުމަށް އަހަރެއްގެ މައްޗަށް ވެރޭ ވާރޭގެ ނިސްބަތުގެ އަދަދު ގުނާލެވެނީ 100 މިލިމީޓަރަށް ވުރެ ވެސް ދަށްކޮށެވެ. މި ސަބަބާ ހެދި ގައުމަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަން ހަގީގަތު ވެސް ވަރަށް ބޮޑެވެ.
ޔޫއޭއީ އިން ބުނަނީ ވާރޭ ބޯކޮށް ވެހޭނެ ގޮތް ހެދުމަށް ކުރިއަށް ގެންދާ މަޝްރޫއަކީ ތިން އަހަރުގެ މަޝްރޫއަކަށް ވިޔަސް ފެނުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދޭ ފެންވަރުގެ ޓެކްނޮލޮޖީއަކާ ހަމަ އަށް ވާސިލުވެގެންދެން އެމީހުންގެ މަސައްކަތް ހުއްޓައެއް ނުލާނެ ކަމަށެވެ.