ހަބަރު

ދެ ރަށެއްގެ ކައުންސިލް އިދާރާ ހަދަން 8.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް

މ. މަޑުއްވަރީ އާއި ދ. މާއެނބޫދޫ ކައުންސިލްގެ އިދާރާ އެޅުމަށް 8.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ދެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަޑުވައްރީ ކައުންސިލްގެ އިމާރަތް އަޅަން މިމްސް ކޮންސްޓްރަކްޝަނާ ހަވާލިކޮށްފައިވާ އިރު އެމަސައްކަތުގެ އަގަކީ 4.2 މިލިއަން ރުފިޔާ އެވެ. މި ޕްރޮޖެކްޓުގެ ދަށުން ކައުންސިލް އިމާރަތް ތެރޭގައި ކޮންފަރަންސް ހޯލެއްވެސް އަޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މާއެނބޫދޫ ކައުންސިލްގެ އިދާރާ އަޅުމަށް 4.1 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް އެލްޖީއޭ އިން ވަނީ ސާސީ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ. މިމްސް ކޮންސްޓްރަކްޝަން އަދި ސާސީ ކޮންސްޓްރަކްޝަން އިން ވެސް ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހާއި ހަމަޔަށް ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ.

މިއަދު އެލްޖީއޭގައި ބޭއްވި ރަސްމިއްޔާތުގައި މިމްސް ކޮންސްޓްރަކްޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ސައުދުﷲ ހިލްމީ އެއްބަސްވުމުގައި ސޮއި ކުރެއްވި އިރުސާސީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ސައުދުﷲ އަހުމެވެ. އަދި މި ދެ ކޮންޓްރެކްޓްގައި ވެސް އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ފާރޫގް މުހައްމަދު ހަސަން އެވެ.