އިލްޔާސް ލަބީބް

އިލްޔާސްއަށް މަރުގެ އިންޒާރު ދީފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް މަރުގެ އިންޒާރު ދީފި އެވެ.

ޓްވިޓާގައި "ރޯނު އެދުރު 813"ގެ ނަމުގައި ހަދައިގެން އުޅޭ އެކައުންޓަކުން އިލްޔާސް އަށް މަރުގެ އިންޒާރު ދިން މައްސަލަ ބެލައިދިނުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.

ޑިމޮކްރެޓްސްގެ ތަރުޖަމާން އިމްތިޔާޒް ފަހްމީ ވިދާޅުވި ގޮތުގައި އެ އެކައުންޓުން އިލްޔާސް އަށާއި ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނަށް ދަނީ މަރުގެ އިންޒާރު ދެމުންނެވެ.

މި މައްސަލަ އަކީ އާދައިގެ ކަމެއްގެ ގޮތުގައި ނުދެކި ސީރިއަސްކޮށް މި މައްސަލަ ބަލައިދޭން އިމްތިޔާޒް ވަނީ އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ މިމައްސަލަ އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށްވެސް މަރުގެ އިންޒާރު ދިން މައްސަލައެއް ކަމާ ގުޅޭ އިދާރާތަކުން ދަނީ ބަލަމުންނެވެ.