ދުނިޔެ

ގޭސް ހޮޅި ގޮއްވާލައިފި ނަމަ ހަނގުރާމަ ފަށާނަން: ހަންގޭރީ

ހަންގޭރީއަށް ބޭނުންވާ ގޭސް ސަޕްލައިކުރުމަށް ރަޝިއާއިން އަޅާފައި އޮތް ގޭސް ހޮޅިއަށް ބަޔަކު ހަމަލާއެއް ދީފިނަމަ އެއީ އެ ބަޔަކާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރާނެ ކަމެއް ކަމަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްތަރު އޯބަން ވިދާޅުވެއްޖެ އެވެ.

ރަޝިއާއިން ތުރުކީ، ބަލްގޭރިއާ، ސާބިއާ އަދި ހަންގޭރިއަށް ގޭސް ފޮނުވުމަށް އަޅާފައި އޮތް ގޭސް ހޮޅި އަދިވެސް އޮތީ ދުޅަހެޔޮކޮށް ކަމަށް އޯބަން ވިދާޅުވި އެވެ.

ވިކްތަރު އޯބަން ވިދާޅުވީ ރަޝިއާގެ ގޭސް ޖަރުމަނަށް ފޯރުކޮށްދިނުމަށް އަޅާފައި އޮތް ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލުމުން -- ލަދުން ކަމެއް ކުރަން ނުކެރިފައި ޖަރުމަނު އެ އޮތް ގޮތަށް -- ހަންގޭރީ ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ގޭސް ހޮޅިއަށް ބަޔަކު ކަމެއް ކޮށްފިނަމަ ކަންކުރާނެ ގޮތް ދުނިޔެއަށް އޮންނާނީ އިއުލާންކޮށްފަ،" އޯބަން ވިދާޅުވި އެވެ.

"އަޅުގަނޑާއި ސާބިއާގެ ރައީސް އެލެގްޒެންދަރު ވޫޗިޗްގެ ވިސްނުމަކީ ގޭސް ހޮޅިތަކަށް ހަމަލާދީފިނަމަ އެ ބަޔަކާ ދެކޮޅަށް ހަނގުރާމަކުރުން" އޭނާ ވިދާޅުވި އެވެ.

ވިކްތަރު އޯބަން ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ސެޕްޓެމްބަރުގައި ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލުން ހަނގޭރީން ކުށްވެރިކުރި އެވެ. އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބުނެ އެކަން އެންމެ ފުރަތަމަ އިއުލާންކުރީ ވެސް ހަނގޭރީން ކަމަށް އޭނާ ވިދާޅުވި އެވެ.

އޯބަން ވިދާޅުވީ ޖަރުމަނަށާއި ހުޅަނގު ޔޫރަޕަށް އެ މީހުންގެ ހައްގުގައިވެސް ބަހެއް ބުނަން ނުކެރުނު ކަމަށެވެ. އެ މީހުންގެ ގައުމުތަކަށް، ރައްޔިތުންނަށް ލިބިދާނެ ގެއްލުމެއްގެ ބަދަލުގައި ވެސް އެކައްޗެއްވެސް ބުނަން ނުކެރުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލީ އެމެރިކާ އަޑީގައި އޮވެގެންނެވެ. އެންމެ މުހިއްމު ދައުރެއް އަދާކުރީ އިނގިރޭސިންނެވެ. ޔުކްރޭން އަދި ޔޫރަޕްގެ ގިނަ ގައުމުތަކަށްވެސް މިކަން އެނގެ އެވެ.

ޔުކްރޭން ލައްވައި ރަޝިއާއާ ދެކޮޅަށް ހުޅަނގުން ހަނގުރާމައެއް ފެށުމުގެ ބޭނުމަކީ ވެސް ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލުމެވެ. ސަބަބަކީ ދުނިޔެއަށް ބޭނުންވާ ގޭހުގެ ވަރަށް ބޮޑު އަދަދެއް ރަޝިއާގެ އަތުގައި އޮތުމެވެ.

އެމެރިކާގެ ބޭނުމަކީ ރަޝިއާގެ އަތުގައި އޮތް ގޭހުގެ އަޣުލަބިއްޔަތު އަތުލައިގަނެ އެ މަގާމަށް އެރުމެވެ. އަދި ދުނިޔެއަށް ބޭނުންވާ ހަކަތަ -- ތެލާއި ގޭސް، އެމެރިކާގެ މުށުތެރެއަށް ލުމެވެ.

ވިކްތަރު އޯބަން ވިދާޅުވީ ޖަރުމަނުހާ ފިނޑި ގައުމަކަށް ހަންގޭރީ ނުވާނެ ކަމަށެވެ. ހަންގޭރީގެ ޝައުގުވެރިކަމަކާ ކުޅެލައިފިނަމަ ދެވަރުން އެއްވަރުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.