ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ވައުދު: ރޯދަ މަހުގެ ފަހު 10 ދުވަސް ބަންދު

Aug 31, 2023

ރޯދަ މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އޭދަފުށީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވި ގޮތުގައި އެގޮތަށް ހަމަޖައްސަނީ އަޅުކަންތަކަށް ސަރުކާރު މުވައްޒަފުންނަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

"އަޅުގަނޑު ގަސްތުކުރަނީ ރަމަޟާން މަހުގެ ފަހު 10 އެއީ އެއްކޮށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް،" މުއިއްޒު ވިދާޅުވި އެވެ.

އެގޮތަށް ހަމަޖެއްސުމުން އެ ދުވަސްވަރު އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ މުވައްޒަފުންނަށް އިތުރު ޗުއްޓީއެއް ނަގަން ނުޖެހޭނެ ކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މުއިއްޒު ވަނީ ރޯދަ މަހުގެ ފަހު 10 ދުވަހަކީ ގްރޭޑް އަށަކުން ދަށުގެ ދަރިވަރުންނަށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. ނަމަވެސް އިމްތިހާންތައް ހުންނަ ގޮތުން ސްކޫލުން ކަނޑައަޅާ ގޮތެއްގެ މަތިން މަތީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ދާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.