ވާހަކަ

ގަހަނާ ފޮށި

( 29 އޯގަސްޓް 2023 އާ ގުޅޭ )

"މާލެއިން ޓީމު އަތުވެއްޖެ. ރަށުކޮޅުން އެންމެ އިސްކޮށް ހުރި އޮފިސަރާ ވެސް ވާހަކަދައްކައިފި. މިރޭގެ ވަގުތެއްގައި ރަށަށް ދެވޭތޯ އެބަލަނީ. އާނަ ބުނީމެންނު އަނުމް ކިޔާ ކުއްޖަކު މަރުވެފައި ވޭ ހެއްޔޭ... އެނގޭތަ... މި ރަށާ އެންމެ ކައިރީގައި އޮންނަ މީހުން އުޅޭ ރަށަކުން އަންހެންކުއްޖަކު ގެއްލިފައިވަނީ. ތޭވީސް އަހަރުގެ އައިޝަތު އަނުމް އިބްރާހީމް. އޭނާ ގެއްލުނު ފަހުން 5 އަހަރުވެއްޖެ." ހޫދު ބުންޏެވެ.

"އޭނާގެ ފޮޓޯ ދުށީންތަ؟... ލޯ... ލޯ ތަފާތުތަ؟." ހިތްއަވަސްވެފައި ހުރިވަރުން ވާހަކަދައްކަން އުނދަގޫވިއެވެ.

"އާން. ޔުނީކް... ރާއްޖޭގައި އާންމުކޮށް ނުފެންނަ ކުލައެއްގެ ކަޅިއެއް. އާނައަށް ތިހާ ތަފްޞީލުކޮށް އެނގެނީ ކިހިނެއް؟. ބޮޑުމީހާ ވެސް އެ ސުވާލު އަހަރެންނާ ކުރި. ފައިސަލް ދިރިއުޅޭ ތަނުގައި ހުރި ކޮޓަރިއަށް އާނަ ވަނީތަ؟. ޑޯންޓް ބީ ކެއާލެސް. އެހެން ހެދީވިއްޔާ ތިކުރީ ވަރަށް ނުރައްކާތެރި ކަމެއް..." ކުއްލިއަކަށް ހޫދު މާބޮޑަށް ކަންބޮޑުވުން ފާޅުކުރަން ފެށުމުން އޭނާގެ ވާހަކަ ހުއްޓުވީމެވެ.

"ނުރައްކާވާނެކަން އަހަރެންނަށް އެނގޭ. ހޫދު... އަނުމްގެ ފޮޓޯއެއް އަހަރެންނަށް ފޮނުވާ ދީބަލަ... ފޮނުވޭނެތަ؟." އަހަރެން ބުނީމެވެ. މަޑުކޮށްލާށޭ ބުނެފައި ހޫދު އަހަރެންނަށް ފޮޓޯ ފޮނުވިއެވެ. ފޯނުކޯލުގައި އިނދެ އަހަރެންގެ ވަޓްއެޕަށް އައި ފޮޓޯ ހުޅުވާލީމެވެ. މެޔަށް ފިނިވެލި ގޮތަށް ގައިން ހީބިހި ނަގައިގެން ދިޔައެވެ. ފައިސަލް ތަޅުލާފައި ހުންނަ އަލަމާރި ތެރެއިން ފެނުނު ފްރޭމުގައި އިން އަންހެންކުއްޖާގެ ތަސްވީރެވެ. ފަށުވިކޮޅެއްހާ ފަންވެފައި ކަޅުކަން ގަދަ އިސްތަށިގަނޑު އޮތީ ކޮނޑުގައި ކިރިޔާ ހޭކިލާ ވަރަށް ކޮށާލާފައެވެ. ބިސްބުރު ބައްޓަމުގެ ކުޑަ މޫނުކޮޅެކެވެ. މީހަކު އަޖައިބުވާ ފަދަ ކަޅިރަވައެކެވެ. ހޫދު ބުނިހެން އެފަދަ ކަޅިއަކީ ރާއްޖެއިން ފެނުން ދަތި މަންޒަރެކެވެ. ހިތާހިތުން އެ އަންހެންކުއްޖާގެ ނަން ތަކުރާރުކޮށްލެވުނީ އޭނާގެ މައްޗަށް ވެވުނު ހަމްދަރުދީއެއްގެ ބޮޑުކަމުންނެވެ.

"އާނަ... އެބަހުރިންތަ؟." އަހަރެން ވާހަކަނުދައްކާތީ ހޫދު އަހާލިއެވެ. އަހަރެން ހޫނއެއް ލައްވާލީމެވެ.

"އޭނާގެ ފެމިލީއާ ބެހޭ ގޮތުން އެނގޭތަ." އަހަރެން އަހާލީމެވެ.

"ކުށުގެ ރިކޯޑެއްނެތް. ފެންނަ ފެނުމަށް ރަނގަޅު ޢާއިލާއެއް. ބައްޕައަކީ ޑަކްޓަރެއް. ބޭރުމީހެއް. މަންމަ ހުންނަނީ ގޭގައި. ކުރީން ޓީޗަރެއް. އެމީހުންގެ ދެ ކުދީން ތިބެނީ. ބައްޕަ ފަރާތުން ވާރުތަކޮށްފައިވާ ސިފައެއް ކަޅީގެ ކުލަ ތަފާތުވުމަކީ. އަނުމް އެކަނި އަންހެންކުއްޖަކަށް ހުންނަނީ. ފިރިހެން ކުއްޖާ އަނުމްއަށް ވުރެ ދެ އަހަރު ކުޑަ." އަނުމްގެ ޢާއިލާއާ ބެހޭ ގޮތުން ހޫދު ކިޔާދިނެވެ.

އަހަރެންނަށް ވިސްނާލެވުނެވެ. ޝިފާލީއަކީ ވެސް ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. އެކަމަކު އެމީހުންނާ އަހަރެން މުޅިން ތަފާތެވެ. އަހަރެންގެ ޢާއިލާގައި ތިބެނީ އަންހެން ކުދީންނެވެ. އުމުރަށް ބަލާނަމަ އަނުމްއާއި ޝިފާލީއަށްވުރެ އަހަރެން ދޮށްޓެވެ.

"ހޫދު. އަދި ކަމެއްކޮށްދީބަލަ." ކުއްލިއަކަށް ހިތަށް ވަން ޚިޔާލަކުން އަހަރެން ބުނީމެވެ.

"ކޮންކަމެއް." ހޫދު އަހާލިއެވެ.

"ލުބުނާގެ ފޮޓޯ ފޮނުވަބަލަ. އަހަރެން ބޭނުން އޭނާ ހުންނަ ގޮތް ބަލާލަން." އަހަރެން ބުނީމެވެ. ރަށުގައި ހިނގި ފުރަތަމަ މަރަކީ ލުބުނާގެ މަރެވެ. އެކަން މުޅި ރަށާއި ގައުމަށް ވެސް ވަނީ ފަޅާއަރާފައެވެ. ނަމަވެސް އަނުމްއާއި ޝިފާލީ ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަދި އަދަށް ވެސް އެމީހުންނަށް ވީގޮތެއް ހޯދިފައެއް ނެތެވެ. އެ ދެ އަންހެންކުދީން މަރާލީ ފައިސަލްކަން އެނގެނީ އަހަރެންނަށް އެކަންޏެވެ. އަނުމް މަރާލީތަން އަހަރެންނަށް ނުފެނުނު ކަމުގައި ވިޔަސް ފައިސަލްގެ އަތުން ފެނުނު އެއްޗެހި އެކަމުގެ ހެއްކަކަށް ފުދެއެވެ. ފައިސަލް ދުލުން އަނުމްގެ ނަން ނުކީނަމަ އެއީ ކާކުތޯ ހޯދުމުގެ ޝައުގުވެރިކަމެއް ވެސް އަހަރެންގެ ނުވީހެވެ. ހަމައެކަނި ފޮޓޯއަކުން އެއީ ކާކުކަމެއް އަހަރެންނަކަށް ނޭނގުނީހެވެ. ހޫދަށް ވެސް އަނުމް ހޯދުނީ އެ އަންހެންކުއްޖާގެ ނަން އަހަރެން ބުނީމައެވެ. މި ތިން މަރުގައި ގުޅުމެއްވިޔަސް އަދި އަހަރެންނަށް އެކަން ހޯދިފައެއް ނެތެވެ. ފުރަތަމަ ކަމަކީ ލުބުނާ މަރުވިއިރު ފައިސަލްގެ އުމުރު އެފަދަ ކަމަކަށް ފުރުޞަތު ނުދިނުމެވެ. އެ މަރުގައި ފައިސަލްގެ އަތެއްނުވާކަން އަހަރެންނަށް ވަރަށް ބޮޑަށް ޔަގީންވެއެވެ. އެހެންވީރު ފައިސަލް ގާތިލަކަށް ބަދަލުވާން ޖެހުނީ ކީއްވެބާއެވެ. އޭނާގެ އުމުރުން ކިހާ ހިސާބެއްގައިބާއެވެ. އެކަމުގައި ވެސް ސަބަބެއް އޮންނާނޭ އަހަރެންގެ ޟަމީރު ހިތާއި ސިކުނޑި ކައިރީ ބުނެއެވެ.

"އިރުކޮޅަކުން ފޮނުވާނަން. ލުބުނާގެ މަރާ ގުޅުމެއް ވަނީތަ؟." ހޫދު ސުވާލު ކުރިއެވެ. އެހެން މީހުންނަށް ނޭނގޭ ވަރަށް އަހަރެންނަށް އެނގޭތީ ހޫދު ވަރަށް ބޮޑަށް ސުވާލުކުރެއެވެ. ނަމަވެސް އަހަރެންނަށް މިކަން އެނގުނީ އާދައިގެ ގޮތަކަށްނޫނެވެ. ބުއްދިއަށް ނަގައިގަތުން ފަސޭހަ ގޮތަކަށް ވެސް ނޫނެވެ. އަހަރެންގެ މައްސަލައެއް ހުރިއްޔޭ ހީކުރާކަށް ބޭނުމެއްނޫނެވެ.

"އެހެން ބުނާކަށް ނޭނގެ. އޭނާ ހުންނަ ގޮތް ބަލާލަން ބޭނުމީ." އަހަރެން ބުނީމެވެ.

"ފައިސަލް ކައިރިން ކަމެއް އޮޅުންފިލުވަން ނޫޅެއްޗޭ. އޭނާ ކައިރީ ބުނެވޭ ކުޑަކުޑަ ވާހަކައަކުން އެލާޓަށް އަތުވެދާނެ. އޭރުން އަހަރެމެންނަށް އޮތް ޗާންސް ވަރަށް ބޮޑަށް ހަނިވެގެންދާނެ. ހެއްކެއް ނެތި އެއްވެސް ކަމެއް ނުކުރެވޭނެ. އެޓްލީސްޓް އަހަރެމެންނަށް ތިކޮޅަށް ދެވެންދެން އާނަ ކަމެއްނުކޮށް މަޑުކުރޭ. ތިކޮޅަށް ޓީމު ދާ ގޮތަށް ވަގުތުން މަސައްކަތްތައް ފަށާނެ. ހުރިހާ ވަގުތަކު އޭނާގެ ހަރަކާތްތަކަށް ފާރަލާނޭ ބަޔަކު އުޅޭނެ. އަހަރެމެންނަށް އާނަގެ ސޭފްޓީ ގައިމުވާނެ." ހޫދު ބުންޏެވެ.

"ޔެސް. އޭނާގެ އެޓެންޝަން ލިބޭކަހަލަ ކަމެއް ނުކުރާނަން." އަހަރެން އެހެން ބުނެލީ ހަމައެކަނި ހޫދުގެ ހިތްހަމަޖައްސާށެވެ. ފައިސަލްއާ އެއްވެސް ވާހަކައެއް ނުދައްކާ އޭނާއާ ގާތްކަން ނުބާއްވާ އަހަރެންނަށް ކަމެއް އޮޅުމެއް ނުފިލާނެއެވެ. ފުލުހުންގެ ޓީމު އައުމުގެ ކުރީން ފައިސަލް ދިރިއުޅޭ ގެއަށް އަހަރެން ވަނުން ވަރަށް މުހިންމެވެ.

ހޫދުއާއެކު އިން ފޯނުކޯލު އަހަރެން ކުރުކޮށްލީ އިތޫ އައީމައެވެ. އަދިވެސް އެއްފަހަރު ލުބުނާގެ ފޮޓޯއެއް ފޮނުވާ ދޭން ހަނދާންކޮށްދިނުމުގެ ގޮތުން ހޫދަށް އަހަރެން މެސެޖު ކުރީމެވެ. އިތޫ އައިސް އަހަރެން ކައިރީ ސޯފާގައި އިށީނެވެ.

"ތީ ކޮން ފޯނެއް." އަހަރެންގެ ފޯނު ނޫންކަން އިތޫ ދެނެގަތީ ނިކަން އަވަހަށެވެ.

"މީ... މީހަކު ދިން ޚާއްޞަ ފޯނެއް." ދަބަހަށް ފޯނުލަމުން ހިނިއައިސްފައި އިނދެ އަހަރެން ބުނީމެވެ. ގަސްދުގައި އިތޫގެ ސިކުނޑިއަށް ޚިޔާލެއް ވައްދަން ބޭނުންވެގެންނެވެ.

"ފައިސަލްތަ؟." ސިއްރުވެރި ގޮތަކަށް އިތޫ އަހާލިއެވެ. އަހަރެން ހީނގަތީއެވެ. އެއާއެކު އޭނާ ޤަބޫލުކޮށްފިކަން ޔަގީންވިއެވެ.

"ކުޑަބެ ވެސް ގެންގުޅުނު ހަމަ ތީގެ ފޯނެއް." އިތޫ ބުންޏެވެ.

އަހަރެން ވާހަކަ ބަދަލުކޮށްލީމެވެ. ބޭރަށް ނުކުމެލަން ޚިޔާލު ފާޅުކުރީމެވެ. އެ ގެއާ އަތިރިމައްޗާ ކައިރިއަށް ނޫނެވެ. އެހެންވެ އަހަރެން ޚިޔާލު ދިނީ އެންމެ ކައިރީގައި ހުރި ރެސްޓޯރެންޓެއް ނޫނީ ކެފޭއަކަށް ކޮފީއެއް ބޯލަން ދާށެވެ. އަހަރެންގެ ޚަރަދުގައޭ ވެސް ބުނީމެވެ. އިތޫ އެއްބަސްވިއެވެ. އޭނާ ތެދުވެ ހަލުވި ހިނގުމުގައި ހިނގައިގަތީ ބުރުގާ އަޅާށެވެ.

ކޮފީއަށް ގޮސްފައި އަހަރެމެން ގެއަށް އައީ އިރުއޮއްސި ނަމާދަށް ގޮވި ފަހުންނެވެ. ދެން ވެސް އަހަންނާއެކީ އިތޫ ވާހަކައިގައި އިރުކޮޅު އިނެވެ. އޭނާ ނަމާދަށް ކޮޓަރިއަށް ދިއުމުން އަހަރެން ނުކުތީ ދޮރޯށި ކައިރިޔަށެވެ. އޭރު އިޝާ ނަމާދަށް ގޮވަން ވެސް ކައިރިވެއްޖެއެވެ. ދޮރޯށި ލައްޕާލައި ދޮރުމަތީ މަޑުކޮށްލައިގެން ހުރެ މަގުގެ ދެކޮޅު ހޯދާ ބެލީމެވެ. މަގުމަތި އޮތީ ހިމޭންވެފައެވެ. ޖެހިގެން ހުރިގެއިން ވެސް މިރޭ އަޑެއްބަޑެއް ނީވެއެވެ. އަހަރެން ހުރީ ޝިފާލީގެ ސިފައިގައި ހުންނަ މަހުލޫގު އާދޭތޯއެވެ. ނަމަވެސް ހިލަމެއްނުވިއެވެ. އެހެންވެ އަމިއްލަ ނަފްސަށް އިވޭހާ މަޑުން ޝިފާލީގެ ނަމުން ގޮވާލީމެވެ. ލަސްލަހުން އެގޮތަށް ތިން ފަހަރު ގޮވާލީމެވެ. މަގުގެ އެއްކޮޅަށް ބަލާލައިފައި އަނެއްކޮޅަށް ބަލާލި ހިނދު އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެ ސިހުމުގައި ދުރަށް ޖެހިލަން ފިޔަވަޅު އަޅާލެވުނު ގޮތުން އަހަރެން ވެއްޓުނީއެވެ. ފާރު ކައިރީ އަހަރެންނަށް ބަލަން ޝިފާލީ ހުއްޓެވެ.

"ކިހިނެއްވީ؟... ދެން ތެދުވަންވީނު." އޭނާ ވާހަކަދެއްކިއެވެ.

އަހަރެން އަވަސް އަވަހަށް ތެދުވީމެވެ. ދެ އަތުން ވެލި ފޮޅާލުމާއެކު ހަރުވާޅު ކިލާވެފައި ހުރެދާނެތީ ފުރަގަހުން ބުޑާ ދިމާ ވެސް ފޮޅާލީމެވެ. ދެން ދޮރޯށި ކައިރިއަށް އަނެއްކާ ވެސް ޖެހިލީމެވެ. މީހަކު ފެންނަން ނެތްކަން ޔަގީންކޮށްފައި ވާހަކަދެއްކީމެވެ.

"ފުލުހުންގެ ޓީމާއެކީ ހޫދު މިރޭ މިކޮޅަށް އަންނާނޭކަމަށް ބުނެފި. އެމީހުންނަށްވުރެ ކުރީން އަހަރެން ބޭނުން ފައިސަލް އުޅޭ ތަނަށް ވަންނަން. އަހަރެންގެ ވީޑިއޯތައް ޑިލީޓްކުރަން. އަހަރެންގެ އެއްވެސް އެއްޗެއް އެމީހުންނަށް ލިބޭކަށް ބޭނުމެއްނޫން. އެ ފުރުޞަތު ހޯދަ ދީބަލަ... ރޭގައި ކަންތައްވީގޮތް ކަލެއަށް ވެސް އެނގޭނެ. ފަޒީލު ހީވަނީ އޭނާގެ މަންމަ ފޮނުވައިގެން އުޅޭ އޭޖެންޓެއްހެން. އަހަރެން އެމީހުންގެ ގެއަށް ބަދަލުނުވީމާހެން ހީވަނީ. ކޮންމެވެސް ގޮތަކުން އެބަޖެހޭ ފަޒީލު ހުއްޓުވަން. ވަގުތެއްނެތް މަޑުކޮށްގެން ތިބޭކަށް. ހޫދު ބުނި އެމީހުން އަންނަ ގޮތަށް ފައިސަލްއަށް ފާރަލާން ފަށާނޭ. އޭގެ މާނައަކީ ގެސްޓްހައުސް ތެރޭ ހިނގާ ކަންކަން ވެސް އެމީހުން ބަލާނެއޭ. ޝިފާލީއަށް އިންސާފު ލިބުމަށް އޭނާއާ ގުޅޭ ގޮތުން ފައިސަލް އެއްކޮށްފައި ހުރި ހުރިހާ އެއްޗެއް މުހިންމުވާނެ. އެކަމަކު އަހަރެންގެ ވީޑިއޯތައް ބައެއްގެ އަތަށް އަރައިފިއްޔާ އަހަރެން ބަދުނާމުވުން ނޫންކަމެއް ނުވާނެ. އަހަރެންނަށް އެ ވީޑިއޯތައް ވަރަށް ބޮޑަށް މުހިންމު." އަހަރެން ބުނީމެވެ.

"ކަލޭމެންގެ ތެރެއިން އެންމެ ބޮޑެތި ކުށްކުރާ މީހުންނަށް ލިބޭ އަދަބު އޭނާއަށް ލިބޭނެތަ؟. ޖަލަށް ލާނެތަ؟. އޭނާ ޖަލަށް ދިއުން މުހިންމު." އޭނާ ބުންޏެވެ.

"އޭނާގެ ބައްޕަ ފަދައިން އުމުރު ދުވަހުގެ ހުކުމެއް އަންނާނެކަން ޔަގީން. އޭރުން ހުންނާނީ ޖަލުގައި." އަހަރެން ނިކަން އަވަހަށް ބުނީމެވެ.

"ފައިސަލްއަކީ ވަރަށް ވިސްނުންތޫނު މީހެއް. އަހަރެން އޭނާގެ ކައިރީ އުޅުނަސް މިހާތަނަށް ކަމެއްކޮށްފައެއް ނުވާނެ. އޭނާގެ ހަށިގަނޑަށް ވަންނާކަށް ވެސް މަސައްކަތެއް ނުކުރަން. އޭނާއަށް ކަމެއް ޝައްކުވެދާނެތީ. އިންސާނުން ފަދައިން އަހަރެމެންނަކީ މަރުވާނެ ބައެއް. ޝިފާލީއަށް އޭނާ ހެދިގޮތް މީހުންނަށް ނޭނގެނީސް އޭނާގެ ސަމާލުކަން އަހަރެންނަށް ހުއްޓިދާނެތީ ކަމެއްނުކުރީ. އޭނާ އެ އުޅޭ ގޮތުން އަހަރެންނާ ކުރިމައްޗެއް ނުލެވެނޭ. އެކަމަކު ކަލޭމެންގެ ތެރޭގައި އަހަރެމެން މަރާ ބަޔަކުވޭ. އެފަދަ މީހެއްގެ ކައިރިޔަށް އޭނާ ދިއުމުގެ ވިސްނުމެއް އުފެދިދާނޭތީ އަހަރެން އުޅެނީ ބަލައިގެން." އެ މަހުލޫގު ބުންޏެވެ.

"އޭނާއަށް ޝައްކުނުވާނެހެން ކަމެއް ނުކުރެވޭނެތަ. އެ ސިއްރު ކޮޓަރިއަށް އަހަރެންނަށް ވަދެވޭނޭ ގޮތެއް ބޭނުމީ. އެތަނުގައި ހުރި ކޮމްޕިއުޓަރުގައި އޭނާ އެ ފައިލްތައް ރައްކާކޮށްފައި ހުރީ. މިރޭ ނުވިއްޔާ ދެން ހިޔެއްނުވޭ ވާނެހެން. ހޫދުމެންގެ ޓީމުން ވީ އެންމެ އަވަހަކަށް އޭނާ ނަގާނެ." އަހަރެން ބުނީމެވެ.

"ފަޒީލާއި ފައިސަލް ތަފާތު. ފަޒީލާ ކުޅޭން ފަސޭހައެއްނުވާނެ. މައްސަލައަކީ އޭނާގެ އުޅުން. އަހަރެމެންނަށް ކައިރިވާން އުނދަގޫވަނީ. ނަމާދު ކުރާތީ. މިހާރު ވެސް އޭނާވީ މިސްކިތުގައި... ކޮންމެވެސް ގޮތެއް ހޯދާނަން. ފައިސަލްއާއެކީ އެކަނިވުމުން އޭނާ ދިރިއުޅޭ ގެއަށް ވަންނާނޭ ފުރުޞަތެއް އާނިޔާ ހޯދާ. އޭގެ ފަހުގައި ފައިސަލްއަށް ކުރާނޭ ކަމެއް އަހަރެންނަށް ދޫކޮށްލާ." އޭނާ ބުންޏެވެ. އިތުރަށް ވާހަކައެއް ނުދައްކައެވެ. އެސްފިޔަޖަހާލަންވީއިރު އޭނާ ޣައިބުވެއްޖެއެވެ.

"ކާކު." ކުއްލިއަކަށް ދޮރޯށި ހުޅުވާލުމާއެކު އިވުނީ އިތޫގެ އަޑެވެ. އަހަރެންގެ މޭގަނޑު ފިނިވިއެވެ. އަނެއްކާ އިތޫއަށް އަހަރެން ދެއްކި ވާހަކަ އަޑު އިވުނުބާއޭ ހިތަށް އެރިއެވެ.

"އާނަތަ. ކާކާ ތި ވާހަކަ ދައްކަނީ... ލޯބިގަނޑު ގުޅައިގެންތަ؟." އަހަންނަށް ބަލާލާފައި އިތޫ އަހާލީ ހިނިއައިސްފައި ހުރެއެވެ.

"މީނަ ވެސް ދޯ. މީހަކާ ވާހަކަދައްކާލެވޭކަށް ނެތޭ." ސަމާސާކަން އެކުލެވޭ ރާގެއްގައި މިހެން ބުނަމުން އަހަރެން އެތެރެއަށް ވަނީމެވެ. އިތޫ ވެސް ހެމުން އަހަރެންނާ ދިމާކުރަމުން ފަހަތުން އައެވެ.

ރޭގަނޑު ކާން ތައްޔާރު ކުރުމުގައި ސީރަތާއެކު އިތޫ އުޅުނެވެ. އަހަރެން ކޮޓަރިއަށް އައީ ފާޚާނާއަށް ވަދެލާށެވެ. އެނބުރި ކޮޓަރިން ނުކުތުމުގެ ކުރީން އިތޫގެ އެނދުމަތީން އަހަރެންގެ އަތްދަބަސް ނެގީމެވެ. ހޫދު ފޮޓޯ ފޮނުވައިފިތޯ ބަލާލަން ބޭނުންވީއެވެ. ފޯނު ނަގައިގެން އެނދުއަރިމަތީ އިށީނީމެވެ. ވަޓްސްއެޕަށް އައިސްފައި އޮތް ފޮޓޯ ހުޅުވާލީމެވެ. ލުބުނާގެ ތަސްވީރު ފެނުނީ އަލަށެވެ.

"އެހެންވީމަ ކޮންމެވެސް ގުޅުމެއް މިކަމުގައި އެބަވޭ." ވަގުތުން އަހަރެންގެ ހިތް ބުންޏެވެ. އެ އަޑަށް އަހަރެންގެ ޟަމީރާއި ސިކުނޑި ވެސް އެއްބަސްވިއެވެ.

ލުބުނާއަކީ ރީތި އަންހެނެކެވެ. އޭނާ އެ މަރުވީ އެންމެ އެކާވީސް އަހަރުގައެވެ. އޭނާއަށް ލިބިފައިވާ އިސްތަށިގަނޑު ފެނުމުން އިޚްތިޔާރަކާއި ނުލާ އަހަރެންނަށް ސިފަވީ އަނުމްގެ ފަންފަން އިސްތަށިކޮޅެވެ. ލުބުނާއަށް ލިބިފައިވަނީ މަޑު އަލިކުލައެއްގެ ކަޅިއެކެވެ. ފެހިނޫކުލައަކަށް ނުވިޔަސް އެއީ އަޅައިގަންނަ ފަދަ ޖާދުވީ އަސަރުތަކެއް ލިބިފައިވާ ކަޅިރަވައެކެވެ. ހުދުކުލައާއި ރީނދޫކުލައިގެ ކުދިކުދި މާތަކެއް ޖަހާފައިވާ އަތްކުރު ހެދުންބުރިއަކާއި ޖިންސެއް ލައިގެން ހުރިއިރު އެއީ ޝިފާލީގެ އިސްކޮޅެކެވެ. އެ ހިމަ ބައްޓަން ފުރިހަމަ ހަށިގަނޑާ ތަފާތެއް ނެތެވެ. ޝިފާލީގެ ކިއްސަރަށްވުރެ ވެސް ލުބުނާ ފުރިހަމަހެން ހީވެއެވެ. މީހަކު ދީވާނާ ފަދަ ސޫރައެކަން ގައިމެވެ.

"ފައިސަލްއަށް ލުބުނާ ފެނިފައި ހުރީތަ؟. އެ ދެ މީހުން އެކަކުއަނެކަކާ ދިމާވެ އެ ދެމެދުގައި ކޮންމެވެސް ކަހަލަ ގުޅުމެއް އުފެދިފައި އޮތީތަ؟." އަހަރެންގެ ހިތަށް ބައިވެރި ޚިޔާލުތައް ވެރިވަމުންދިޔައެވެ. ނަމަވެސް އެ ޚިޔާލުތަކުގައި ނީނދެވުނެވެ. ކޮޓަރީގެ ދޮރުހުޅުވާލި ގޮތަށް އިތޫ ގޮވައިފިއެވެ. ފޯނުގައި ނީނދެ ކާން އަންނާށޭ އޭނާ ބުންޏެވެ.

* * * * *

ރޭގަނޑު ދިހަގަޑި ބައިވީއެވެ. ދޮރޯށި ދޮށުގައި އިތޫއާއެކީ އަހަރެން ހުރީ އަމިއްލަ ނަފްސަށް ޔަގީންނުވެފައެވެ. ފައިސަލްއަށް މެސެޖުކޮށްފައި ދިހަގަޑި ބައިގައި ބަލާ އަންނަން ބުނީމެވެ. އެހެންޏާ ބަރާބަރު ގަޑިއަށް އޭނާ އަންނާނެއެވެ. މިރޭ ލަސްވެއްޖެއެވެ. އަނެއްކާ ވެސް ޔަގީންކޮށްލުމުގެ ގޮތުން އަތުގައި އޮތް ފޯނުން ގަޑި ބަލާލީމެވެ. ދިހަގަޑި ބައިވެ އެއް މިނެޓު ހިނގައިފިއެވެ. މަގުމައްޗަށް ބޯ ނެރިގެން ހުރެ ދެ ކޮޅު ހޯދާލީމެވެ. ފައިސަލްގެ ކާރު ދުރުން ވިޔަސް ފެނޭތޯއެވެ.

"ކަމެއް ދިމާވީ ކަންނޭނގެ." އިތޫއަށް އަހަރެންގެ ހަރަކާތްތައް ފާހަގަވެގެން ބުންޏެވެ.

"އެހެންޏާ ބައިގަ ހުންނާނީ މިގޭ ދޮށުގައި." އަހަރެން ބުނެލީމެވެ.

(ނުނިމޭ)