ހަބަރު

އެކްސް ފެކްޓާ އާއި ގޮޓް ޓެލެންޓް ގެނައުމުގެ މަސައްކަތް ފަށައިފި!

މޯލްޑިވިއަން އައިޑޮލް އަކީ ހިޓެއް ކަމަށާއި އޭގެ ކާމިޔާބީއާ ގުޅުވައިގެން ރާއްޖެއަށް "ގޮޓް ޓެލެންޓް" އަދި "އެކްސް ފެކްޓާ" ގެ ޝޯތައް ވެސް ޕީއެސްއެމް މެދުވެރިކޮށް ގެނައުމަށް ޝައުގުވެރިކަން އެބަހުރި ކަމަށާއި އޭގެ މަޝްވަރާތައް މިހާރު ވެސް ކުރިއަށް ދާ ކަމަށް ފްރިމެންޓަލް މީޑިއާ ގެ ވައިސް ޕްރެސިޑެންޓް ރޮން ކާސްޓްރޯ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް މެދުވެރިކޮށް މޯލްޑިވިއަން އައިޑޮލް ރާއްޖެއަށް ތައާރަފްކުރި، ފްރިމެންޓަލް މީޑިއާއަކީ ދުނިޔޭގެ އެންމެންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ގޮޓް ޓެލެންޓް އަދި އެކްސް ފެކްޓާ ވެސް ޕްރޮޑިއުސް ކުރާ މައި ކުންފުންޏެވެ. މުޅި ދުނިޔެއަށް ބަލައިލާ އިރު މި ކުންފުނީގެ ޝޯތަށް އެކި ކަންކޮޅުގައި 20،000 ގަޑިއިރު ކުރިޔަށް ދެއެވެ. އަދި ރާއްޖެ ފަދައިން އެހެން ގިނަ ގައުމުތަކުގައި ވެސް ފްރިމެންޓަލް މީޑިއާގެ ޝޯތަކަކީ އެންމެ ހިނގާ ޝޯތަކެވެ.

އެގޮތުން މޯލްޑިވިއަން އައިޑޮލް ރާއްޖޭގައި ތައާރަފް ކުރުމަށް ކުރެއްވި މަސައްކަތްތަށް ކިޔާ ދެއްވަމުން ރޮން ވިދާޅުވީ އައިޑޮލްގެ ޝޯއެއް ރާއްޖޭގައި ބޭއްވުމަކީ މީގެ ދެތިން އަހަރު ކުރިން ބަލަން ފެށި ފޮނި ހުވަފެނެއް ކަމަށާއި ރާއްޖޭގެ ރީތިކަން ބަލާލުމަށް ފަހު މޯލްޑިވިއަން އައިޑޮލް އުފެއްދުމުގެ މަސައްކަތް ފެއްޓެވީ 2013 ވަނަ އަހަރުގައި ކަމަށެވެ.

"އޭރު ވާދަކުރާ ޗެނަލް އެއްގައި އުޅުއްވާ މިހާރުގެ ޕީއެސްއެމްގެ ސީއީއޯ އިބްރާހިމް ހަލީލްއަށް އަޅުގަނޑު މެއިލްއެއް ކުރިން އައިޑޮލް ބާއްވަން މިކަމަށް ޝައުގުވެރިވެގެން އެކަން ކުރެވޭނެތޯ ބެލުމަށް. ދެން އަޅުގަނޑުމެން ދެމީހުން ބައްދަލު ކުރައްވާ މަޝްވަރާތައް ކުރި އިރު މިފަދަ ބޮޑު ޝޯއެއް އެންމެ އެދެވޭ ފެންވަރަކަށް އޭރު ރާއްޖޭގައި ބޭއްވޭކަށް ނެތް. ނަމަވެސް ހަލީލް ބުނުއްވީ ދެއަހަރަށް ފަހު މިޝޯ ބޭއްވޭނެއޭ. އެހެން ކަމުން އެ ދުވަހެއްގެ އިންތިޒާރުގައި އަޅުގަނޑުމެން ހުރިން. އޭރުވެސް ދޭތެރެ ދޭތެރެއިން އަޅުގަނޑުމެން ދިމާވެ އައިޑޮލްގެ މަޝްވަރާތައް ކުރަން،" ރޮން ވިދާޅުވި އެވެ.

ރޮން ވިދާޅުވީ ގޮތުގައި އަހަރުތަކެއް ވަންދެން ހަމައެކަނި ހުވަފެނެއް ގޮތުގައި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ޝޯ ޓީވީއެމް އިން ދެއްކި ރޭ އޭނާ ހުރީ ވަރަށް ހާސްވެފައި ކަމަށާއި ނަމަވެސް ޝޯ "ހިޓް" ވީގޮތް ފެނިފައި އުންމީދުތައް އާވެ ހިތް އުފާކޮށްލި ކަމަށެވެ. އަދި ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮންނަ ގައުމަކާއި ބަލާފައި އުންމީދު ކުރިވަރަށް ވުރެއްވެސް މާބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި ފުރަތަމަ ފަހަރަށް މިފަދަ ޝޯއެއް ބޭއްވި އިރުވެސް އިންޑިއަން އައިޑޮލްއާ އެއް ފެންވަރަކަށް މި ޝޯ ޕީއެސްއެމް އިން ކުރިޔަށް ގެންދާ ކަަން ރޮން ފާހަގަ ކުރިއެވެ.

"ދުނިޔޭގައި މިޝޯ ބާއްވާ އެހެން ބޮޑެތި ގައުމުތަކާއި ބަލާފައި އަޅުގަނޑު ހުރީ މިޝޯ ރާއްޖޭގައި ބޭއްވޭނެ ކަމާއި މެދު ސުވާލު އުފެދިފައި. ނަމަވެސް މިހާރު އެޝައްކު ފިލައި ގޮސް ބޮޑު އުންމީދެއް އާވެއްޖެ. އެހެން ކަމުން އަޅުގަނޑުމެން ޝައުގުވެރިކަން އެބަހުރި ގޮޓް ޓެލެންޓް އަދި އެކްސް ފެކްޓާ ފަދަ އެހެން ޝޯތައް ރާއްޖޭގައި ބޭއްވުމަށް. މިހާރު އެކަމާއި ގުޅޭގޮތުން ޕީއެސްއެމްއާއި އެކު މަޝްވަރާތައް ކުރަނީ. މުޅި ރާއްޖެގެ ސިއްސުވާލާނެ އިތުރު ބޮޑު ޝޯއެއް ފަށާނެ ކަމުގެ އުންމީދު ބޮޑު،" ރޮން ވިދާޅުވި އެވެ.

ޖަޖުންނަށް ފްރިމެންޓަލް މީޑިއާގެ ފުލް މާކްސް!

މޯލްޑިވިއަން އައިޑޮލް އަށް ޖަޖުންގެ ގޮތުގައި ޕީއެސްއެމް އިން ކަނޑައަޅާފައިވާ އަންމަޑޭ، އުނޫޝާ އަދި ކުޑަ އިއްބެ އަކީ ތިން ސްޓަލް އަށް ލަވަކިޔާ، ކުރިން ވެސް ދިވެހިންގެ ހިތް އަތުލައިގެން ތިބި ބައެކެވެ. އަދި މިޝޯއާއި އެކު ސޯޝަލް މީޑިއާ ފުރިގެން ބަނޑުންވީ އެމީހުންގެ ވާހަކަތަކުންނެވެ. ނަމަވެސް އެމީހުންގެ ކިބައިގައި އައިޑޮލް ޝޯއެއްގެ ޖަޖުންގެ ފެންވަރު ހުރިތޯ ސުވާލު ކޮށްލީމެވެ.

ފްރިމެންޓަލް މީޑިއާ ފަރާތުން ވާހަކަދެއްކި ރޮން ވިދާޅުވީ އެމީހުން ޖަޖުންގެ ފަރާތުން ވަރަށް ގިނަ ކޮލަޓީތަކެއް އުންމީދު ކުރާ ކަމަށާއި އަދި ޕީއެސްއެމްގެ ލަފާޔާއެކީ ޖަޖުން މިހާރު ޝޯ ކުރިޔަށް ގެންދަނީ ވަރަށް ޒިންމާދާރު އަދި ފުރިހަކަމާއި އެކުގައި ކަމަށެވެ.

"އަޅުގަނޑުމެން ޓްވިޓާ ތެރޭގައި ވެސް މޯލްޑިވިއަން އައިޑަލް ބަރާބަރަސް ފޮލޯ ކުރަން. އަދި މި ޝޯގެ ޒަރިއްޔާ އިން ޖަޖުންގެ ފޭން ބޭސް ބޮޑުވެފައިވާ ކަން ވަރަށް ބޮޑަށް ފާހަގަވޭ. އެއީ އައިޑޮލް ޝޯގައި ކޮންމެ ގައުމެއްގައިވެސް ވާގޮތެއް. ސަބަބަކީ އެކަމަށް ގާބިލް އަދި އަޅުގަނޑުމެން އުންމީދު ކުރި ފެންވަރު ޖަޖުން ކިބައިން ފެންނާތީ. އެހެންވީމަ އެމީހުނަށް ފުލް މާކްސް،" ރޮން ވިދާޅުވި އެވެ.

މީގެ އިތުރުން މޯލްޑިވިއަން އައިޑޮލްގައި މިހާރު ވާދަ ކުރާ ކުދިންގެ ކިބައިން އުންމީދު ކުރަނީ އިންޓަނޭޝަނަލް ފެންވަރުގެ އަޑެއް ހުންނަށް ތަރިއެއް ފެނުން ކަމަށާއި އަދި އެފަދަ ކުދިން މިހާރުވެސް މޯލްޑިވިއަން އައިޑަލްގައި ވާދަ ކުރާ ކަމަށް ރޮން ވިދާޅުވި އެވެ.

"މިހާރުވެސް ދުނިޔެގެ މިއުޒިކްގެ އިންޑަސްޓްރީއަށް ކުރިމަތިލެވޭ ފެންވަރުގެ ބައިވެރިން މޯލްޑިވިއަން އައިޑޮލްގައި ވާދަކުރޭ އަޅުގަނޑުމެން އެދެނީ އިންޓަނޭޝަނަލް ސްޓާ އެއް މި ޝޯގެ ތެރެއިން އުފެދެން. އަދި އެކަން ކުރެވޭނެ ގާބިލް ކުދިން މިފަހަރު މިޝޯގައި ބައިވެރިވި ކަމަށް ގަބޫލު ކުރަން،" ރޮން ވިދާޅުވި އެވެ.