އޭސިއަން ޑިވެލޮޕްމެންޓް ބޭންކް

އޭޑީބީ އިން 18.7 މިލިއަން ޑޮލަރުގެ ހިލޭ އެހީ

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން 18.7 މިލިއަން ޑޮލަރު -- 288 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދީފި އެވެ.

އޭޑީބީގެ ޕަބްލިކް މެނޭޖުމަންޓް އެކޮނޮމިސްޓް ޗަންދަން ސަކޯޓާ ވިދާޅުވީ މިއެހީ އަކީ ދަރަނި މެނޭޖުކޮށް ހިންގުން ހަރުދަނާ ކުރަން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދިން އެހީއެއް ކަމަށެވެ.

އޭޑީބީ އިން މި އެހީ ދީފައިވަނީ އެ ބޭންކުން ރާއްޖެއަށް ހާއްސަކޮށްގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ "ސްޓްރެންތަނިން ފިޒްކަލް މެނޭޖްމަންޓް އެންޑް ސަސްޓެއިނެބަލިޓީ ޕްރޮގްރާމް"ގެ ދަށުންނެވެ. އޭޑީބީގެ އިތުރު ޕްރޮގްރާމެއް ކަމަށްވާ "ޓެކްނިކަލް އެސިސްޓެންސް ސްޕެޝަލް ފަންޑް ޑެޓް މެނޭޖްމަންޓް" ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި އެއް މިލިއަން ޑޮލަރު -- 15.4 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.

އޭޑީބީގެ މި އެހީގެ ދަށުން ޓެކްސް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި މެދު ރާސްތާގެ އާމްދަނީ ޕްލޭނެއް ހަދައި ފާސްކުރުމާއި ރިސްކް މެނޭޖްމަންޓް ފްރޭމްވޯކަކާއި ސަސްޓެއިނަބަލް ފައިނޭންސިން ފްރޭމްވޯކެއް ހެދުންވެސް ހިމެނެ އެވެ.

މީގެއިތުރުން ސަބްސިޑީޒްގެ އުސޫލުތަކާއި އިޔާދަކުރަނިވި ހަކަތައާއި ގުޅޭ އުސޫލުތަކެއް އެކުލަވާލައި ހައްގުވެރިންނަށް ލިބެންޖެހޭ ފައިސާ ދިނުން ހަރުދަނާކުރުންވެސް މި އެހީގެ ތެރޭގައި ހިމެނެ އެވެ.

އޭޑީބީ 1966 ވަނަ އަހަރު އުފެއްދި ފަހުން ރާއްޖޭގެ ތަަރައްގީއަށް އަދި ހިންގުން ހަރުދަނާ ކުރުމަށް އެ ބޭންކުން އެކި ފަހަރު މަތިން އެހީ ދީފައިވެ އެވެ.