ރާއްޖޭގައި އޮންނަނީ މުޅި ދުނިޔެ ބަލައިގަންނަ ޓޫރިޒަމް އިންޑަސްޓްރީއެއް ނަމަވެސް، އެ ސިނާއަތުން މުޅި ގައުމަށާއި އިގުތިސޯދަށް އެކަށީގެންވާ މިންވަރަށް ފައިދާ ކުރަމުންނުދާ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން މިއަދު ބުނެފި އެވެ.
މިހާރު ރާއްޖެއަށް ވަޑައިގެންހުންނެވި އޭޑީބީގެ ރައީސް ޓަކެހީކޯ ނަކާއޯ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކޮންމެ އަހަރަކު ގާތްގަނޑަކަށް 1.5 މިލިއަން ބޭރުގެ ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރިނަމަވެސް، އެ ސިނާއަތުން ލިބެމުންދާ އާމްދަނީގެ ހަގީގީ މަންފާ ރައްޔިތުންނަށް ނުކުރާ ކަމަށެވެ.
އެ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއެކު މިއަދު ބޭއްވި ބައްދަލުވުންތަކުގައި ޓޫރިޒަމުން ލިބޭ ފައިދާ އިތުރު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ނަކާއޯ ވިދާޅުވި އެވެ.
"ރާއްޖޭގައި ވަރަށް ފުޅާކޮށް ޓޫރިޒަމް އެބަ ހިންގާ. އަހަރަކު 1.5 މިލިއަނެއްހާ ޓޫރިސްޓުންނަށް މަރުހަބާ ކިޔާ. އެކަމަކު އިގުތިސޯދަށާއި ޖީޑީޕީއަށް އޭގެ ހަގީގީ މަންފާ ލިބެމުންދާ ތަނެއް ނުފެނޭ. ހަމައެކަނި ބޭރުގެ ބައެއް ހޮޓެލް ޗެއިންތަކަށް އެކަމުގެ ފައިދާކޮށްގެން ގައުމުގެ އިގުތިސޯދު ކުރިއަކަށް ނުދާނެ. ޓޫރިޒަމުން ލިބޭ އާމްދަނީގެ ހަގީގީ ފައިދާ ނެގޭނެ ގޮތްތަކެއް ރާއްޖޭން ހޯދަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
އެކަމަށްޓަކައި ޓޫރިޒަމުން ނަގާ އެކި ފީތައް ނެގުމާއި، ތިމާވެއްޓަށް ގެއްލުންނުވާނޭ ގޮތަކަށް ރިސޯޓުތައް ތަރައްގީ ކުރުމުގެ އިތުރުން ދިވެހިންނަށް ވަޒީފާ އިތުރުވާނޭ ގޮތަކަށް އުސޫލުތައް ބަދަލުކުރަންޖެހޭ ކަމަށް އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަކާއޯ ވިދާޅުވި އެވެ.
އެގޮތުން، ލޯކަލް ޓޫރިޒަމް ކޮންސެޕްޓްގެ ދަށުން ގެސްޓް ހައުސް ވިޔަފާރިއަކީ ޓޫރިޒަމުން ލިބޭ އާމްދަނީ ރާއްޔިތުންނާ ގާތަށް ގެނެސްދިނުމުގައި މުހިންމު ވަސީލަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ގެސްޓް ހައުސް ވިޔަފާރި އިތުރަށް ފުޅާކުރަންޖެހޭކަމަށް ނަކާއޯ ވިދާޅުވި އެވެ.
އޭޑީބީ އަކީ ރާއްޖެއަށް އެންމެ ގިނައިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ އެއް އިދާރާ އެވެ. އެގޮތުން، 1978 ވަނަ އަހަރުން ފެށިގެން އެކި މަޝްރޫއުތަކަށް އޭޑީބީން ވަނީ ރާއްޖެއަށް 315 މިލިއަން ޑޮލަރުގެ އެހީ ދީފަ އެވެ.
ނަކާއޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، އޭޑީބީން ރާއްޖޭގެ ތަރައްގީއަށް ދެމުންދާ އެހީތެރިކަން މުސްތަގުބަލުގައި އިތުރުކޮށްދޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފަ އެވެ.
އެގޮތުން، ކުރިއަށް އޮތް ތިން އަހަރަށް އެކުލަވާލާފައިވާ ޕްލޭންގެ ދަށުން ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ މަޝްރޫއުއެއްގެ އިތުރުން ނެޗުރަލް ގޭސް ޕްރޮޖެކްޓަކަށް އޭޑީބީން ވަނީ 120 މިލިއަން ޑޮލަރު ދޭން ނިންމައިފަ އެވެ.
އޭގެ އިތުރުން، އިލެކްޓްރޯނިކް މެކޭނިޒަމް ބޭނުން ކޮށްގެން ވިޔަފާރި އަދި ހިދުމަތްދޭ ފަރާތްތަކުން ބިޒްނަސް ޓްރާންސްސެކްޝަން ހެދުމަށް މަގުފަހިކޮށްދޭނެ ނިޒާމެއް ގާއިމުކުރުމަށް އޭޑީބީން ވަނީ މިދިޔަ ޖޫން މަހު 10 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދީފަ އެވެ.