ޓޫރިޒަމް

އަންނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ

އަންނަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި "މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ 2025 - 2027" ގައި ލަފާކޮށްފައިވާ ގޮތުން މި އަހަރުގެ ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވާނެ އެވެ.

މި ގޮތުން 2025 ވަނަ އަހަރު 10.7 އިންސައްތަ އިން ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވެ 2.23 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

މިއާއެކު މެދުރާސްތާގައި ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އެވަރެޖްކޮށް އަހަރަކު 8.6 ޕަސެންޓް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި އަހަރު ފަތުރުވެރިންގެ ބެޑްނައިޓްސް ފާއިތުވެދިޔަ އަހަރާ އަޅާބަޅާއިރު 7.2 ޕަސެންޓް އިތުރުވާނެ އެވެ.

މީގެ ތެރެއިން ރިޒޯޓްތަކުގެ ބެޑްނައިޓްސް 3.9 ޕަސެންޓް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ނަމަވެސް ރާއްޖޭގައި އެވަރެޖްކޮށް ފަތުރުވެރިން ހޭދަކުރާ ރޭގެ އަދަދު ދަށްވާނެ ކަމަށް ލަފާކުރެވޭތީ ބެޑްނައިޓްސް ކުރިއަރާ މިންވަރު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ކުރިއަރާ މިންވަރަށްވުރެ ދަށްވާނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ 2025 ވަނަ އަހަރު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވުމުގެ ސަބަބުން ބެޑްނައިޓްސް އިތުރުވާ މިންވަރު 8.3 ޕަސެންޓް އިން ކުރި އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި މެދުރާސްތާގައި އެވަރެޖްކޮށް އަހަރަކު 7.2 ޕަސެންޓް އިން ބެޑްނައިޓްސް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.