ޓޫރިޒަމް

އެންމެ ރަނގަޅު ހާލަތުގައި 1.7 މިލިއަން ފަތުރުވެރިން

މިއަހަރު އެންމެ ރަނގަޅު ހާލަތުގައި 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާން 2025 – 2023" ގައި ލަފާކޮށްފައިވަނީ މިއަހަރު އެންމެ ރަނގަޅު ހާލަތުގައި 1،751،186 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށެވެ.

މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ލަފާކުރީ 1.5 މިލިއަން އާއި 1.8 މިލިއަންއާ ދޭތެރޭގެ އަދަދަކަށް ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީ 1،245،489 ފަތުރުވެރިންނެވެ. މިމަހުގެ މިހާތަނަށް އެވަރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 4،572 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ލަފާކުރަނީ މޮޑަރޭޓް ހާލަތުގައި 1،625،648 ފަތުރުވެރިން އަދި ގޯސް ހާލަތުގައި 1،486،772 ފަތުރުވެރިން އަންނާނެ ކަމަށެވެ.

އެންމެ ރަނގަޅު ހާލަތުގައި ކޮވިޑް-19ގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރަށް ވުރެ ގިނައިން މިއަހަރުގެ ތެރޭގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއީ ރަޝިއާ އާއި ޔޫކްރެއިން މާކެޓު ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް މިއަހަރުގެ މެދު ތެރޭގައި ރުޖޫއަވެއްޖެނަމަ ނުވަތަ އެހެން ގައުމުތަކުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މިހާރަށްވުރެ އިތުރުވާ ނަމަ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މިހާރުގެ އަންދާޒާ އަކީ މިއަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނީ 7.9 އިންސައްތަ އާއި 16.6 އިންސައްތައާ ދެމެދުގައި ކަމަށެވެ. 2023 ވަނަ އަހަރު އިގުތިސާދު ކުރިއަރާނީ 9.3 އިންސައްތަ އާއި 10.2 އިންސައްތައާ ދެމެދުގައި ކަމަށް ލަފާކުރެ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރަނީ އަންނަ އަހަރު އެންމެ ގޯސް ހާލަތުގައި 1.74 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށެވެ. އެންމެ ރަނގަޅު ހާލަތުގައި 1.98 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެއިތުރުން 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު އެންމެ ގޯސް ހާލަތުގައިވެސް މަދުވެގެން ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އޮތީ އަންދާޒާކޮށްފަ އެވެ. 2025 ވަނަ އަހަރުގެ އެންމެ ރަނގަޅު ހާލަތުގެ އުންމީދަކީ 2.8 މިލިއަން ފަތުރުވެރިންނެވެ.