ގާސިމް އިބްރާހިމް

ގާސިމު، ސަރުކާރަށް: ބޮޑުތަނުން ގާނޫނާ ހިލާފުވެއްޖެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގާނޫނާ ހިލާފު އެތައް އަމަލެއް ހިންގައިފި ކަމަށް ވިދާޅުވެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ސަރުކާރަށް ހޫނު ހަމަލާތަކެއް ދެއްވައިފި އެވެ.

ސަންގު ޓީވީން އިންތިޒާމުކުރި ރިޔާސީ ބަހުސްގައި ގާސިމް ވިދާޅުވީ ކުށްތަަކަށް އަރައިގެންފައިވާ މަންޒަރު ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން ގާސިމްގެ ނުރުހުން އެންމެ ބޮޑަށް ސަރުކާރަށް އަމާޒުވީ ރާއްޖޭގައި ބޭރުގެ އަސްކަރީ ސިފައިން ތިބިކަމަށް އޭނާ ކުރެއްވި ތުހުމަތާ އެކު އެވެ.

ދިވެހިން މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އިސްލާހު ކުރި ހާއްސަ މަޖިލީހުގެ ރައީސް ކަންވެސް ކުރެއްވެވި ގާސިމް ވިދާޅުވީ ބޭރުގެ އެއްވެސް އަސްކަރިއްޔާ އަކަށް ރާއްޖޭގައި ތިބެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ.

"އުތުރުތިލަފަޅުވިޔަސް، ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއްވެސް ދޫކޮށްލެވޭނީވެސް ގާނޫނުއަސާސީގައި ބުނާގޮތުގެ މަތީން، ފާސްކުރެވޭ ގާނޫނެއްގެ މަތީންކަމަށް ބުނެފައިވާހިނދު މިއަދުގެ ސަރުކާރުން އެކަމާއި ހިލާފުވެފައިވާކަން އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ،" ރައީސް ސޯލިހްގެ ހާޒިރުގަިއ ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ކެމްޕޭން ދަތުރެއްގައި ހދ. ހަނިމާދޫއަށް ވަޑައިގެންނެވިއިރު އެރަށުގައި އޭނާ ޖަލްސާ ބޭއްވި ތަނަށް އިންޑިއާ ސިފައިން ގޮސް ޖާސޫސް ކުރި ކަމަށް ދޭހަވާ ގޮތަށްވެސް ގާސިމް މީގެކުރިން ވަނީ ވާހަކަދައްކަވާފަ އެެވެ.

ގާސިމް މިރޭ ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދަނީ ގެއްލެމުން ކަމަށާއި، ދިވެހި ސިފައިންނަށް ދޫކޮށްފައިވާ އެކަމަކު އިންޑިއާ ސިފައިން ތިބި ކަމަށް ބުނާ އުތުރު ތިލަފަޅުގެ އެގްރީމެންޓްގެ އެއްބަސްވުންވެސް ފެންނަން ނެތް ކަމަށެވެ. ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައި އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރައީސް ސޯލިހް މޮރިޝަސްގެ ވެރިޔާއަށް ފޮނުއްވި ސިޓީ ސިއްރުކޮށްފައިވާތީ އެކަމަށްވެސް ގާސިމް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.

"ނޫސްވެރިންނާއި ރައްޔިތުންވެސް އެ ސުވާލުތަކުގެ ޖަވާބަށް އެދެމުންދާ އިރުވެސް އެ ސުވާލުތަކުގެ ޖަވާބުތައް ނުލިބޭ،" ގާސިމު ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ އިތުރު ބައެއްގެ އެހީ ރައްޖެއަށް ހޯދާނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާ މެމްބަރުންގެ ރުހުން ހޯދަންވާނެ ކަމަށެވެ. މަޖިލީހުގައި އޮންނަ 241 ކޮމިޓީއަށް އެކަނި ހުށަހަޅައިގެން އެކަނި ކަންކަން ނިންމާލެވިގެން ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.