ގާސިމް އިބްރާހިމް

ނާސިރާއި މައުމޫންގެ ހާރިޖީ ސިޔާސަތު ކަމުދޭ: ގާސިމު

އަދިވެސް އެންމެ ރަނގަޅީ ކުރީގެ ދެ ރައީސުން ކަމުގައިވާ އިބްރާހީމް ނާސިރާއި މައުމޫންގެ އަބްދުލްގައްޔޫމުގެ ހާރިޖީ ސިޔާސަތު
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީން އިންތިޒާމުކޮށްގެން ރޭ ބޭއްވި ރިޔާސީ ބަހުސްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ނާސިރާއި މައުމޫން ގެންގުޅުއްވީ ވަކި ފަރާތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތަކަށް ވާތީ އެއީ ވަރަށް ކަމުދާ ސިޔާސަތެއް ކަަމަށެވެ.

ގާސިމް ވިދާޅުވީ ރާއްޖެއަކީ ބައިނަލްއަގްވާމީ ގިނަ ގުޅުންތަކެއް އޮތް ގައުމަކަށް ވާތީ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނަން ވާނީވެސް ވަކި ފަރާތަކަށް ނުޖެހޭ ގޮތަށް ކަމަށެވެ. ރާއްޖެ އދ. އާއި ގުޅުނީއްސުރެ ގައުމުތަކާއި ރަނގަޅު ގުޅުމެއް އުފައްދައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ހިފެހެއްޓި އަދި އެއްވެސް ބައެއްގެ ދިދަ އަޅުގަނޑުމެން ހިފައިގެން އުޅެންޖެހޭ ސިފައެއްގައެއް ނޫން [އުޅޭނީ]. އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގައި އޮންނާނީ ދިވެހިންނަށް އިސްކަން ދިނުމުގެ ސިޔާސަތު. އެންމެ ފުރަތަމަވެސް، ދެވަނައަށްވެސް، ތިންވަނައަށްވެސް [އޮންނާނީ ދިވެހިން]. އޭގެ މާނައަކީ އިގްތިސޯދީ ކަންކަމުގައިވެސް، އިޖުތިމާއީ ކަންކަމުގައިވެސް ދާހިލީ ކަންކަމުގައިވެސް،" ގާސިމް ވިދާޅުވި އވެ.

އޭނާ ވިދާޅުވީ ރައީސް ނާސިރުގެ ވެރިކަމުގައި އިޒުރޭލާ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރި ނަމަވެސް އެއީ އޭރުގައި ކުރެވުނު އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ކުރީގެ ސަރުކާރުތަކުން އެ ގުޅުން ކަނޑާލައި އެފަދަ ގުޅުމެއް އިޒްރޭލާ އެކު ބާއްވަން މަސައްކަތްކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖެއަކީ އެއްވެސް ގައުމަކާ "ތަޅާފޮޅުމެއް" އޮންނާނެ ގައުމެއް ނޫން ކަމަށާއި، ހުރިހާ ގައުމަކަށްވެސް އިހްތިރާމު ކުރާ ހާރިޖީ ސިޔާސަތެއްް ތަންފީޒު ކުރައްވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ އެއްވެސް އެހެން ގައުމަކަށް މިގައުމުގެ ދިދައިގެ މައްޗަށް ދިދަ ހިފައިގެން އުޅުމުގެ އުސޫލު ނުގެންގުޅުއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެގައި ހުރި އެހެން ގައުމުތަކުގެ އެންބަސީ ތަކުން ދިވެހިންނަށް ލިބެން އޮތް ފައިދާއެއްވާނަމަ އެ ފައިދާއެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ. ރާއްޖެއިން ގެންގުޅޭ އުސޫލުތަކަށް އެހެން ގައުމުތަކުންވެސް އިހްތިރާމު ކުރާނަމަ އެ ގައުމަކާ އެކު ކުރިއަށް ދާނެ ކަމުގައިވެސް ވިދާޅުވި އެވެ.