ދުނިޔެ

އައިއެސް އިން ނުލިބިގެން އުޅޭ ސާޖިތާ އަލް ރިޝާވީ އަކީ ކާކު؟

މި އަންހެން މީހާ އަކީ، ހައްދުފަހަނަޅައި ގޮސްފައިވާ ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް) އަށް މިވަގުތު އެންމެ މުހިންމު އަންހެނާ އެވެ. މި ޖަމާއަތުން ޖަޕާނުގެ ދެ މީހަކު ރަހީނުކޮށް އެކެއްގެ ބޯ ކަނޑާލާފައިވާއިރު މިހާރު ބުނަމުން ދަނީ ދެން ހުރި ޖަޕާނު މީހާ ދޫކޮށްލާނީ ސާޖިތާ މިނިވަންކުރުމުން ކަމަށެވެ.

އެހެންވީމަ މި އަންހެން މީހާ އަކީ ކާކުތޯ އާއި އައިއެސް އަށް އޭނާ މުހިންމު ވަނީ ކިހިނެތްތޯ ބަލާލަމާ ހިނގާށެވެ.

ރާޖިތާ އަލް ރިޝާވީ އަކީ އުރުދުންގައި ބޮމުގެ ސިލްސިލާ ހަމަލާތަކެއް ދޭން އުޅެނިކޮށް 2005 ވަނަ އަހަރު ހައްޔަރުކޮށް ޖަލަށް ލާފައިވާ އަންހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެ އަހަރު އުރުދުންގައި ދިން ބޮމުގެ ހަމަލާތަކުގައި ބައިވެރިވުމަށް ހަށިގަނޑުގައި ބޮން ހަރުކޮށްގެން އުޅެނިކޮށެވެ.

"އަހަރެން ފިރިމީހާ ވަނީ އޭނާގެ ހަށިގަނޑުގައި ހުރި ބޮން ގޮއްވާލައިގެން މަރުވެފައި. އެކަމަކު އަހަރެންނަށް ބޮން ގޮއްވާލުން ކާމިޔާބުނުވީ،" ކުށަށް އިއުތިރާފުވެ ސާޖިތާ އާންމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވެ އެވެ.

އުރުދުން އިން މި އަންހެން މީހާގެ މައްޗަށް އިއްވާފައި ވަނީ މަރުގެ ހުކުމެކެވެ. މި ހުކުމް އޭނާގެ މައްޗަށް އިއްވީ 2006 ވަނަ އަހަރު އެވެ. ނަމަވެސް ނަސީބު ދިމާކުރި ގޮތުން އުރުދުން ހަމަ އެ އަހަރު، މަރުގެ ހުކުމް ތަންފީޒުކުރުން ވެސް ހުއްޓާލި އެވެ.

ނަމަވެސް މިދިޔަ މަހު މި ގައުމުން ވަނީ އަލުން މަރުގެ ހުކުމް ތަންފީޒުކުރަން ފަށައިފަ އެވެ.

އެހެންވީމަ، ސާޖިތާ އަށް ވީގޮތެއް އެނގޭ އާންމު ރައްޔިތަކު މިހާރަކު ނެތެވެ.

އޭނާ ދިރިހުރިކަމުގެ ޔަގީންކަމެއް ވެސް ނެތެވެ. އާންމުންގެ ލޮލަށް އޭނާ ނުފެންނަތާ އަދި އޭނާއާ ގުޅޭ އާ ޚަބަރެއް ނާންނަތާ ވެސް މިހާރު ގާތްގަނޑަކަށް 10 އަހަރުވީ އެވެ.