ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މުއިއްޒަށް ވޯޓުދިނުމަކީ ގައުމަށް އޮތް ގެއްލުމެއް: ރައީސް

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދިނުމަކީ އެއީ ރައްޔިތުންނަށް އަދި މުޅި ގައުމަށްވެސް އޮތް "ޗޮއިސެއް" ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރ. މާކުރަތުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ މި އިންތިހާބުގައި ރާއްޖޭގެ ގިނަ ބަޔަކު ތާއީދު ކުރަނީ ދެ ފިކުރަކަށް ކަމަށެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމަށް ކަމަށާއި މީގެ އިތުރަށް އިންތިހާބުގައި ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅުން ތިއްބެވި ކަމުގައިވިޔަސް ގިނަ ބައެއްގެ ސަޕޯޓް އޮތީ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓަށާއި ރައީސް ސޯލިހަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދިނުމުން ވާނެ ގޮތް ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވަން ޖެހޭނެ ކަމަށާއި ރާއްޖެ އަނެއްކާ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް ގެންދަން ބޭނުން ނުވާނަމަ ރައީސް ސޯލިހަށް ވޯޓު ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"ޑރ. މުއިއްޒަށް ވޯޓު ދީގެން އެ ކާމިޔާބު ވެއްޖެނަމަ އަނެއްކާވެސް ދާނީ އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް. އެހެންވީމަ އެއީ އަޅުގަނޑުމެންނަށް އޮތް ޗޮއިސެއް ނޫން. އެއްވެސް ރައްޔިތަކަށް އަދި މި ގައުމަށްވެސް އޮތް ޗޮއިސެއް ނޫން އެއީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 2013 އިން ފެށިގެން 2018 އާއި ދޭތެރޭގައި ވެރިކަން ކުރެއްވި ބޭފުޅުންނަކީ ޕީޕީއެމް ކަމަށާއި އެ ދުވަސްވަރަކީ ރާއްޖެ ދުށް އެންމެ ބިރުވެރި، ނާމާން، އުނދަގޫ ދުވަސްވަރު ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރިމަތިލައްވައިގެން ދެން ތިއްބެވި ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް އެމްޑީޕީއާއި ކައިރިއަށްވެސް އާދެވެން ކަމަށާއި އެކަން ވަރަށް ރަނގަޅަށް ރަށްރަށުން އެމަނިކުފާނަށް ފެނިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ދެން ތިއްބެވި ކޮންމެ ބޭފުޅަކަށް ތިއިން އެއްވެސް ބޭފުޅަކު ވޯޓުދެއްވައިފިނަމަ އެއީ ކުރެވޭ ބޭއިސްރާފެއް. އެއަކުން ނިކުންނާނެ ނަތީޖާއެއް ނެތް،" ރައީސް ވިދާޅުވި އެވެ.

އެއްވެސް މީހެއްގެ ވޯޓު އިސްރާފު ނުކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި މި އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ލުން ނޫން އެހެން އެއްވެސް ގޮތެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

"އެމްޑީޕީއަށް ވޯޓު ދިނުން ނޫން އެހެން އެއްވެސް ގޮތެއް ދެން ނެތް. ޕީއެންސީއަށް ވޯޓު ދީފިނަމަ މުޅި ގައުމު ހަލާކުގެ ތެރެއަށް އަނެއްކާވެސް ދާނީ. ދެން ތިއްބެވި ބޭފުޅުންނަށް ވޯޓުދެއްވައިފިއްޔާ އެއީ ގެއްލޭ އެއްޗެއް،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސް ސޯލިހަށް ވޯޓު ދިނުން ނޫން ގޮތެއް ނެތްކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސްގެ މާކުރަތުގެ ވައުދުތައް

  • ބިން ހިއްކުން
  • ހައުސިން ޔުނިޓު އަޅައިދިނުން
  • ފެން ބޮޑުވާ މަގުތައް ޒަމާނީ ފެންވަރަށް ހަދައި ތާރު އެޅުން
  • ސްޕޯޓްސް ކޮމްޕްލެކްސް އެއް އަޅައިދިނުން
  • ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަޅައިދިނުން
  • ސިއްހީ މަރުކަޒުން ލެބޯޓަރީގެ ހިދުމަތް ލިބޭ ގޮތް ހަދައިދިނުން
  • ދޯނި އެހެލާ ސަރަހައްދެއް ހަދައިދިނުން

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ރާއްޖެއަށް ތަފާތު ހެޔޮ ބަދަލެއް ގެނެސްދިނުން ކަމަށާއި ރާއްޖޭގައި ކުރަން ރޭވިފައިވާ މަޝްރޫތައް ނިމުމުން ރާއްޖެ ފެނިގެން ދާނީ މުޅިން އާ ރާއްޖެއެއް ގޮތަށް ކަމަށެވެ. އެއީ އުފާވެރި އަމާން ރާއްޖެއެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.