ހަބަރު

މިހާތަނަށް އެންމެ ބޭއިންސާފު ހުކުމް ކުރީ އިމްރާން އަށް: އެމްޑީޕީ

އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲގެ މައްޗަށް ކްރިމިނަލް ކޯޓްއިން ކުރި 12 އަހަރު ދުވަހުގެ ޖަލު ހުކުމަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ކުރި އެންމެ ބޭއިންސާފް ހުކުމް ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލައި، އިމްރާން އަށް 12 އަހަރުގެ ޖަލުހުކުމެއް އިއްވީ މޭޑޭގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުން އަނިޔާވެރިކަމަށް ބާރު ލިބި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ދިޔަ ކަމަށް ސާބިތު ވުމުންނެވެ.

އެކަމާއި ގުޅިގެން އެމްޑީޕީ އިން މިއަދު ނެރުން ބަޔާނުގައި ބުނެފައި ވަނީ ޝެއިހް އިމްރާން އަބްދުﷲގެ މައްޗަށް ދަންވަރު ކޯޓް ހުޅުވައިގެން އިއްވި ހުކުމަކީ އިސްލާމީ ޝަރީއަތުގެ އެންމެހާ އުސޫލުތަކާއި، ރާއްޖޭގެ ގާނޫން އަސާސީއާއި ގާނޫންތަކާއި ބައިނަލްއަގުވާމީ އެންމެހައި މިންގަނޑުތަކާއި ކަނޑައެޅިގެން ހިލާފަށް އިއްވާފައިވާ ހުކުމެއް ކަމަށެވެ.

"ރޭ އިމްރާން އަށް އިއްވި ހުކުމަކީ ސީދާ ރައީސް ނުފޫޒު ފޯރުވައިގެން ކުރައްވާފައިވާ ކަމެއް ކަމަށާއި އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް ކޮށްފައިވާ އެންމެ ނާއިންސާފް އަދި އެންމެ އަނިޔާވެރިކަން ބޮޑު ހުކުމެއް،" އެ ބަޔާނުގައި ބުނެއެވެ.

އެމްޑީޕީ އިން ބުނީ އިމްރާންގެ މައްޗަށް އެގޮތަށް ހުކުމް ކޮށްފައިވަނީ މި ސަރުކާރާއި އިދިކޮޅު ފަރާތްތަށް ނައްތާލައި އަދި ބިރުދެއްކުމުގެ ގޮތުން ކަމަށާއި ނަމަވެސް އަނިޔާވެރިކަމުގެ ކުރިމަތީގައި ޝެއިހް އިމްރާން ދައްކަވަމުންދާ ސާބިތުކަމާއި ހިތްވަރުފުޅަށް މި ޕާޓީއިން އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށެވެ.