( 3 ސެޕްޓެމްބަރ 2023 އާ ގުޅޭ )
"މިހެން ބާރުކޮށްލުމުން ނޭވާ ހިނގާ ހޮޅި ބަންދުވާނެ. އޮކްސިޖެންއާ ނުލާ މީހާއަށް ދިރިހުރެވޭނީ ކިހާއިރަކުކަން އެނގޭތަ." ފައިސަލްގެ ވާހަކައާ އެއްވަރަށް އޭނާ އަހަރެންގެ ކަރަށް ބާރުކުރަމުންދިޔައެވެ. ދެ އަތުގެ ބޮޑުވައި އިނގިލިން ވަކިން ބޮޑަށް ކަރަށް އޮބައިލިއެވެ. އަހަރެންނަށް ނޭވާލާން އުނދަގޫވާން ފެށިއެވެ.
ހަނދާނަށް އައީ ވާރޭގަނޑު ތެރޭ އަހަރެންގެ ގައިތެރެއަށް ޝިފާލީ ވަދެ ހުރި ރޭ މަތިންނެވެ. އެރޭ އަހަރެން ކީ ލަވައާއެކު ނަށަން ފެށުމުން ފައިސަލް އައިސް އަހަރެންގެ ކަންފަތްމަތީ ޖަހައި ވައްޓާލީއެވެ. އަދި ބިންމަތިން ތެދުވިޔަ ނުދީ އަހަރެންގެ ގައި މައްޗަށް އަރާ އިނދެ ކަރުގައި ދެ އަތުން ހިފާ ބާރުކޮށްލިއިރު، އެރޭ ވެސް ހީވީ އަހަރެން މަރާލަން އޭނާ އުޅުނު ހެންނެވެ.
"މީހަކު މަރާލުމަކީ އެހާ އުނދަގޫކަމެއްނޫން." އަހަރެންގެ ކަރަށް ދޫ ދިނުމެއްނެތި ނަޒަރު ސީދާކޮށްލައިގެން އިނދެ ފައިސަލް ބުންޏެވެ.
"ފައި... ސަލް..." ނޭވާލާން ދަތިވެފައި އޮތްއިރު އަހަރެންގެ އަޑު ވެސް ނުކުތީ ފިތިގެންނެވެ. ވާހަކަދައްކަން ފަސޭހައެއްނުވިއެވެ.
ފައިސަލްގެ ދެ ލޮލުން އަހަރެންނަށް ފުރަތަމަ ފަހަރަށް ނުރައްކާތެރިކަން ފެންނަން ފެށިއެވެ. އެއީ ނުބައި ނުލަފާ ޖެހިލުންކުޑަ މީހެއްގެ ދެ ލޯކަން ކަށަވަރެވެ. މީގެ ކުރީން އަހަރެންނަށް އޭނާގެ އެ ބެލުން ފެނުނީ ޝިފާލީ މަރާލިއިރުއެވެ. ނަމަވެސް މިހާރު މިފެންނަނީ ހަޤީޤަތަށެވެ. އަހަރެން ދެ ލޯ މަރާ ބާރުކޮށްލީމެވެ. ފައިސަލް ކުއްލިއަކަށް ހޭންފެށިއެވެ. އެއާއެކު އަހަރެންގެ ކަރުގައިވާ ދެ އަތް ދުރުކޮށްލި ކަމުގެ އިޙްސާސް ކުރެވުނެވެ. ދިގު ނޭވާއަކުން އެތެރެހަށި ފުރާލާނޭ ފުރުޞަތު ލިބިގެންދިޔައެވެ.
"ބިރުން ހަލާކުވެފައެއްނު ތިއޮތީ... ގައިމު ބުނި އަހަރެންނަށް މީހަކު މަރާކަށް ނުކެރޭނޭ. ދެންމެ އަހަރެން ބޭނުންނަމަ އާނަގެ ކަރުން ދޫކޮށްނުލާ ވެސް ހިފަހައްޓާލެވުނީސް." ފައިސަލް ބުންޏެވެ.
"އަހަރެން މަރާލައިގެން ފައިސަލްއަށް އޮތީ ކޮންމޮޅެއް." އަހަރެން ބުނީމެވެ.
"އަހަރެންގެ ހިތްހަމަޖެހުމަށް." ހިނިއައިސްފައި އިނދެ ފައިސަލް ބުންޏެވެ.
"ކުށެއްނެތް ފުރާނައެއް ދުއްވާލުމަކީ ކިހާ ނުބައިކަމެއް. އެހެންނޫނަސް އަމިއްލަ ހިތްހަމަޖެހުމަށް އެވަރުގެ ބޮޑުކަމެއް ކުރަންވެދާނެތަ. ސިކުނޑީގައި ކޮންމެވެސް ކަހަލަ މައްސަލައެއް އެކަހަލަ މީހުންގެ އުޅެނީ... އެހެންވެ ފުރާނައެއް ދުއްވާލާއިރު އެކަމާ އެއްޗެއް ހިތަށް ނާރާނީ." އަހަރެން ބުނީމެވެ.
އާނައަށް ހާދަ އެއްޗެހި އެނގެއޭ ދޯ." ފައިސަލް ބުންޏެވެ. އަހަރެންނަށް ވިސްނާލެވުނީ ދެނެވެ. ފައިސަލްއާ ދިމާއަށް އެއީ ގާތިލެކޭ ނުބުނެވެނީސް ދޫ ހިމޭންކުރުން ބުއްދިވެރިކަމަށް ޟަމީރު ވިސްނައިދިނެވެ. އަހަރެންގެ ވާހަކަ ހުރީ އެފަދަ ކަމަކަށް އިޝާރާތްކުރާ ފަދަ ގޮތަކަށް ވީމައެވެ.
"ދެން ދޫކޮށްލަބަލަ. ކަރަށް ތަދުވޭ." އަހަރެން ފައިސަލްގެ ދެ އަތުގެ މުލައްދަނޑީގައި ހިފާލީމެވެ. އެއްޗެކޭ ނުބުނެ އިރުކޮޅު އަހަރެންނަށް ބަލަން އިނދެފައި ފައިސަލް ދެ އަތް ނެގުމާއެކު އަހަރެންގެ ގައިމަތިން އެއްފައި ހިއްލާލައި އަހަރެންނާ ޖެހިގެން އޮށޯވެއްޖެއެވެ. ކަރުގައި ފިރުމާލަމުން އަހަރެން ކުޑަކޮށް ތެދުވެލައި ހެޑްބޯޑުގައި ލެނގިލީމެވެ.
"އަހަރެން އާނައަށް ވަރަށް ބޮޑު ސަޕްރައިޒެއް ދޭން ރާވަމުން މިދަނީ. އާނަގެ ރަޙުމަތްތެރިޔާގެ ވެޑިން އޮންނަ ރޭ. އެރޭ ޕާޓީ ނިންމާފައި އަންނާނީ މިކޮޅަކަށްނު." ފައިސަލް ބުންޏެވެ.
"އެކަމަކު އެރޭ އާދެވޭއިރު ހުންނާނީ ވަރަށް ދަންވެފައި. އަހަރެން ވެސް ހުންނާނީ ވަރުބަލިވެފައި." އަހަރެން ބުނީމެވެ.
"ކިތަންމެ ދަންވިޔަސް މައްސަލައެއްނެތް. މިކޮޅަށް އައިސް ފެންވަރާލަނިކޮށް ވަރުބަލިކަން ފިލާފާނެ. އެހެންނޫނަސް އާނަ ބޭނުމެއްނޫންތަ އަހަރެންގެ ގެއަށް ވަންނާކަށް. މިރޭ ވެސް ތިހާ ބޮޑާ ހޭކީ އެކަން ނުވެގެން. އެރޭ... އަހަރެން ރާވާފައި އޮތީ އެ ގޭގައި އާނައާ އެއްކޮށް ވަގުތު ހޭދަކުރަންށޭ ބުނެފިއްޔާ." ފައިސަލް ބުންޏެވެ. އޭނާ އުއްޑުން އޮވެ އަހަރެންގެ މޫނަށް ބަލަންފެށިއެވެ.
އިތޫއާއި ޒަފަރުގެ ކައިވެނީ ޙަފުލާ އޮތީ ހޯމަ ދުވަހުގެ ރެއެވެ. އޭރުން އަހަރެންނަށް މާބޮޑަށް ވެސް ލަސްވެއެވެ. ފައިސަލްއަށް ނޭނގުނަސް މިރޭ ހޫދުއާއި އޭނާއާއެކު އަންނަ ފުލުހުންގެ ޓީމު ރަށަށް އަރާނެއެވެ. އެމީހުންގެ ޓީމުން އޭނާ އެހާތަނަށް ހައްޔަރު ނުކުރާނެކަމެއް ވެސް ނޭނގެއެވެ. ފައިސަލް އެރެޔަށް ނިންމީ ކީއްވެބާއޭ ވެސް ހިތުގައި ސުވާލު އުފެދުނެވެ. އޭނާ އަހަރެންގެ ދުވަސް ދުއްވާލަން ނިންމާފައި އޮތީ އެރޭބާއެވެ.
"ފައިސަލް ދިރިއުޅޭތަން ވީމާ އެތަން އަހަރެންނަށް ދައްކާލުމުގެ ޝައުގެއްނެތްކަން އަހަރެންނަށް އެނގޭ. އެހެންނޫންނަމަ ކުރީން ރޭ ވަޢުދުވީހެން މިރޭ އަހަރެންނަށް އެ ފުރުޞަތު ދިނީސް... އަހަރެން އެ ވާހަކަ ފެށީމާ ފައިސަލް ތިއުޅުނީ މޮޔަވެފައި ހުރި މީހަކުހެން. އަދިވެސް އަހަރެންގެ ކަރަށް އެބަތަދުވޭ. ފައިސަލް ބޭނުންވަނީ އަހަރެންނާއެކީ މި ކޮޓަރީގެ ހަތަރު ފާރުތެރޭގައި އޮންނަން." އެއްވެސް އަސަރެއްނެތް ފަދައަކުން އަހަރެން ވާހަކަދެއްކީމެވެ.
"އަހަރެން އުޅޭތަނަށް ދުވަހަކުވެސް އަންހެން ކުއްޖަކު ނުގެންނަން. އާނަ ވެސް މިހާރަކަށް އައިސް ވަރަށް ސުވާލު ގިނަވެއްޖެ." ފައިސަލް ބުންޏެވެ.
"ސުވާލު ގިނަވާނެ. ފައިސަލްއަށް އަހަރެން އެނގޭ މިންވަރަށް އަހަރެންނަށް ފައިސަލްއެއް ނޭނގޭ. އަހަރެމެން ދެމެދުގައި އިތުރަށް ނަގާނެ ފަރުދާއެއްނެތް. އެހެންވިޔަސް އަހަރެންނަށް ފީލްއެއް ނުކުރެވޭ އަހަރެމެން ކްލޯޒްވެއްޖެހެން. ހީވަނީ ވަކި ދުރުމިނެއްގައި ފައިސަލް އަހަރެން ބަހައްޓާފައި ހުންނަހެން. މިހިސާބަށް އަހަރެމެންގެ ގުޅުން ދިޔައިރު ފައިސަލްއަށް އަހަރެންނަށް އިތުބާރު ނުކުރެވުނު. ގިނަދުވަހެއްނުވެ އިތޫގެ ވެޑިންނަށްފަހު އަހަރެން ފުރައިގެން ދިޔައީމާ މިކަން އެހިސާބުން ނިމޭނީހެން ހީވަނީ. ފައިސަލްގެ ވިސްނުމުގައި އަހަރެންނާއެކީ މުސްތަޤުބަލެއްގެ ތަސައްވުރެއްނެތް. އަހަރެންނަށް ވެސް މިހާރު ގެރެންޓީއެއްނެތް ފައިސަލްއާއެކީ އަހަރެން ބޭނުންވާ ހިސާބަށް ދިރިއުޅުން ގެންދެވިދާނެކަމުގެ... އަހަރެން އެދުނީ ބޮޑުކަމަކަށްނޫން. ފައިސަލް ދިރިއުޅޭ ތަނަށް އަހަރެން ގެންދިއުމަށް. އެވަގުތުކޮޅު އަހަރެންނަށް ވާނީ ވަރަށް ޚާއްޞަ ވަގުތުކޮޅަކަށް... އިތުރަށް ބުނާކަށްނެތިން." އަހަރެން ބުނީމެވެ.
ފައިސަލް ތެދުވިއެވެ. އޭނާ އަހަރެންގެ ގާތަށް ޖެހިލިއެވެ. ފުންނޭވާއެއް ދޫކޮށްލިއެވެ. އަހަރެންގެ ދެ އަތްތިލައިގައި ހިފާލުމާއެކު ގެންގޮސް އޭނާގެ ތުންފަތުގައި ޖައްސާލިއެވެ. އަހަރެންގެ ކޮންމެ އަތްތިލައެއްގައި އޭނާ ބޮސްދިނެވެ. ދެން ލޯބިން ގޮވާލާފަދަ މަޑު އަޑަކުން އަހަރެންގެ ފުރިހަމަ ނަމުން ގޮވާލިއެވެ. ނުބަލަން އިނދެފައި އަހަރެން ފައިސަލްއަށް ބަލާލީމެވެ. އެހިނދު އޭނާގެ ކަނާއަތްތިލަ ގެނެސް އަހަރެންގެ ކޯތާފަތުގައި ޖައްސާލިއެވެ.
"އެތާކު ތިބުނާހާ ޚާއްޞަކަމެއްނުވޭ. ކޮންމެ ތަނެއްގައި ވިޔަސް އަހަރެން އާނައާއެކު ހުރުމެންނު މުހިންމީ." ފައިސަލް ބުންޏެވެ.
"ފައިސަލްއަކަށް ނުވިސްނޭނެ. މި ގެސްޓްހައުސްގެ ކޮޓަރި ތަކަކީ އެތައްބަޔަކު އައިސް ތިބޭ ތަނެއް. އެކަމަކު ފައިސަލް ދިރިއުޅޭތަނަށް އަންހެންކުއްޖަކު ދުވަހަކުވެސް ނުގެންދަމޭ ތިބުނީ. މީ އެ ފުރުޞަތެއްނޫންތަ؟. އެކަމަކު އަހަރެން އެހާ ޚާއްޞައެއްނޫން. ފައިސަލްއާއެކީ ފައިސަލް ދިރިއުޅޭތަނަށް ގެންދާހާ." އަހަރެން ބުނީމެވެ.
"އަހަރެން ނިދާ އެނދުގައި ނިދަންތަ އާނަ ބޭނުންވަނީ." ފައިސަލް އަހާލިއެވެ. އަހަރެން ނިކަން އަވަހަށް ބޯޖަހާލީމެވެ. އޭނާ ދިރިއުޅޭ ގެއަށް ވަނުމަށް ޓަކައި އަހަރެން އިނީ ކޮންކަމެ ކަމަކަށް ވިޔަސް އެއްބަސްވާށެވެ.
"އޭސީއެއް ނުހުންނާނެ. ފާޚާނާ ވެސް ވަރަށް ކުޑަވާނެ. އެނދު ވެސް އެއީ އާދައިގެ އެނދެއް." ފައިސަލް ބުންޏެވެ.
"އެނދުގައި ނުތިބެވެންޏާ ތަޅުންގަނޑު ވެސް އޮންނާނެ. މިއުޅެނީ މުޅި އުމުރު އެތަނުގައި ދިރިއުޅޭކަށްނޫނެއްނު. ހަމައެކަނި މިރޭ ވަގުތު ހޭދަކޮށްލަން." ހަށިގަނޑި ސީދާކޮށްލަމުން ފައިސަލްއާ ކުރިމަތިލައިގެން އިނދެ ބުނީމެވެ.
"އުނދަގޫވެގެން ޝަކުވާ ނުކުރާތި." ފައިސަލް އެނދުން ފައިބަމުން ބުންޏެވެ.
"ނުކުރާނަން." މިފަހަރު ވެސް ވަގުތުން އަހަރެން ޖަވާބު ދިނީމެވެ.
ފައިސަލް ޖިންސު ލައިގެން ރީތިވާ މޭޒުގެ ގޮނޑި މައްޗަށް އެއްލާފައި އޮތް ޓީޝާޓު ނަގައި ކޮނޑަށް އެއްލިއެވެ. އަދި އަހަރެންނަށް ބަލާލިއެވެ. ހިނގާށޭ ފައިސަލް ބުނެލިއެވެ. އަހަރެންނަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. އެނދުމަތިން ފުންމާލި ގޮތަށް ފައިސަލްގެ ގައިގާ ހިފައިގަތީމެވެ. އޭނާގެ މޫނުގައި ބޮސްދީފައި އަހަރެން އެނބުރިލީ ހަރުވާޅު ހޯދާށެވެ. އެހިނދު ފައިސަލް ކުއްލިއަކަށް އަހަރެންގެ ވައަތު މުލައްދަނޑީގައި ހިފައި އޭނާއާ ދިމާއަށް އަނބުރާލިއެވެ.
"ދަންޏާ ތި ހުރި ގޮތަށް ދެވޭނީ." ލާނެތް ހިންޏެއް އައިސްފައި ހުރެ ފައިސަލް ބުނެލިއެވެ.
"ވަޓް" އަހަރެންނަށް ބަލައިގަންނަން އުނދަގޫވީއެވެ. ލައިގެން ހުރި ޓީޝާޓު ނޫނީ އަހަރެންގެ އެއްވެސް ނިވާކަމެއްނެތެވެ. އަހަރެންގެ ބުޑު ކިރިޔާ ނިވާވަނީއެވެ. ހިނގާފައި ދާއިރު އެ ނިވާކަން ވެސް ނުލިބޭނެކަން ޔަގީންވެއެވެ.
"ނުކެރޭނެތަ؟." އަހަރެން ހުއްޓުން އަރާފައި ހުރުމުން ފައިސަލް ބުންޏެވެ. އަހަރެން އެނދުމަތީގައި އޮތް "ތްރޯ ބްލޭންކެޓް" ނެގީމެވެ. ގައިގެ ވަށައިގެން އެ އޮޅާލީމެވެ. މުޅި މީހާ އެއްކޮށް ނިވާނުވިޔަސް އަހަރެންގެ ކަކުލާ ހަމައަށް އެ ރަޖާ ފައިބާފައި އޮތެވެ. އެ މަންޒަރު ބަލަން ހުރި ފައިސަލް ހިނިގަނޑެއް ޖަހާލިއެވެ.
"ބޭރު ނުލާހިކު ފިނިވާނެ." އަހަރެން ބުނެލީމެވެ. ފައިސަލް އިތުރު އެއްޗެއް ނުބުންޏެވެ.
ކޮޓަރި ތަޅުލާފައި ނުކުމެ އަހަރެމެން ތިރިއަށް އައީމެވެ. އަތުގައި އޮތް ފޯނުން ގަޑި ބަލާލިއިރު ދަންވަރު ދޭއްޖަހަނީއެވެ. ގެސްޓްހައުސްގެ މައިދޮރު ހުރީ ތަޅުލާފައެވެ. އެ ދޮރު ހުޅުވީ ފައިސަލްއެވެ. އަދި އަހަރެމެންގެ ފަހަތުން އޭނާ ދޮރު ލައްޕާލިއެވެ. އޭނާ އުޅޭ ކުޑަގެއާއި ގެސްޓްހައުސްގެ އިމާރާތާ މެދުގައި އަޅާފައި ހުރި ގާތައް މަތިން އަހަރެމެން ހިނގަމުން އައީމެވެ. އަހަރެންގެ މަޤްޞަދު ހާސިލުވާން އުޅޭތީ އަހަރެން ހުރީ އުފަލުންނެވެ. ހަމައެއާ އެއްވަރަށް ޖެހިލުން ވެސް ވެފައެވެ. އަހަރެން ކުރަން އައި ކަންތައް ވާނެބާއޭ ހިތަށް އަރާތީއެވެ. ދޮރު ހުޅުވާލައި އެތެރެއަށް ފައިސަލް ވަނުމުގެ ބަދަލުގައި އަހަރެންނަށް ތަންދައްކަމުން އޭނާ މަޑުކޮށްލީއެވެ. ބަދަލުކޮށްލި ލުއި ހިނިތުންވުމާއެކީ އޭނާގެ ކުރިޔަށް އަހަރެން އެ ގޭތެރެއަށް ވަނީމެވެ.
"ކޮފީ ހިފައިގެން އަންނާނަން." ފައިސަލް ބުންޏެވެ. އަހަރެން އާނއެކޭ ބުނެލީ ބޯޖަހާލުމަކުންނެވެ. އެއާއެކު އޭނާގެ ކޮނޑުމަތީ އޮތް ޓީޝާޓު އަހަރެންނަށް ދިއްކޮށްލާފައި އެތެރެއަށް ނުވަދެ އެނބުރިލީ ގެސްޓްހައުސްއާ ދިމާއަށެވެ. އޭނާ އިމާރާ ކައިރިވަންދެން ދޮރު ކައިރީ ބަލަން ހުރެފައި އަހަރެން އެތެރެއަށް ވަނީމެވެ.
ޝިފާލީގެ ސަބަބުން އަހަރެންނަށް އެ ގޭތެރެ ފެނުނު ގޮތާއި ކޮންމެވެސް ވަރެއް ތަފާތުތަކެއް ހުއްޓެވެ. ހަމަބިމަށް ވުރެ އަޑިއަށް ހަދާފައި ހުރި ސިއްރު ކޮޓަރިއަށް ދެވެން ހުރި ބިތުގައި އެއްޗެހި ބަހައްޓާ ހަރެއް ހަދާފައި ހުއްޓެވެ. އެއީ ކުރީން ނެތް އެއްޗެކެވެ. ފައިސަލް ބުނިހެން އެންމެ މީހަކަށް ނޫނީ އެތާކު ނޫޅެވޭނެއެވެ. ފާރުގައި ޖައްސާފައި ހުރި އެނދު ނިވާކުރުމަށް ފަރުދާއެއް ހުއްޓެވެ. އެ ފަރުދާ ހުރީ އެނދުގެ އެއްބައި ފެންނަ ވަރަށް އެއްފަރާތް ކުރެވިފައެވެ.
"އާނިޔާ." ކުއްލިއަކަށް އިވުނީ ޝިފާލީގެ އަޑެވެ. އަހަރެން ބަލާލިއިރު ދޮރުމަތީ އޭނާ ހުއްޓެވެ.
"އޭނާ ކޮފީ ހިފައިގެން އެބައާދޭ. އޭނާ ގެންނަ ކޮފީ ނުބޯތި. އެ ތަށި އޭނާއަށް ބޯންދެވޭތޯ ބަލާ. އެކަންވެއްޖެނަމަ މިރޭ އާނިޔާ ބޭނުންވާ ކަންތައް ކުރެވޭނެ. އޭނާ އެ އުޅެނީ އެ ކޮފީ ދީގެން ކަލޭ ނިންދަވާލަން." ޝިފާލީގެ ސިފައިގައި ހުރި މަހުލޫގު ބުންޏެވެ.
އަހަރެން އައިސް އެނދުގައި އިށީނެމެވެ. ގިނައިރެއްނުވެ ދެ ކޮފީޖޯޑު ހިފައިގެން ފައިސަލް އައިސް ވަނެވެ. އެއްފަރާތުގައި ހުރި ކަބަޑުގެ މަތީ އެއް ޖޯޑު ބަހައްޓާފައި އަނެއް ޖޯޑު އަހަރެންނަށް ދިއްކޮށްލިއެވެ. ދެން އޭނާ ދިޔައީ ދޮރު ލައްޕާށެވެ. އެ ގޭތެރޭގައި ހުރި ޝިފާލީ ފެންނަނީ އަހަރެންނަށް އެކަންޏެވެ. އޭނާގެ ކައިރިން އަޅާފައި ދިޔައިރު ވެސް ފައިސަލްއަށް ހިލަމެއް ނުވިއެވެ. ދޮރު ލައްޕަން އުޅުނު ވަގުތު ބާރު އަޑުފަށްގަނޑެއް އިވުނެވެ.
"އެއީ ކޮންއަޑެއް." އަހަރެން ވެސް ސިހުނެވެ. ފައިސަލް ބޭރަށް ބޯދިކޮއްލި ވަގުތު އަހަރެން ކައިރިއަށް ޖެހިލި ޝިފާލީ ޖޯޑު ބަދަލުކުރަން ބުންޏެވެ. ލިބުނު މަދު ވަގުތުކޮޅު ތެރޭ އަހަރެން ނިކަން އަވަހަށް ޖޯޑު ބަދަލުކޮށްލައިފީމެވެ. އެވަގުތު ފައިސަލް ތަންކޮޅެއް ބާރަށް ކާކުހޭ ގޮވާލިއެވެ. އޭނާއަށް ބޭރުން ހިލަމެއްވީކަން ޔަގީނެވެ. އަހަރެން ތެދުވަން އުޅުމުން ޝިފާލީ އަހަރެންނަށް ހަނާ އެޅީ ހިމޭނުން އިނުމަށެވެ. އިރުކޮޅަކު ބޭރު ބަލަން ހުރެފައި ފައިސަލް އެތެރެ ވަދެ ދޮރު ލައްޕައިފިއެވެ.
"ކިހިނެއްވީ އަޑެއް؟. ބަޔަކު އުޅެނީތަ؟." ފައިސަލް އެތެރެއަށް ވަނުމުން އަހަރެން އަހާލީމެވެ.
"ނޭނގެ. ހިޔަނިވެގެން ކާކުތޯ އަހާލީ... މީހަކު ނުފެނުން." ފައިސަލް ބުންޏެވެ.
އަހަރެންގެ އަތުގައި އޮތް ކޮފީޖޯޑުން އެތިފޮދެއް ބޯލީމެވެ. ހުރީ ހޫނުކޮށެވެ. ލެއްޕޭ ކަހަލަ ގޮނޑިއެއް އެތަނުގައި ހުރި އައިސްއަލަމާރި ކައިރިން ފައިސަލް ނެގިއެވެ. އެނދުގައި އަހަރެން އިންއިރު އަހަރެންނާ ކުރިމަތިވާނޭހެން ގޮނޑި ހުޅުވާލުމާއެކު ބެހެއްޓިއެވެ. އަދި އޭނާ ބެހެއްޓި ކޮފީޖޯޑު ހިފައިގެން ގޮނޑީގައި އިށީނދެއްޖެއެވެ.
"މިތަން ވެސް ފައިސަލް އަމިއްލައަށްތަ ޑިޒައިން ކުރީ." އަހަރެން އަހާލީމެވެ. ކޮންމެވެސް ވާހަކައެއް ފަށަން ގަސްދުކޮށެވެ. ފައިސަލް ހޫން ލައްވާލިއެވެ.
ކޮފީ ހުސްވުމާއެކު ޖޯޑު ބަހައްޓާފައި އަހަރެން އެނދުން ތެދުވީމެވެ. އޭރު ފައިސަލް ވެސް ކޮފީބޮއެ ނިމިއްޖެއެވެ. އޭނާ ޖޯޑަށް ބަލަން އިން ގޮތް އަހަރެންނަށް ކަމުނުދިޔައީއެވެ. ޝައްކެއް އޭނާއަށް ވީބާއޭ ހިތަށް އަރާފައެވެ.
"ތިހެން އިންނަނީތަ؟. އެނދަށް އަރާބަލަ." ފައިސަލްގެ އަތުގައި ހިފާލައި ގޮނޑިން ނަގަމުން ބުނީމެވެ. އޭނާ ހިނިތުންވެލިއެވެ. އަހަރެން ދަޢުވަތު ދެނީ ކޮންކަމަކަށްކަން އޭނާއަށް އެނގުނެވެ. ޖޯޑު ބަހައްޓާފައި އަހަރެންނާއެކީ އައިސް އެނދަށް އެރިއެވެ. ފައިސަލް އަހަރެންނާ މަސްހުނިވެލައި ލޯބީގެ ސަމާސާތައް ކުރަން ފެށިއެވެ.
"ކުއްލިއަކަށް ވަރަށް ޓަޔަޑްވެއްޖެ... ނިދި އަންނަގޮތް ވަނީ." އަހަރެން އާފުރިލައި ވާހަކަދެއްކީމެވެ. ކޮފީގެ އަސަރު ކުރަނީކަން ދެއްކުމަށް އަހަރެން އެކްޓު ޖައްސާލީއެވެ.
"އެހެންވީރު ނިދާލާ. އަން... މިރޭ ބޯއަޅަން ޖެހޭނީ އަހަރެންގެ އަތުގައި." ފައިސަލް މިހެންބުނެ އޭނާގެ ވައަތް ދަމާލިއެވެ. އަހަރެން އޮތީ ފާރާވީ ކޮޅުގައި އެނދުގެ ބިއްދޮށުގައެވެ. އަހަރެން ބޭނުންވީ މަގަތުގައި އޮންނާށެވެ. ނަމަވެސް ނިދީގައި ވެއްޓިދާނެއޭ ބުނެ ފައިސަލް އެއްބަހެއްނުވިއެވެ. އެނދުގެ ހަނިކަމުން ދެ މީހުންނަށް ތިބެންޖެހުނީ ބައްދާލައިގެންނެވެ.
ވަގުތުތަކެއް ފާއިތުވީފަހުން އަހަރެންނަށް ޝިފާލީ ގޮވާލިއެވެ. އެއާއެކު އަހަރެން ބޯހިއްލާލައި ބަލާލީމެވެ. ފައިސަލް ނިދައިފިކަން އޭނާ ބުނެލިއެވެ. ބޭހުގެ ގަޑި ހަމަވެގެން ނޫނީ އޭނާ ނުހޭލާނޭކަން ޝިފާލީ ބުންޏެވެ. އަހަރެން ފައިސަލްއަށް ބަލާލީމެވެ. ނުހެލާނޭކަން ޝިފާލީ ބުންޏަސް އަހަރެންނަށް އުޅެވުނީ ސިއްރުންނެވެ. ފައިސަލްގެ ގައިމަތިން ހުރަސްކޮށް އެނދުން ފޭބީމެވެ. ސިއްރުކޮޓަރިއަށް ވަދެވެން ހުރި ބިތާ ދިމާއަށް އައީމެވެ. އެ ދޮރު އަހަރެންނަށް ހުޅުވުނީ ޝިފާލީގެ އެހީގައެވެ. އެތަނަށް ވަދެވުމާއެކު އަހަރެން ހޮޅިބުރިތައް ދިއްލާލީމެވެ. ހަލުވިކޮށް އައިސް މޭޒުދޮށުގައި އިށީނދެ ކޮމްޕިއުޓަރު ހުޅުވާލީމެވެ.
(ނުނިމޭ)