ހުސައިން އަމްރު

ބޮޑުތިލަދުންމައްޗަށް އިންވެސްޓްމަންޓް ބޭންކެއް ގެންނާނަން: އަމްރު

ދަ ޑިމޮކްރެޓްސްއަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅު ހއ. ހދ. އަދި ށ. އަތޮޅު -- ބޮޑު ތިލަދުންމައްޗަށް އިންވެސްޓްމެންޓް ބޭންކެއް ގެނެސްދޭނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ކެމްޕޭނަށް ހއ. ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި އަމުރު ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ތަރައްގީ އަންނަންޖެހޭ ވަރާ ގާތަށްވެސް ތަރައްގީ އައިސްފައި ނުވާ ކަމަށެވެ. އެހެންކަމުން ބޮޑުތިލަދުންމަތި ތަރައްގީކުރުމަށް އަމާޒުކޮށްގެން ދަ ޑިމޮކްރެޓުން ގެންނާނީ އިންވެސްޓްމަންޓް ބޭންކެއް ކަމުގައި ވިދާޅުވި އެވެ.

"އެއީ ބޮޑުތިލަދުންމަތީގެ ތަރައްގީއަށް ހާއްސަވެގެން އަންނަ ބޭންކަކަށް ވާނީ،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންވެސްޓްމަންޓް ބޭންކެއް ގެނެސް އެ ސަރަހައްދުގައި ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ލޯނު ދޫކުރުމުން ބޮޑުތިލަދުންމައްޗަށް އަންނަ ބޮޑު ބަދަލު ފެންނާނެ ކަމަށެވެ.

ސަރުކާރުން ސޮވެރިން ގެރެންޓީ ދޭ އުސޫލަށްވެސް އަމްރު ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން އަމްރު ވިދާޅުވީ ލޯނަށް ގެރެންޓީ ދޭން ޖެހޭނީ ހަމައެކަނި މުއްސަނދިންނަށް ނޫން ކަމަށާއި އަލަށް ވިޔަފާރި ފަށައި އެ ވިޔަފާރި ފުޅާކުރަން ބޭނުންވާ މީހުންނަށްވެސް އެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ.

"އެއީ ބަދަލުވާންޖެހޭ ސިޔާސަތެއް. އަޅުގަނޑުމެން އެކަން ކުރާނަން،" އަމްރު ވިދާޅުވި އެެވެ.

ޑިމޮކްރެޓުން ގެންދަނީ އެ ޕާޓީގެ ވެރިކަމެއްގައި އާންމު މީހާގެ ތަނަވަސްކަމާއި ފުދުއްތެރިކަން އިތުރުވާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އަދި އެފަދަ ބައެއް ސިޔާސަތުތައްވެސް އެ ޕާޓީން ގެންދަނީ ހާމަކުރަމުންނެވެ.