ޕީޕީއެމް

ގައުމުގެ މިނިވަންކަމަށްޓަކައި ވޯޓް ދިނުމަށް މުއިއްޒު އެދިވަޑައިގެންފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ލާ ވޯޓަކީ ހަމައެކަނި ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ދޭ ވޯޓަކަށް ވުރެ ބޮޑަށް ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ދޭ ވޯޓަކަށް ހަދައިދިނުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފަ އެވެ.

އއ. ރަސްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ގައުމުގައި ހިންގަމުންދާ ބޮޑެތި މަޝްރޫއުތަކުގެ ބޭނުން ހިފޭނީ ގައުމު މިނިވަންކަން މަތީގައި އޮވެގެން ކަމަށެވެ. އެހެންކަމުން މިއަދު ގައުމު އިސްކުރުމަކީ ހުރިހާ ރައްޔިތުންގެ ފުރަތަމަ ވިސްނުމަށް ވާންޖެހޭނެ ކަމުގައި ވިދާޅުވި އެވެ.

"ދިވެއްސަކަށް ވީތީ ދިވެހި ރައްޔިތެއްގެ ޒިންމާ އަދާކޮށްދެއްވުން [އެދެން]. އަޅުގަނޑުމެންނަށް ތަރައްގީ ގެނެވިދާނެ. އެކަމަކު ގެއްލިއްޖެ މިނިވަންކަމެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ މިނިވަންކަމާ މެދު ފަރުވާކުޑަކޮށް ވިސްނާ ވަރަށް ވުރެ ބޮޑު ގައުމީ މައްސަލައެއް ކަމަށެވެ.

ޕީޕީއެމް ޕީއެންސީގެ ކެމްޕޭން ޖަލްސާތަކުގައި މިވާހަކަތައް ތަކުރާރުކޮށް ދައްކަމުންދާ ސަބަބަކީ މިނިވަންކަމުގެ މުހިންމުކަން ރައްޔިތުންނަށް ހަނދާންކޮށްދިނުން ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.

"ދިވެއްސަކަށް ވީތީ ފަހުރުވެރިވެ ދިވެހީންގެ ރާއްޖެއަށް ދިއުމަށް ނިންމުމަށް އިހުލާސްތެރިކަމާއެކު އެދެން،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ރަސްދޫ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައިދީ، ރަށުގައި ހުރި ހޮސްޕިޓަލް އިތުރަށް ތަރައްގީކޮށްދީ، އެރަށުގެ ފަޅު ހިއްކައިގެން އިގްތިސާދީ މަސައްކަތްތަކާއި ބޯހިޔާވަހި ކަމުގެ ޕްރޮގްރާމެއް ފަށާނެ ކަމަށެވެ.

ކުރިއަށް އޮތް ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އެއްބުރުން އޭނާ ހޮވައިދިނުމަށްވެސް މުއިއްޒު އެދިވަޑައިގެންނެވި އެެވެ.