ކޮންޓެއިނަ ޕާކްގެ ކޯ ވޯކިން ސްޕޭސް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މި ޕާކަކީ އިކޮނޮމިކް މިނިސްޓްރީ، ބިޒްނަސް ސެންޓާ ކޯޕަރޭޝަން އަދި އާބަންކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިމަޝްރޫއަކީ ހުޅުމާލެ ޒަމާނީ "އާބަން" ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެއް މަސައްކަތެވެ.
އާބަންކޯ އިން ބުނީ ކޮންޓެއިނާ ޕާކަކީ ޒަމާނީ އަދި "އާޓިސްޓިކް" ޕްލޭނެއްގެ ދަށުން ހުޅުމާލެއަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ތަނެއް ކަމަށެވެ.
ކޮންޓެއިނާ ޕާކްގައި ހިމެނޭ ކޯ ވޯކިން ސްޕޭސް މިއަދު ހުޅުވިއިރު ވަރަށް އަވަހަށް މިތަނުގައި ޓޭކްއަވޭ ކެފޭ އަކާއި، ފާސްޓް ފުޑް އައުޓްލެޓެއް އަދި މީޓިން ރޫމެއް ހަދައި، މި ސަރަހައްދުގެ އޯޕަން އޭރިއާ އާންމުންނަށް އެއްވެ އުޅެވޭ ޕާކެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށްވެސް އެޗްޑީސީ އިން ބުނެ އެވެ.
އާބަންކޯ އިން ބުނީ ކޯ ވޯކިން ސްޕޭސް މެދުވެރިކޮށް ހުޅުމާލޭގައި އަލަށް ވިޔަފާރިތައް ފަށާ ފަރާތްތަކަށާއި، އެފަދަ ފުރުސަތުތައް ބޭނުންވާ މީހުންނާއި، ގްރޫޕްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. ކޯ ވޯކިން ސްޕޭސް ދެނީ ފުރަތަމަ މަހު ހިލެ އެވެ.

މި ސްޕޭސް އަށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ބުކްކޮށްލެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. ކޯ ވޯކިން ސްޕޭސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން އިރުއޮއްސި 6:00ގެ ނިޔަލަށް ހުޅުވާފައި ހުންނާނެ އެވެ.
އާބަންކޯ އިން ބުނީ ކޮންޓެއިނަ ޕާކުގެ މައިގަނޑު މަގުސަދަކީ އެތަނަކީ ދިރުމެއް އޮތް އަދި މުޖުތަމައުގެ ބައިވެރިވުން ފެނިގެންދާ މާހައުލެއް ބިނާކުރުން ކަމަށެވެ.
"މީގެއިތުރުން އާޓިސްޓުންނަށްވެސް ފުރުސަތު ލިބިގެންދާނެ ފަދަ ހަބެއް ތައްޔާރުކުރުން. މި ޕާކް މެދުވެރިކޮށް ހުޅުމާލޭގެ ގިނަ ޒުވާނުންތަކަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" އާބަންކޯ އިން ބުންޏެވެ.
އާބަންކޯ އިން ދަނީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް މުޖަތަމައުއަށް ފައިދާކުރުވަނިވި ކަންތައްތައް ވީހާވެސް ގިނައިން ހިންގަމުންނެވެ.