ރިޔާސީ އިންތިހާބު 2023

މިސަރުކާރުން ކޮށްދިން މަސައްކަތެއް ނޭނގޭ: މުއިއްޒު

ގާފަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ
0%
0%
0%

ކެމްޕޭންގައި ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް އަސާސީ އެތައް މައްސަލަތަކެއް ފެންނަމުންދާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކ. ގާފަރުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާ ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް އަޑުއިވެނީ ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާ ކަމަށާއި ރައީސް ސޯލިހްގެ ސަރުކާރު ނިމިގެންދާއިރު އެކަންކަން ހައްލުނުވުމަކީ ސަރުކާރު ފެއިލްވުން ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ސަރުކާރުން ކުރީ ކޮން ކަމެއް ކަމެއް،" މިސަރުކާރުން ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކުރަމުންދާ ކަމަށް ބުނަމުންދާތީ އެކަމާ ދޭތެރޭ ސުވާލު އުފައްދަވަމުން މުއިއްޒު ވިދާޅުވި އެވެ.

ގާފަރަށް ދިމާވެފައިވާ ބައެއް މައްސަލަތައް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި އަދި ކުނީގެ މައްސަލައަށް އޭނާގެ ވެރިކަމެއްގައި ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.

މުއިއްޒު ގާފަރަށް ވެވަޑައިގެންނެވި އިތުރު ވައުދުތައް

މުއިއްޒަށް ތާއީދުކުރާ ގާފަރުގެ ރައްޔިތުންނާ އެކު
  • ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކުރުން
  • މާފަރު ސުކޫލްގައި މަލްޓި ޕާޕަސް ހޯލަކާއި އިތުރަށް ބޭނުންވާ ކްލާސްރޫމު އަޅައިދިނުން
  • ޒުވާނުންނަށް ސްޕޯޓްސް އެރިނާ އަކާއި ޔޫތް ސެންޓަރެއް އަޅައިދިނުން

ގާފަރަކީ މަސްވެރި ރަށެއް ކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި މަސްވެރިކަމަށް ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް 2013 ގައި ހިމެނުއްވި ކަމަށެވެ. އޭނާގެ ވެރިކަމުގައިވެސް އެކަންކަން ކުރައްވާނެ ކަމަށާއި އަދި މަސްވެރިން ބާނާ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުވާނެ ކަމަށެވެ. މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލައި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހާއްސަ އެޖެންސީ އުފައްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ގާފަރުގައި މިހާރު ހުރީ 25 ޓަނުގެ މަސް ރައްކާކުރެވޭ އައިސް ޕްލާންޓެއް ކަމަށްވާތީ ރަށުގެ މަސްވެރިންނާ މަޝްވަރާކުރެއްވުމަށްފަހު އެތަނުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާފަރުގައި މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި އެ ރަށުގެ ބަނދަރު ބޮޑުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ރައްޔިތުން އެދޭ ގޮތަށް ބަނދަރު ތަރައްގީކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345