ޕީޕީއެމް

ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕްކޮށްފި: މުއިއްޒު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

ކ. ތުލުސްދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މިއީ މިސަރުކާރުގެ ކުރިން ވެރިކަން ކުރި ހުރިހާ ސަރުކާރަކުން ފައިސާ ޗާޕް ކުރި އަދަދު އެއްކޮށްލުމުން ފައިސާ ޗާޕްކޮށްފައި ނުވާހާ ބޮޑު އަދަދެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިސަރުކާރުން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށް ބޭނުން ވަރަކަށް ފައިސާ ޗާޕް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތުމުން އެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށެވެ.

"އެހެންވެގެން ގައުމުގެ އިގްތިސާދު ހަލާކުވެގެން މިދަނީ" މުއިއްޒު ވިދާޅުވި އެވެ.

މިސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ކޮވިޑް 19ގެ ދުވަސްވަރު ދައުލަތް ހިންގުމަށްޓަކައި އޭރު ވަގުތުން ވަގުތަށް ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާތީ އެ ފައިސާ އޯވާޑްރޯ ކުރެވޭނެ ގޮތެއް ހެދުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދުމުން މަޖިލީހުން ރުހުން ދިނީ 4.2 ބިލިއަން ރުފިޔާގެ އޯވަޑްރޯ އަކަށެވެ.

ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑް ކުރުމަށް އޭޕްރީލް 2020 ގައި މަޖިލީހުން ފާސްކޮށްފައި ވަނިކޮށް އެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރި މުއްދަތު ފަހުން ވަނީ އިތުރުކޮށްފަ އެވެ. ސަރުކާރުން އެދިގެން އިތުރުކުރި މުއްދަތު ހަމަވާނީ މިއަހަރުގެ ނިޔަލަށެެވެ.