ދުނިޔެ

ޔުކްރޭން ގޮވާން ޑީލް އާކުރަން ޕޫޓިން އެއްބަސްވެވަޑައިނުގެންނެވި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިހާރު އުޅުއްވަނީ ރަޝިއާއަށް ވަޑައިގެން މޮސްކޯގަ އެވެ. އޭނާގެ އުންމީދަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ އެކު ކުރެވޭ މަޝްވަރާއަކުން -- ޔުކްރޭން ގޮވާން ޑީލަށް ކުރިއެރުމެއް ލިބުމެވެ.

ނަމަވެސް، ޚަބަރުތައް ބުނާ ގޮތުން އުރުދުޣާން އާއި ޕޫޓިންއާ ދެމެދު -- ގޮވާން ޑީލް އާކުރުމާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާތަކުން އެކަށީގެންވާ ނަތިޖާއެއް ހާސިލެއް ނުކުރެވުނެވެ.

ޔުކްރޭން ގޮވާން ޑީލްގައި ރަޝިއާގެ ދައުރަކީ، ޔުކްރޭންގެ ބަނދަރުތަކުން ގޮވާން ބަރުކޮށް ފުރާ އާގުބޯޓުފަހަރު -- ރައްކާތެރިކަމާ އެކު ކަޅުކަނޑު ހުރަސްކޮށް ދަތުރުކުރަން ފުރުސަތު ދިނުމެވެ. ރަޝިއާގެ އަސްކަރިއްޔާޢިން އެއިން އުޅަނދަކަށް ހަމަލާދިނުމަކީ އެއްބަސްވުމާ ޚިލާފު ކަމެކެވެ.

ނަމަވެސް، ގޮވާން ޑީލް ހުއްޓާލަން ޖެހުނު މައްސަލައަށް ހައްލެއް ނުލިބޭހާ ހިނދު، އެ މަޝްރޫއު އަލުން ފެށުމާ މެދު ޕޫޓިން އާނބަށް ވިދާޅުނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ގޮވާން ޑީލްގައި ދުނިޔޭގެ މާކެޓަށް ސަޕްލައިކުރަން ހަމަޖައްސާފައި ވަނީ ޒުވާރި އާއި ގޮދަނާއި އަދި ސަންފްލާވާ ތެޔޮ ފަދަ ބާވަތްތަކެވެ.

ޔުކްރޭން ގޮވާން ޑީލް ހުއްޓާލަން ޖެހުނީ، މި ޑީލް ފެށުމުގެ ކުރިން ހުޅަނގުން ރަޝިއާއަށް ކޮށްދޭނެ ކަމަށް ބުނި އެއްވެސް ކަމެއް ކޮށްދިފައި ނުވުމެެވެ.

ހުޅަނގުން ރަޝިއާއަށް ކޮންދޭން އެއްބަސްވި ކަންތައް ތަކުގެ ތެރޭގައި، ރަޝިއާގައި އުފައްދާ ދަނޑުވެރިކާ ބެހޭ ބާވަތްތައް ދުނިޔޭގެ ބާޒާރަށް ނެރެން ދެކޮޅު ނުހެދުމާއި ރަޝިއާގައި އުފައްދާ ގަސްކާނާ، ބައިނަލްއަގްވާމީ ބާޒާރަށް ނެރުމުގައި ހުޅަނގުން ހުރަސް ނޭޅުން ހިމެނެ އެވެ.

ރަޝިއާގެ ސޮޗީގައި އުރުދުޣާންއާ ބައްދަލު ކުރައްވައި ޕޫޓިން ތަކުރާރު ކުރެއްވީ ވެސް ހަމަ މި ވާހަކަތަކެވެ. ގޮވާން ޑީލް ފަށައިގަތުމަށް މިހާރު ވެސް އޮތީ -- މި ޑީލް ފެށިއިރު އޮތް ޝާރުތުތައް ކަމަށް ޕޫޓިން ވިދާޅުވި އެވެ.

އުރުދުޣާން ރަޝިއާއަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިނަށް ވިދާޅުވި ގޮތުގައި، ގޮވާން ޑީލް އަލުން ފެށުމަކީ އޮތް ވަރަށް ބޮޑު އުންމީދެކެވެ. ނަމަވެސް، ރަޝިއާއަށް ކަމެއް ކޮށްދިނުމެއް ނެތި ގޮވާން ޑީލް ފެށެން ނެތްކަން މިހާރު މި އޮތީ ހާމަވެފަ އެވެ.

ޚަބަރުތައް ބުނާ ތޮތުން އުރުދުޣާން ދެން ވަޑައިގަންނަވާނީ އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްގެ އަރިހަށެވެ. އެއީ ގޮވާން ޑީލް އަލުން ފެށުމަށް ރަޝިއާއަށް އެހީ ހޯއްދެވުމަށެވެ. ރަޝިއާގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމަށެވެ.