ހަބަރު

އޯވަ ލޯޑްވެގެން ކަނޑުހުޅުދޫ އިންޖީނުގޭ ޖަނަރޭޓަރެއްގައި ރޯވެ އަނދައިިފި

ގއ. ކަނޑުހުޅުދޫ އިންޖީނުގޭގައި ހުރި ޖަނަރޭޓަރެއް އޯވަ ލޯޑުވެގެން އަލިފާން ރޯވެ އަނދައި ހުލި ވެއްޖެ އެވެ.

އެރަށު ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމް ވިދާޅުވީ 80 ކިލޯވޮޓުގެ ޖަނަރޭޓަރުގައި އަލިފާން ރޯވީ ރޭ ދަންވަރު 03:18 ހާއިރު ކަމަށެވެ. އަދި ޑިއުޓީ މުވައްޒަފުންނަށް "އަލިފާންގަނޑު ނިންވާލެވުނީ ރޯވިތާ 10 މިނެޓު ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ރަށަށް ކަރަންޓް ދެމުން އަންނަނީ އެހެން ޖަނަރޭޓަރެއްގެ އެހީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ރަށަށް ކަރަންޓު ދެމުންދަނީ 128 ކިލޯ ވޮޓުގެ ޖަނަރޭޓަރަކުން. މުޅި ރަށަށް ކަރަންޓު ދެވުނީ ގާތްގަނޑަކަށް 03:45 ހާއިރު. އެ ޖަނަރޭޓަރުން މުޅި ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށް ނުދެވޭނެ. މިހާރުވެސް އިންޖީނުގެއިން އެބަބުނޭ އެ ޖަނަރޭޓަރަށް ރެސްޓެއް ދޭން ބޭނުމޭ. އޯވަ ލޯޑު ވެއްޖެއްޔާ މުޅި ރަށުން ކަރަންޓު ކެނޑޭނެ" ކައުންސިލް ރައީސް ވިދާޅުވި އެވެ.

ފުލުހުން އަންނަނީ އެމައްސަލަ ތަހުގީގް ކުރަމުންނެވެ.

އަހުމަދު ވިދާޅުވީ މިހާދިސާގެ ތަފްސީލް ބަޔާންކޮށް ކަމާބެހޭ ފަރާތްތަކަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އަދި ކަނޑު ހުޅުދޫ އިންޖީނުގޭގެ ހާލަތު ބަޔާންކޮށް އިންސްޕެކްޓް ރިޕޯޓެއް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ތައްޔާރުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ އެ އިންޖީނުގެއަކީ އެއްވެސް ވަސީލަތެއް ނެތް ވަރަށް ނިކަމެތި ހާލުގައި ހުރި އިންޖީނުގެ އެއް ކަމަށެވެ. އެގޮތުން ޖަނަރޭޓަރުގައި ރޯވި އަލިފާންގަނޑު ނިއްވާލަން ޖެހުނީވެސް ވަޅަކުން ފެން ނަގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. ފެނެކައިން ހިންގާ އެ އިންޖީނު ގޭގެ ހާލަތު ރަނގަޅު ކުރުމަށް އެ ކުންފުނިން ވަނީ މިހާރު މަސައްކަތްތަކެއް ފަށައިގެންފަ އެވެ.