ހަބަރު

ބޭސްފަރުވާއަށް ދެ މަސް އިތުރުކޮށްދޭން ނަޝީދު އެދިވަޑައިގެންފި

Feb 17, 2016

ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު ދެ މަސް ދުވަހަށް އިތުރުކޮށް ދިނުމަށް އެމަނިކުފާނު ހުށަހަޅުއްވައިފި އެވެ. ބޭސްފަރުވާ ކުރަން ޔޫކޭގައި ހުންނެވުމަށް ދީފައި އޮތް މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ ކޯޑިނޭޓަރު ހަސަން އަލީ މިއަދު ވިދާޅުވީ، ބޭސްފަރުވާގެ މުއްދަތު 60 ދުވަހަށް އިތުރުކޮށްދެއްވުމަށް ނަޝީދު ހުށަހެޅުއްވީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އެއީ ދެ މަސް ދުވަހެވެ. ނަޝީދު ބޭސްފަރުވާއަށް އިނގިރޭސވިލާތަށް ދިޔުމަށް ހުއްދަ ދީފައި ވަނީ 30 ދުވަހަށެވެ. ހަސަން ވިދާޅުވީ ނަޝީދު ބޭސްފަރުވާގެ މުއްދަތު އިތުރު ކުރަން ހުށަހެޅުއްވީ ޑޮކްޓަރުގެ ސިޓީތަކާ ވެސް އެކުގައި ކަމަށެވެ.

ނަޝީދުގެ ބޭސްފަރުވާގެ ކަންކަން ހިނގާ ގޮތުގައި ތަފްސީލް ހޯދުމަށް ކަރެކްޝަންސް އިން މީގެ ކުރިން އެދިފައިވެ އެވެ. ނަޝީދު ޔޫކޭއަށް ވަޑައިގެންނެވީ، މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ތެރެއިންނެވެ.

"ނަޝީދުގެ އެދިވަޑައިގަތުން މިހާރު ދަނީ ރިވިއު ކުރަމުން. އެއަށް ފަހު ގޮތެއް ނިންމާނީ،" މީޑިއާ ކޯޑިނޭޓާ ވިދާޅުވި އެވެ.

ނަޝީދު އަދި އޮޕަރޭޝަން ކުރެއްވި ކަމެއް ވެސް ނޭނގެ އެވެ. ނަޝީދު އޮޕަރޭޝަން ނުކުރައްވާ އެކި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުން ދާތީ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ނަޝީދު ޔޫކޭއަށް ފޮނުވުމަށް ބާރު އެޅުމުގެ ގޮތުން ނަޝީދުގެ ވަކީލުން އޭރު ވިދާޅުވީ އޮޕަރޭޝަން ނުކޮށްފި ނަމަ ނަޝީދުގެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށެވެ.