ސިޔާސީ ޕާޓީތައް މިވަގުތު މިތިބީ މަޝްވަރާ ކުރެވޭ ހާލަތެއްގައި ނޫން ކަމަށާއި ރައީސް ޔާމިންގެ އިހްލާސްތެރިކަން ދައްކަވަން ޖެހޭ ކަމަށް އިދިކޮޅު ދެ ޕާޓީން ބުނެފި އެވެ.
މިހާރު އިދިކޮޅު ދެ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ އާއި އަދާލަތު ޕާޓީން ބުނީ އެއްވެސް ލީޑަރެއް ޖަލުގައި ހުއްޓާ މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަމަށެވެ.
އެމްޑީޕީއާ އަދާލަތު ޕާޓީ ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރަންސް ގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ މީގެ ކުރިން ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާތައް ކުރި އިރު އެކަމުގެ ނަތީޖާ ނިކުތް ގޮތް އެންމެހައި ދިވެހިންނަށް އެނގޭނެ ކަމަށާއި އެހެން ކަމުން މިފަހަރު ރައީސް ޔާމިންގެ އިހުލާސްތެރިކަން އެމަނިކުފާނު ދައްކަވަން ޖެހޭނެ ކަމަށެވެ.
އެގޮތުން މިފަހަރު އެހެނިހެން ޕާޓީތަކުގެ އިތުބާރު ރައީސް ހޯދަވަން ބޭނުންފުޅުނަމަ ފުރަތަމަ ކަމަކަށް ސިޔާސީ ހުރިހާ ވެރިން މިނިވަން ކުރަން ޖެހޭނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.
"ސަރުކާރުން ވާހަކަދައްކަވަން މި އުޅެނީ ސިޔާސީ ޕާޓީތަކާއި އެކުގައި. އެފަދަ މަޝްވަރާތަކަކީ ކޮންމެ ޕާޓީއެއްގެ ވެސް ލީޑަރުން ކުރާ ކަމެއް. ނަމަވެސް ހުރިހާ ޕާޓީތަކުގެ ލީޑަރުން އެތިބީ ރައީސް ޔާމިންގެ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައިގެން ބަނދުކޮށްފައި. އެހެންވެ އަޅުގަނޑުމެން މިހާރު މިތިބީ މަޝްވަރާ ކުރެވޭ ހާލަތެއްގައި ނޫން،" ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ ޕާޓީތަކުގެ ލީޑަރުންނާއި އެކު މަޝްވަރާ ކުރުމަކީ ހުރިހާގައުމެއްގައި ވެސް އެކަން ކުރައްވާ ގޮތް ކަމަށާއި އަދި ޔޫރަޕުގެ ގައުމު ތަކުން ވެެސް ގޮވާލަނީ މަޝްވަރާތައް އެގޮތަށް ކުރެއްވުމަށް ކަމަށެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު އެ ޕާޓީއަށް މަޝްވަރާތަކަށް ދައުވަތު ފޮނުވިއިރު، އޭގެ އެއް ދުވަސް ފަހުން އެ ޕާޓީގެ ރައީސްއަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން އެނގިގެންދަނީ ސަރުކާރުގެ އެއްވެސް އިހުލާސްތެރި ކަމެއް ނެތް ކަމަށެވެ.
ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިސްނެންގެވުމަކަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ދައުވަތު ދިނީ، ޕީޕީއެމް އަށާއި އެމްޑީއޭ އަށާއި އެމްޑީޕީ އަށާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީއަށެވެ. ރައީސް ފޮނުއްވި އެ ދައުވަތުގައި ޕާޓީތަކުގެ ކިބައިން އެދިފައި ވަނީ މަޝްވަރާތަކަށް ހުށަހަޅާ މައްސަލަތަކާއި ޕާޓީތަކުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުންގެ ނަންތަކެއް ރައީސް އޮފީހަށް ފޮނުއްވުމަށެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ރައީސްގެ ފަރާތުން ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވާނީ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަދި ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރެވެ.
ރައީސް މަޝްވަރާތަކާ ގުޅޭ ގޮތުން ވިދާޅުވެފައިވަނީ މަޝްވަރާ ކުރަން ވާނީ ހައްޔަރުގައި ތިބި ބަޔަކު ދޫކޮށްލުމަށް ނޫން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ހަމަޖެހޭ ރާއްޖެ އެއް ބިނާކޮށް ގުޅިގެން ތަރައްގީ ގެނައުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މަޝްވަރާތަކުގެ ތެރެއިން އެންމެން ގުޅިގެން ރާއްޖެ ބޭރުގައި އިޝްތިހާރުކޮށްގެން، ރާއްޖެ އަކީ ހުރިހާ މެހެމާނުންނަށް ކަމޭހިތާ މަންޒިލެއް ގޮތުގައި ޕްރޮމޯޓުކުރަން ވާހަކަތައް ބޭއްވުމަށް ރައީސް ގޮވާލެއްވި އެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތައް ބޮޑުކޮށްގެން ދައްކައި ރާއްޖެ ފަލީހަތް ކުރުމަށް ކުރާ މަޝްވަރާތަކަކަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ.
މިހާރު އޮތް އިދިކޮޅު ދެ ޕާޓީގެ ލީޑަރުން ވެސް ތިއްބެވީ ޖަލު ހުކުމެއްގަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ކަމުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ސާބިތުވެ މިދިޔަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު ވަނީ 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ވެސް ޓެރަރިޒަމްގެ ކުށް ސާބިތުވެ، އިއްޔެ ރޭ ވަނީ 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. އިމްރާންގެ މައްޗަށް ދައުވާކުރީ މޭޑޭ މުޒާހަރާގައި ދެއްކެވި ވާހަކައިގެ ސަބަބުންނެވެ.
މި ދެ ބޭފުޅުންގެ އިތުރުން ވެސް އެމްޑީޕީއިން ދަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދޫކޮށްލުމަށް ވެސް ގޮވަމުންނެވެ. ނާޒިމް ޖަލަށްލާފައިވަނީ ހަތިޔާރު ގެންގުޅުނު ކަމަށް ސާބިތުވެ 11 އަހަރު ދުވަހަށެވެ.