ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބު: އެމްޑީޕީއާއި އަދާލަތު ގުޅިގެން ކުރިއަށް ދާން މަޝްވަރާކުރަނީ

ކުރިއަށް ހުރި އިންތިހާބުތަކުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

އެންމެ އަވަހަށް ދެން އޮތް ބޮޑު ދެ އިންތިހާބަކީ މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނާއި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ.

މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބު އޮތީ ކުރިއަށް އޮތް ޖެނުއަރީ 13 ވަނަ ދުވަހު އެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް މިހާރު މަޝްވަރާކުރަނީ ރޯދައިގެ ކުރިންނެވެ.

އެމްޑީޕީން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ ކުރިއަށް ހުރި އިންތިހާބުތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން ކުރިއަށް ދިއުމަށް މަޝްވަރާ ކުރި އެވެ. ނަމަވެސް އޭރު ދެ ޕާޓީން ވާހަކަ ދެއްކި ގޮތާ ހިލާފަށް އެމްޑީޕީން ވަނީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރެފަ އެވެ. އެ އިންތިހާބުގައި އަދާލަތު ޕާޓީއަށް އެއްވެސް ގޮނޑިއެއް ނުލިބެ އެވެ.

އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާ އެކު ސިޔާސީ މަސައްކަތްތައް ކުރަމުންދާ ޕާޓީ އެކެވެ. އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް މި އެމްޑީޕީއާ އެކު އަދާލަތު ޕާޓީން މަސައްކަތް ކުރި އެވެ.