ފިނިޕޭޖް

އެމިލީ އާއި ކްރިސްގެ "ޕެއިން ހަސްލާސް" ޓޮރޮންޓޯ ފެސްޓިވަލަށް

އެމިލީ ބްލަންޓް އާއި ކްރިސް އެވަންސްގެ "ޕެއިން ހަސްލާސް" ރިލީޒްކޮށްފި އެވެ.

މި ފިލްމު މިމަހުގެ 11 ވަނަ ދުވަހު އަދި ރިލީޒް ކުރީ ޓޮރޮންޓޯ އިންޓަނޭޝަނަލް ފެސްޓިވަލް ގައެވެ.

މި ފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކަނީ ބޭސް އުފައްދާ ކުންފުނިތަކުން ބޭސް ވިއްކުމުގައި ބޭނުންކުރާ ބައެއް ނޭދެވޭ އަމަލުތަކެވެ.

އެގޮތުން ފިލްމުން ފެންނަނީ ވަޒީފާ ގެއްލިގެން ގޮތް ހުސްވެފައިވާ އެކަނިވެރި މައެއް ކަމުގައިވާ ލައިޒާ ޑްރޭކް (އެމިލީ ބްލަންޓް)އާއި ޕާމަސޫޓިކަލް ކޮމްޕެނީގެ ސޭލްސް ރެޕެއް ކަމުގައިވާ ޕީޓް ބްރެނާ (ކްރިސް އެވަންސް) ދިމާވެ، މާލީގޮތުން ތަނަސްވެ، ޕާޓީކުރަމުންދާ ތަނެވެ. އެހެންނަމަވެސް ނަޒާހަތްތެރިކަން ގެއްލެމުންގޮސް، ނުރައްކާތެރި މައްސަލަ ގަނޑެއްގެ ތެރޭގައި ތާށިވެ އެވެ.

ހަގީގީ ހާދިސާތަކެއްގެ މައްޗަށް އެވަން ހިއުޒް ލިޔެފައިވާ ވާހަކައަކަށް ބިނާކޮށްފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޑޭވިޑް ޔޭޓްސް އެވެ.

ޑޭވިޑް ބުނީ ވާހަކަ އާއި ތަފާތުކޮށް، މި ފިލްމުގެ މައި ކެރެކްޓާ ލައިޒާ އާއި އޭނާގެ ބަލި ދަރިފުޅު ފީބީ އަކީ ބެލުންތެރިންނާ ގުޅުމެއް އިހްސާސްކުރުވުމަށްޓަކައި އުފެއްދި ކެރެކްޓަރުން ކަމުގައެވެ.

މި ފިލްމުގައި އެމިލީ އަދި ކްރިސްގެ އިތުރުން، އެންޑީ ގާސިއާ، ކެތަރިން އޯ ހާރާ، ކްލޯއީ ކޯލްމަން، ޖޭ ޑުޕްލަސް، ބްރާޔަން ޑާސީ ޖޭމްސް، އަމިތް ޝާ، އޯބްރީ ޑޮލާ، އަދި ވިލީ ރޭސާ ފެނެ އެވެ.

އާންމުކޮށް ސިނަމާތަކުގައި މި ފިލްމު އަޅުވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު 20 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާނީ އޮކްޓޯބަރު 27 ވަނަ ދުވަހުން ފެށިގެންނެވެ.