ސިއްހަތު

ހިކެން ބޭނުން ނަމަ އެކަމަށް އޮތް ހައްލަކީ ލޯތްބެވެ!

ހަށިގަނޑުން ސަރުބީ އެންދުމުގެ އަޒުމުގައި ކޮންމެ ދުވަހަކު ފަތިހު ޓްރެކަށް ދުވަން ދާން ގަސްދުކުރަނީ ހެއްޔެވެ؟ ނުވަތަ ޓްރެކުގައި ފަތަން ގަސްދުކުރަނީ ހެއްޔެވެ؟

އާ ދިރާސާއަކުން ދައްކާ ގޮތުން މިފަދަ އަޒުމެއް ކާމިޔާބުކުރުމަށް އޮތް އެންމެ މޮޅު ފޯމިއުލާ އަކީ ލޯތްބެވެ. ދުވަންދާއިރު ނުވަތަ ކަސްރަތުކުރަން ދާއިރު ބައިވެރިޔާ ވެސް މިކަމުގެ ތެރެއަށް ވައްދާށެވެ.

ޔުނިވާސިޓީ ކޮލެޖު ލަންޑަންގެ ތަޖުރިބާކާރުންގެ ޓީމަކުން ކުރިއަށް ގެންދިޔަ މި ދިރާސާ އިން އެނގުނު ގޮތުން، އެކުގައި ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތްކުރާ ދެ ލޯބިވެރިން ނުވަތަ ދެމަފިރިންގެ މި މަސައްކަތް މާ ބޮޑަށް ވެސް ކާމިޔާބެވެ. މިގޮތަށް ކަސްރަތުކުރުމަކީ އަންހެން މީހާ އަށާއި ފިރިހެން މީހާ އަށް އިތުރު ހިތްވަރެއް ލިބި މި ކަމުގައި ދެމިހުރުމަށް ފަސޭހަވާ ކަމެއް ކަމަށް ދިރާސާ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މި ރިޕޯޓް އެކުލަވާލާފައި ވަނީ ކައިވެނިކޮށްގެން އެކުގައި ދިރިއުޅޭ ނުވަތަ ލޯބިވެރިންގެ ގޮތުގައި ދިރިއުޅޭ 4،000 އަށް ވުރެ ގިނަ މީހުންގެ ފަރާތުން އެއްކޮށްފައިވާ ޑާޓާގެ މައްޗަށެވެ.

މި ދިރާސާ އިން އެނގުނު ގޮތުން "ލޯތްބަކީ" ދުންފަތުގެ ދެވިން ސަލާމަތްނުވެވިގެން އުޅޭ މީހުންނަށް ވެސް އޮތް އެންމެ މޮޅު ހައްލެވެ.

މިއީ ސިނގިރޭޓް ބޯ ފިރިހެން ކުއްޖާ، ސިނގިރޭޓް ބޯ އަންހެން ކުއްޖާއާ އިންނަ ޒަމާނެވެ. މި ނުބައި އާދަ ދޫކޮށްލަން ބޭނުންވާ ނަމަ ދެ މީހުން އެކުގައި ހުއްޓާލުމުން ނަތީޖާ ނުކުންނަ ގޮތް އަވަސް ކަމަށް ދިރާސާ އިން ދައްކަ އެވެ.

ދިރާސާގައި ބައިވެރިވި ފިރިހެނުންގެ ތެރެއިން 48 ޕަސެންޓް ބުނެފައި ވަނީ އެމީހުން ސިނގިރޭޓް ބުއިން ހުއްޓާލީ އެކުގައި އުޅުނު ބައިވެރިޔާ ވެސް އެކަން ހުއްޓާލުމުންނެވެ. ދިރާސާގައި ބައިވެރިވި އަންހެނުންގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުންގެ 50 ޕަސެންޓް ބުނެފައި ވަނީ ބައިވެރިޔާ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން ސިނގިރޭޓް އެއްލާލަން ފަސޭހަވާ ކަމަށެވެ.