އެކްސިޑެންޓް

ލ. ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާ މަރުވެއްޖެ

ލ. އަތޮޅުގެ ލިންކް ރޯޑްގައި ރޭ ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ މަރުވެއްޖެ އެވެ.

ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި މަރުވީ ސައިކަލު ދުއްވަން އިން އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެކްސިޑެންޓްގައި ސައިކަލުގައި އިން މީހާގެ އިތުރުން ކާރުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާވި މީހުން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށް ސައިކަލު ދުއްވި މީހާ މަރުވި ކަމުގެ މައުލޫމާތު ލިބުނީ ރޭ 1:51 ހާއިރު އެވެ.

މި ހާދިސާގައި މަރުވި މީހާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނަމަވެސް ކާރު ދުއްވަން އިން މީހާގެ ލައިސަންސް ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުންނެވެ.