މަގުމަތީގެ އެކްސިޑެންޓް

ހަފީޒް ބޭސްފަރުވާ އަށްފަހު މާލެ އަތުވެއްޖެ

އެކްސިޑެންޓެއްގައި އަނިޔާވި ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒު ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދިއުމަށްފަހު މާލެ އަތުވެއްޖެ އެވެ.

އަލީ ހަފީޒް ޖޫން މަހުގެ 28 ވަނަ ދުވަހު އެކްސިޑެންޓްވީ ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ހަފީޒަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ.

ހަފީޒަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެއާ އެމްބިއުލަންސުގައި އިންޑިއާއަށް ގެންދިޔައީ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު އެވެ. އޭނާ އަށް ފަރުވާ ދިނީ ކޮޗިން ހޮސްޕިޓަލް ގައެވެ.

ހަފީޒްގެ ހާޅު މިހާރު ވަރަށް ބޮޑުތަން ރަނގަޅުވި ކަމުގައިވިޔަސް އަދިވެސް އިތުރު ޗެކަޕް ތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ދާން ޖެހޭ ކަމަށް ހަފީޒްގެ އާއިލާއިން ބުނެ އެވެ. އަދި "ވޯކިން އެއިޑް"ގެ އެހީގައި އޭނާއަށް ހިނގައި އުޅެވޭ ކަމަށްވެސް އާއިލާއިން ބުންޏެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 18 އަހަރު ވެފައިވާ ހަފީޒް އެކްސިޑެންޓްވީ ލައިސަންސް ނެތި ސައިކަލް ދުއްވި 22 އަހަރުގެ ޒުވާނާ، ޝަމްއާން އަބްދުއްޝަކޫރު އަތުންނެވެ.

ޝަމްއާން ހައްޔަރު ކުރި ނަމަވެސް އޭނާ ވަނީ ވެހިކަލް ނުދުއްވުމަށް ޝަރުތުކޮށް ބަންދުން ދޫކޮށްލާފަ އެވެ.